އިޓަލީ ލީގުގެ އެންމެފަހުގެ ޗެމްޕިއަން ނަޕޯލީން މި ސީޒަނުގައި ކުޅުނު ފުރަތަމަ މެޗުގައި ރޭ 2-0 ގެ ނަތީޖާއަކުން ސަސުއޯލޯ ބަލިކޮށްފިއެވެ.

ރަށުން ބޭރުގައި ރޭ ނަޕޯލީން މޮޅެއް ހޯދާފައިވާ އިރު، އެޓީމަށް އަލަށް ގެންދިޔަ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ ވަނީ މެޗުގައި ގޯލު ޖަހައިފައެވެ. މެންޗެސްޓާ ސިޓީ ދޫކޮށް ޑި ބްރޭނާ މި ސީޒަނަށް ނަޕޯލީއަށް ބަދަލުވެފައިވާ އިރު، އެޓީމަށް އޮތީ ޗެލެންޖިން ސީޒަނަށެވެ.

ޕްރި ސީޒަނުގައި ފޯވަޑް ރޮމެލޫ ލުކާކޫއަށް އަނިޔާވެފައިވާ އިރު، އެތަން ފޫބައްދަން ކުޅުންތެރިޔަކު ހޯދަން ޖެހިފައިވާ ކަމަށް ކޯޗު އެންޓޯނިއޯ ކޮންޓޭ ވަނީ ބުނެފައެވެ. ރޭގެ މެޗަށް ލުކާކޫ ނެތްތަން ފޫބައްދަން ނުކުތީ ލޮރެންޒޯ ލޫކާއެވެ.

ރޭގެ މެޗުން ޑި ބްރޭނާގެ ނުފޫޒު ވަރަށް ރަނގަޅަށް ފެނިގެން ގޮސްފައިވާ އިރު، ފުރަތަމަކޮޅުގައިވެސް ރަނގަޅު ހަމަލާތަކަކަށް ފުރުސަތު ތަނަވަސްކޮށްދީފައިވެއެވެ. އަދި މެޗުގެ ބޮޑު ބައެއްގައި އޭނާ ޓެމްޕޯ ކޮންޓްރޯލް ކޮށްގެން ކުޅެފައިވާ އިރު، ނަޕޯލީން ވަނީ 17 ވަނަ މިނެޓުގައި ލީޑު ނަގައިފައެވެ.

މިދިޔަ ސީޒަނުގެ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާ ސްކޮޓް މެކްޓޮމިނޭ ޖެހި ގޯލަކީ މަޓެއޯ ޕޮލިޓާނޯގެ ހުރަހެއް ބޮލުން ގޯލަށް ވައްދާލައިގެން ޖެހި ގޯލެކެވެ.

ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ، ޑި ބްރޭނާ ޖެހި ގޯލަކީ އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން ޖެހި ގޯލެކެވެ. އޭނާ ހުރަސްކޮށްލި ބޯޅަ، ކީޕަރަށް އޮޅިގެންގޮސް ގޯލަށް ވަނީ ކުޅުންތެރިއެއް ގައިގައި ނުޖެހިއެވެ.