ހެރީ ކޭން ހެދި ހެޓްރިކާއެކު ބަޔާން މިއުނިކުން ލީގުގައި އާރްބީ ލެއިޕްޒިގުގެ މައްޗަށް ބޮޑު މޮޅެއް ހޯދައިފިއެވެ.

ބަޔާނުން މި ސީޒަނުގެ ލީގު ފެށުމަށް ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ލެއިޕްޒިގް ބަލިކުރީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މެޗުގެ ދެވަނަ ހާފުގައި އިންގްލެންޑް ކެޕްޓަން ކޭން ހެޓްރިކް ފުރިހަމަ ކޮށްފައިވާ އިރު، އޭނާއަކީ މިދިޔަ ސީޒަނުގައި ވެސް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. ކޭން ވަނީ މިދިޔަ ސީޒަނުގެ ލީގުގައި 26 ގޯލު ޖަހައިފައެވެ.

ކޭންގެ ގޯލުތައް ފަހު ހާފުގެ 64، 74 އަދި 78 ވަނަ މިނެޓުގައި ފެނިގެން ގޮސްފައިވާ އިރު، ފުރަތަމަ ހާފުންވެސް ބަޔާނުން އޮތީ ގާތްގަނޑަކަށް މޮޅު ޔަގީން ކޮށްފައެވެ. އެޓީމަށް އަލަށް ގެންދިޔަ ލުއިސް ޑިއާޒް ލީގުގައި ފުރަތަމަ ކުޅުނު މެޗުގައި ވެސް ގޯލު ޖަހާފައިވާ އިރު، އޭނާ ވަނީ ލީގު ހުޅުވުމަށް ކުޅުނު ސުޕަ ކަޕުގައިވެސް ގޯލު ޖަހައިފައެވެ.

ޑިއާޒްގެ އިތުރުން ފުރަތަމަ ހާފުގައި ބަޔާނުން ދެން ޖެހި ދެ ގޯލުވެސް ޖެހީ މައިކަލް އޮލީސޭއެވެ.