މި ސަރުކާރުން ހދ. އަތޮޅުގެ ތަރައްގީއަށް އިސްކަންދީގެން ކުރަމުންދާ ކަންކަމުގެ ތެރޭގައި އަތޮޅުގައި ޓޫރިޒަމް ތަރައްގީކުރުން ހިމެނޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު، ހދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެއަތޮޅު ނައިވާދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ މި ސަރުކާރުން ވަނީ ހދ. އަތޮޅުގައި އިންވެސްޓް ކުރާ ފަރާތްތަކަށް ހާއްސަ ލުއިތަކެއް ދިނުމަށް ނިންމާފައި ކަމަށެވެ.
ރައީސް ވިދާޅުވީ އެ ނިންމުމާ ގުޅިގެން މިހާރު ވެސް ބައެއް އިންވެސްޓަރުން ދަނީ މައުލޫމާތު ސާފުކޮށް، ބިޑް ހުށަހެޅުމުގެ ކަންކަން ކުރަން ތައްޔާރުވަމުން ކަމަށެވެ.
"އެހެންވީމާ މިއަތޮޅުގައި އަޅުގަނޑުމެން ޓޫރިޒަމް ފައްކާކުރުމަށްޓަކައި ވަރަށް ގިނަ، ވަރަށް ގިނަ ކަންކަން އެބަކުރަން. އަޅުގަނޑުމެންނަށް ޔަގީންކަން އިރާދަކުރެއްވިއްޔާ އެބައޮތް އޭގެ ނަތީޖާ ފެންނާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއްވެސް ސަރުކާރަކަށް މިހާތަނަށް އައި އިރު ހދ. އަތޮޅުގައި ޓޫރިޒަމް ތަރައްގީ ކުރެވިފައިނުވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން ވަނީ މި އަތޮޅުގައި ޓޫރިޒަމް ތަރައްގީ ކުރަން މުހިންމު ފިޔަވަޅުތަކެއް އަޅައިފައި ކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުން ވަނީ މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ހުއްޓިފައިވާ ނާގޯށީގެ މަސައްކަތް ހަވާލުކޮށްފައިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ނާގޯށީގެ މަސައްކަތް، އެމްޓީސީން ވަރަށް ބާރަށް ކުރިއަށް ގެންދާނެ ކަމަށެވެ. އެ މަސައްކަތަށް އެހީވުމުގެ ގޮތުން ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފައިސާ ހަމަޖައްސައިދީފައިވާނެ ކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނީ މި އަތޮޅުގައި މިހާތަނަށް މިއޮތް ޓޫރިޒަމް ނެތި މިދާ ލޭބަލް ކަޑުވައިލަދީ ޓޫރިޒަމް ފައްކާކަމާ އެކީގައި ހިނގާ އަތޮޅަށް ހެދުން،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވީ ނައިވާދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް މި ޖަލްސާގެ ތެރެއިން ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތަކީ ރަށުގެ ގެދޮރުވެރިކަމަށް މުހިންމު މަޝްރޫއެއް ކަމަށެވެ.
އަދި ބިން ހިއްކުމުގެ މަޝްރޫއު ނިމުމުން ރަށުގެ ކުރިއެރުމަށް އިތުރު ފައިދާތަކެއް ވެސް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ނައިވާދޫއަކީ ފުޓްބޯޅައިގައި މަޝްހޫރުގައި ނަމަކަށް ވިޔަސް ރަށުގައި ރަނގަޅު ފުޓްބޯޅަ ދަނޑެއް ނޯންނަ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންވެ ފުޓްބޯޅަ ދަނޑެއް ހެދުމުގެ މަސައްކަތަށް މިހާރު ބަޔަކު ހޯދައިފައިވާ ކަމަށާއި ވަރަށް އަވަހަށް ފުޓްބޯޅަ ދަނޑެއް ހެދުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރަށުގެ ސްކޫލުގެ ހޯލުގެ މަސައްކަތް ލަސްވެފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެމްޓީސީސީން މިހާރު އެ މަސައްކަތް ކުރަމުންދާތީ ދެން އިތުރަށް ލަސްވެގެން ނުދާނެ ކަމަށެވެ.
ނައިވާދޫ ރައްޔިތުން ބޭނުންވާ ގޮތަށް ބަނދަރުގެ ޖާގަ އިތުރުކޮށް، ބަނދަރަށް ރަށު ރައްޔިތުން ގެންނަން ބޭނުންވާ ބަދަލުތައް ވެސް ގެނެސްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ނަރުދަމާގެ 80 ޕަސަންޓް ނިމިފައިވީ ނަމަވެސް ބާކީ މަސައްކަތް ދަނީ ވަރަށް ލަސް ސްޕީޑެއްގައި ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަސައްކަތް ކުރަމުންދާ ކުންފުންޏަށް ފައިސާގެ ދަތިތަކެއް ނާންނާނެ ގޮތަކަށް މިހާރު ކަންކަން ބައްޓަންކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރަށުގެ މަގު ހެދުުން ސަރުކާރުން ކުރިއަށް ގެންދާނީ ރައްޔިތުން ބޭނުންވާ ގޮތަކަށް ކަމަށާއި ރައްޔިތުން ބޭނުންވަނީ ގާ އަތުރައިގެން ނުވަތަ ތާރު އަޅައިގެން ނޫނިއްޔާ އެއިން އެއްވެސް ކަމެއް ނުކޮށް ފަސްގަނޑު ރަނގަޅުކޮށް ރަނގަޅު ފެންހިންދާ ނިޒާމެއް ގާއިމުކުރަން ކަމަށްވަންޏާ، ސަރުކާރުން އެކަންވެސް ކޮށްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ނައިވާދޫގެ ފަޅުގެ ތެރޭގައި އެހެން ދެ ރަށެއްވެސް އޮންނަ ކަމަށާއި ކައުންސިލުން ވަނީ އޭގެ ތެރެއިން ރަށެއް ހިމަނައިގެން ލޭންޑް ޔޫޒް ޕްލޭނިން ހަދައިފައި ކަމަށާއި ރަށުގެ ރައްޔިތުންނަށް ފައިދާވާ ކޮންމެ ކަމެއްގައި ސަރުކާރުގެ އެއްބާރުލުން ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު