ހދ. ހަނިމާދޫގައި ގާއިމްކުރާ ޕޮލިސް ސްޓޭޝަންގެ އަމަލީ މަސައްކަތް ފަށައިފިއެެވެ.

ހަނިމާދޫ ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ހދ. އތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ހަނިމާދުއަށް ވަޑައިގެން އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ހަނިމާދޫ ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅުއްވައިދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާން ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީންއެވެ.

ހަނިމާދޫ ޕޮލިސް ސްޓޭޝަންގެ މަސައްކަތް އާރުޑީީއާ ހަވާލުކުރީ މި އަހަރުގެ މާޗް 12 ވަނަ ދުވަހުއެވެ. މަސައްކަތުގެ އަގަކީ 36,034,224.43 މިލިޔަން ރުފިޔާއެވެ. އެ މަސައްކަތް ނިންމަން ދީފައިވާ ތާރީހަކީ 2026 ސެޕްޓެމްބަރު ހަ ވަނަ ދުވަހެވެ.

މި ދަތުރުފުޅުގައި އިހުސާން ވިދާޅުވީ ޕޮލިސް ޕޯސްޓުތައް ނެތް ރަށްތަކުގައި އެ މަރުކަޒުތައް ގާއިމް ވުމުން ހަނިމާދޫ ފަދަ ބޮޑެތި އާބާދީތަކުގައި ގިނަ ފުލުހުން ތިބެގެން ގިނަ ހިދުމަތްތައް ދެވޭނެ ގޮތަކަށް އިސްފްރާސްޓްރަކްޗާ ތައްޔާރު ކުރެވޭނެ ކަމަށެވެ.

"މީގެތެރޭގައި ފުލުހުންގެ އިމާރާތްތަކުގެ ތެރޭގައި ތަހުގީގު ކުރެވޭނެ ގޮތްތަކަކާއި އިންޓެލިޖެންސް ސެލްތަކާއި އޭގެ އިތުރުން ކަސްޓޯޑީއަށް ނަގާ ހާލަތްތަކުގައި ކަސްޓޯޑިއަލް ސެލްތަކާއި އަދި ވެހިކަލް ޓޯކުރަންޖެހޭ ރަށްރަށުގައި ނުވަތަ އަތޮޅުތަކުގައި އަތޮޅު ޓޯފެސިލިޓީ އާއި މީގެ އިތުރުން ފުލުހުން ގެންގުޅޭ ވެހިކަލްތައް ބަލައި މަރާމާތު ކުރެވޭނެ ގޮތްތައްވެސް މި ފެސިލިޓީ ތަކުގެ ތެރޭގައި ހިނެމިގެންދާނެ،" މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

މިއަހަރު ތެރޭގައިވެސް ގިނަ ރަށްރަށުގައި ވަނީ ފުލުހުންގެ މަރުކަޒުތައް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފައެވެ. އަދި ސަރުކާރުގެ އަމާޒަކީ ކުރިޔަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކުރުމެވެ.