"ޑިއޭގޯ ސިމިއޯނީ އެތުލެޓިކޯ މެޑްރިޑް ދޫކޮށް، ރެއާލް މެޑްރިޑަށް ބަދަލުވުން ކަހަލަ ކަމެއް ތިއީ،"

އަލީ ސުޒޭން، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކޯޗުކަމާ ހަވާލުވި ކަމަށް ލިޔެފައިވާ ހަބަރުގައި ކިޔުންތެރިޔަކު ކޮމެންޓް ކޮށްފައިވެއެވެ. ގައުމީ ޓީމަށް ދާދިފަހުންވެސް ކޯޗުކަން ކޮށްދިން ސުޒޭން ނިންމި ނިންމުމަކީ ފުޓުބޯޅައަށް "ފާޑެއްގެ ޝޮކް"އެކެވެ. ސަބަބަކީ ސުޒޭންގެ ފުޓުބޯޅަ ހަޔާތަކީ ރަތާއި ރީނދޫ ކުލައިން ޖަރީވެފައިވާ ހަޔާތަކަށްވުމުންނެވެ.

"ވަރަށް އުނދަގޫ، އެހެންނަމަވެސް އުފާވެސްވި ނިންމުމެއް މިއީ،" ނިއު ރޭޑިއަންޓްގެ ކޯޗުކަމާ ދެ އަހަރަށް ހަވާލުވުން އެއީ ކިހާވަރެއްގެ އަސަރެއް ކުރި ނިންމުމެއްތޯ "ވަން ސްޕޯޓްސް"އިން އެހުމުން ސުޒޭން ބުންޏެވެ.

އުނދަގޫވި ކަންތައް އެނގެއެވެ. އުނދަގޫވީ ރާއްޖޭގެ ފުޓުބޯޅައިގެ ތާރީހުގައި އެންމެ ވަރުގަދަ ވާދަވެރިކަމުގެ ތެރެއިން ފަޅި ބަދަލުކޮށް، ކުލަ ބަދަލުކުރަން ޖެހުމުންނެވެ. ސުޒޭނަކީ މުޅި ފުޓުބޯޅަ ހަޔާތުގެ 40 އަކަށް އަހަރު ވިކްޓަރީގައި ހޭދަކުރި، މިހާތަނަށް ރާއްޖެ ދުށް އެންމެ ކާމިޔާބު އެއް ކޯޗެވެ. 2002 ވަނަ އަހަރު ކޯޗިންނަށް ނުކުތީވެސް ވިކްޓަރީންނެވެ. ކުޅުނުއިރުވެސް އެ ޖާޒީ ލިއެވެ.

އޭގެފަހުން އެ ކްލަބާއެކު ނުވަ ވަރަކަށް ސީޒަން ހޭދަކުރި ސުޒޭނަށް އެ ކްލަބާއެކު ނުހޯދޭ ކާމިޔާބީއެއްވެސް ނެތެވެ. އެ ކާމިޔާބީތަކުގެ އެންމެ ބޮޑު ވާދަވެރިއަކީ ނިއު ރޭޑިއަންޓެވެ. ނޫ ކުލައިގެ އެތައް ސަޕޯޓަރުންނެއް އޭރުވެސް ސުޒޭންގެ ހުނަރަށް ސުވާލު ނުއުފައްދާ ނަމަވެސް، ފާޑެއްގެ ފުޓުބޯޅަ ނަފުރަތެއް ކުރާނެތާއެވެ. އެހެން ނަމަވެސް، ސުޒޭން އިހުތިރާމު ދެމެހެއްޓިއެވެ.

ސުޒޭން ވިކްޓްރީގެ ބެންޗުގައި ---

ކޮންމެއަކަސް، ވިކްޓަރީއާއި ނިއު ރޭޑިއަންޓަކީ އިހުލާސްތެރި، "ހާޑް ކޯ" ސަޕޯޓަރުންތަކެއް އަދިވެސް ތިބި ދެ ކްލަބެވެ. ރަސް ވާދައިގެ ނަމުން މަޝްހޫރުވެފައި އޮތް ޑާބީއެކެވެ. އެ ޑާބީގައި ރޭ ވެގެންދިޔައީ ތަފާތު އިހުސާސެއް ކުރުވާނެ ރެޔަކަށެވެ. ރަތް ކުލައިގެ ޓީޝާޓެއްގައި ހުރި ސުޒޭން، އެ ޓީޝާޓް ބާލައި، ނޫ ކުލައިގެ ޓީޝާޓެއް ލުން އެއީ، ހަގީގަތުގައި ދިވެހި ފުޓުބޯޅައަށް ތަފާތު މަންޒަރެކެވެ. ދެކޮޅަށްވެސް އެކަމުގައި ވާހަކަ ހުންނާނެ ވަރުގެ ވަރުގަދަ ނިންމުމެއްވެސް މެއެވެ.

"އަސްލު ލިބުނު މިފަހަރު އެ އޮތް އެކްސްކޯއާއެކު އެފްއޭއެމްގެ ތެރޭގައި މަސައްކަތްކުރަންވެސް ފުރުސަތު. އެކަމަކު އެފްއޭއެމްއިން ބޯޅަ ފޯރިގަދަކޮށްލަން ކަންކަން ރާވައި، ލީގާ އެއްޗެހީގެ ފޯމެޓް ބަދަލުކޮށްލަން ވިސްނާފައި އޮތުމާއެކު، އިހުސާސްވީ މީގެ ތެރޭގައި ހުރުން އެއީ ފުޓުބޯޅައަށްވެސް އެންމެ ރަނގަޅުވާނެ ގޮތޭ. ބެންޗެއްގައި ހުރުން އެއީ،" އެފްއޭއެމްއިން ފުޓުބޯޅައިގެ އަލިމަސް ޔޫބީލް ފާހަގަކުރަން އެކުލަވާލި ކޮމިޓީގެ ޗެއާމަން ސުޒޭން ބުންޏެވެ.

19 އޮގަސްޓް 2025، މާލެ، ފުޓުބޯޅައަށް 75 އަހަރުން ފާހަގަކުރުމުގެ ހަރަކާތްތަކުގެ މައުލޫމާތު ދޭން ޑައިމަންޑް ޖުބިލީ ކޮމިޓީން ބޭއްވި ޕްރެސްގައި ސުޒޭން --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ސުޒޭނަށް ނިއު ރޭޑިއަންޓްގެ ޕްލޭން ކަމުދެއެެވެ. ނިއު ރޭޑިއަންޓުން ދުރު ރާސްތާ ޕްލޭނެއް ހަދާފައިވާ ކަމަށް ސުޒޭން ބުނި އިރު، އޭނާ ބުނީ ޔަގީންކަމާއެކު އެ ޕްލޭން ކާމިޔާބުވާނެ ކަމަށެވެ. އަދި އެކަމަށްޓަކައި، "ނިއު ރޭޑިއަންޓްގެ އޮފާ ދޫކޮށްނުލެވުނީ،" ކަމަށްވެސް ސުޒޭން ބުންޏެވެ.

ސުޒޭންގެ ނަޒަރުގައި އޭނާ ނިންމުން ނިންމީ، ފައިސާގެ އޮފާ ރަނގަޅުވުމުން އެކަންޏެއް ނޫނެވެ. މުޅި ޕްލޭންވެސް ރަނގަޅުވުމުންނެވެ. ދެން އޮތީ ކުލަ ބަދަލުކުރުގެ ޖަޒުބާތާއި، އޭގެން އުފާވި ސަބަބުތާއެވެ.

"ކުރިން ނޫ ކުލައިގެ ޓީޝާޓެއް ލާންވެސް އުނދަގޫ"

"މީގެ ދެ ދުވަހެއް ކުރިންވެސް އަހަރެން ނިއު ރޭޑިއަންޓަށް ބަދަލުވާން އުޅޭކަމަށް ރަށު ތެރޭގައި ދެން ވާހަކަ ދެކެވެމުން އެބަދޭ. އެކަން ވާނީވެސް އެހެންތާ. އަހަންނަކީ އެންމެ ކުޑައިރުން ފެށިގެންވެސް ވިކްޓަރީގެ ސަޕޯޓަރެއް. އަހަރެން ކުރިން ކޯޗުކަމަށް ނުނުކުންނައިރު ރޮން ވިކްޓަރީ، ނިއު ރޭޑިއަންޓް ކައިރިން ބަލިވާ ދުވަސް ދުވަހު،" ސުޒޭން އިތުރަށް ބުންޏެވެ.

ސުޒޭން ވިކްޓްރީގެ ޕްރެސްއެއްގައި --- ފޮޓޯ/ ނިޝާން އަލީ، މިހާރު

ސުޒޭނަކީ ވިކްޓަރީން ޓީމެއް ހަދައިގެން ސީޒަނަކަށް ނުކުމެ ނުކުމެ އޮއްވައިވެސް، ކުއްލިއަކަށް އެ ކްލަބުގެ ކޯޗުކަމަށްވެސް އެއްފަހަރު އައި ކޯޗެކެވެ. އެއީ ހަނދާންވާ ގޮތުގައި 2017 ވަނަ އަހަރުއެވެ. އެ މަންޒަރު ދައްކުވައިދިނީ ވިކްޓަރީން ސުޒޭނަށް އަބަދުވެސް ކުރަމުން ދިޔަ އިތުބާރެވެ. އޭނާއަށް އެ ކްލަބަށް އޮންނަ ޔަގީންކަމެވެ. އޭނާއަކީ ކޯޗެއްގެ އިތުރުން އެތައް ގޮތަކުން އެ ކްލަބު ހިންގުމުގެ އިސް މުޝީރެއްވެސް މެއެވެ.

ފައިސާ ހޯދުމާއި، ކްލަބުގެ ކަންކަން އިންތިޒާމުކުރުމަށް އިސްނެގުމުގެ ނަމޫނާއެއްވެސް މެއެވެ. ދެން އެ ކުލަ ދޫކޮށް، ނޫ ކުލައިގެ ބާޒުގެ ފިޔައިގައި ހިފަހައިގެން ނުކުތް ނުކުތުން ހާއްސަވީ ކީއްވެގެންތޯ އެހުމުން އޭނާ ދިނީ ތަފާތު ޖަވާބެކެވެ.

"އަސްލު ހަގީގަތަށް ބުނަންޏާ އަހަންނަށް ބޯޅައިގައި ކުރިން ކުރެވުނު ތަޖުރިބާގައި، އޭރު ވަރަށް އުނދަގޫވެސް ވާނެ ނޫ ކުލައިގެ ޓީޝާޓެއްވެސް ލާން. އެއީ އޭރުގެ ހާލަތު. އެކަމަކު ހަގީގަތަކީ ފުޓުބޯޅަ މިހާރު ބަދަލުވެ، މި އުޅެނީ ފެށުމަކާ ހަމައިގައި. ދެން އެ ބަދަލުގެ ތެރެެއިން އަހަރެންވެސް ތަފާތު ތަޖުރިބާއެއް ކޮށްލީ. މާ ގިނަ ދުވަހަކު މީގެ ތެރޭގައި ދެން ނުވެސް އުޅެވޭނެތާ. އަނެއްކާ، އަހަރެން އަބަދުވެސް ހިތަށް އެރި، ނިއު ރޭޑިއަންޓަކީ އަހަރެން ކޮންމެވެސް ދުވަސްކޮޅެއްގައި ނަމަވެސް، މަސައްކަތް ކުރަން ޖެހޭ ކްލަބެކޭ. އެ ހުވަފެން ހަގީގަތަކަށް ވެއްޖެ. އެއީ ދެން ހިތުގައި އޮތް އުފާވެރިކަމެއް،" ސުޒޭން ބުންޏެވެ.

ސަޕޯޓަރުންގެ އިހުސާސްތައް ހުރި ގޮތްވެސް ސުޒޭން ބެލިއެވެ. ވިކްޓަރީގައި ތިބި އޭނާގެ ލޯބިވާ ސަޕޯޓަރުންނާ ގޮތް ނިންމަންވެގެން ބައެއް ވާހަކަތައް ދެއްކިވެސް މެއެވެ. އަނެއްކޮޅުން މިހާރުވެސް ނިއު ރޭޑިއަންޓުގެ އެތައް ސަޕޯޓަރުންނެއް ސުޒޭނަށް މެސެޖު ކޮށްފިއެވެ.

"ވަރަށް ގިނަ ހާޑްކޯ ސަޕޯޓަރުންތަކެއް މެސެޖުކޮށްފި، ތިހުރީ ހުންނަން ޖެހޭ ތަނުގައި ކަމަށް. އެހެންވީމަ ދެން ބަލައިގަންނާނެ ކަމަށް ބަލާނީ،" ސުޒޭން ބުންޏެވެ.

ސުޒޭންގެ ކެރިއަރުގައި ނެގި އެންމެ ތަފާތު ތަޖުރިބާއާއެކު، އަދި ނިއު ރޭޑިއަންޓާއެކު ނުކުންނަން އޮތީ ދެވަނަ ޑިވިޝަނަކަށެވެ. އެކަމަކު ސުޒޭންގެ އެ ނިންމުމާއެކު ނިއު ރޭޑިއަންޓުން ފުރަތަމަ ޑިވިޝަނަށް އަރަން "ތަފާތު ރޫޓަކުން" ކުރަމުން އައި މަސައްކަތް ކާމިޔާބުވީ ކަމަށްވެސް ތަޖުރިބާކާރު ބުނެއެވެ.

ސުޒޭނަކީ ނިއު ރޭޑިއަންޓް ފުރަތަމަ ޑިވިޝަނަށް އަރާނެކަމަށް ދިން ސިގްނަލެއް؟

ނިއު ރޭޑިއަންޓް މިވަގުތު ދެވަނަ ޑިވިޝަނުގައި އޮތް ނަމަވެސް، އެ ކްލަބުން އަލުން ފުރަތަމަ ޑިވިޝަނުން ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ބައެއް ފުޓުބޯޅައިގެ ތަޖުރިބާކާރުން ބުނެއެވެ. އެ ކްލަބުގެ ޗެއާމަން އަހުމަދު މުބީން، މީގެ ދުވަސްކޮޅެއް ކުރިން، އޭނާގެ ރަސްމީ ފޭސްބުކް އެކައުންޓުގައި ލިޔުއްވާފައިވަނީ، ކުރިއަށް އޮތް ސީޒަނަށް ނިއު ރޭޑިއަންޓްގެ ބޮޑެތި ކަންތައްތަކެއް އެބަ އަންނަ ކަމަށާއި އެކަންކަން އިއުލާނުކުރުމަށް ބޮޑު އިވެންޓެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަ ވާހަކައެވެ.

"ވަން ސްޕޯޓްސް" އާ ވާހަކަދެއްކި ކްލަބެއްގެ އިސް ފަރާތަކުން ބުނީ ނިއު ރޭޑިއަންޓުން ފުރަތަމަ ޑިވިޝަނަށް އަންނަން މަސައްކަތްކުރަނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ފުރަތަމަ ޑިވިޝަން ދޫކޮށްލުމުން، އެ ކްލަބުގެ ބަދަލުގައި ކަމަށެވެ. އެއީ ނިއު ރޭޑިއަންޓަކީ ދެވަނަ ޑިވިޝަނުގެ ރަނަރަޕް ޓީމު ކަމަށްވާތީ، އެ ނިންމުން ނިންމަން މަސައްކަތް ކުރަމުންދާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

20 ނޮވެމްބަރު 2024: މާލެ، ނިއު ރޭޑިއަންޓްގެ ކޮންގްރެސް 2024 ގެ ތެރެއިން ސުޒޭން --- ވަން ފޮޓޯ: ޔޫސުފް ސޮފްވާން

ސުޒޭން ފެންވަރުގެ ތަޖުރިބާކާރު، ރާއްޖޭގެ އެންމެ ޓޮޕް ކޯޗެއް ކުއްލިއަކަށް ކްލަބަށް ނެރުން އެއީ އެކަމަށް ދިން ޔަގީންކަމެއް ކަމަށް ބެލުމަށް ޖާގަ އެބައޮތެވެ. އެހެންކަމުން އަންނަ މަހު ފަށަން އޮތް ސީޒަނަށް ކޮންމެވެސް ވަރެއްގެ ފޯރިއެއް މިވަނީ ހިފަން ފަށައިފައެވެ. ސުޒޭނަކީ "ހެޑްލައިން މޭކިން" ކޯޗެކެވެ. ޗެލެންޖް ކުރާނެއެވެ. އަބަދުވެސް މިސާލު ޖަހާނީ ނިކަން މޮޅަށެވެ. އެ މަންޒަރު ކްލަބު ފުޓުބޯޅައިން މަދުވި މަދުވުން، އަލުން އަންނާނެކަން ޔަގީނެވެ. ބަލަމާ ހިނގާށެވެ.