މިދިޔަ އަހަރު ބެލޮންޑިއޯ ހޯދި މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ރޮޑްރީ، އަނިޔާއިން ރަނގަޅުވެސް ސްކޮޑުގައި ހިމެނޭ ވަރަށް ފިޓްވެފައިވާ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ރޮޑްރީއަށް މިދިޔަ ސީޒަނުގެ ފެށުން ދިޔައީ ގޯސްކޮށެވެ. ސީޒަނުގެ ކުރީކޮޅުގައި ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ސާޖަރީއަކަށް ދާން ޖެހި، ބޮޑު ބައެއްގެ ކުޅުން ވަނީ ގެއްލިފައެވެ. ސީޒަން ނިމެން ދަނިކޮށް އެނބުރި ކުޅުމަށް އައިސް، ރޮޑްރީ ވަނީ ކްލަބު ވޯލްޑް ކަޕުގައި ކުޅެފައެވެ. އޭނާއަށް ދެވަނަ ފަހަރަށް އަނިޔާވީ އެ މުބާރާތުގެ ތެރެއިންނެވެ.

ފަލަމަސްގަނޑުގެ އެތެރެ ފަރާތަށް ލިބުނު އަނިޔާގެ ސަބަބުން ދެ މަހެއްހާ ދުވަސް ކުޅުމާ ދުރުގައި ހުރުމަށްފަހު، ސިޓީން މިއަދު ޓޮޓެންހަމްއާ ދެކޮޅަށް ކުޅޭ މެޗަށް އޭނާ ސްކޮޑުގައި ހިމެނޭނެ ކަމަށް ގާޑިއޯލާ ބުންޏެވެ.

"އަހަރެން ބޭނުންވަނީ ރޮޑްރީ ކޮންސިސްޓެންޓް ކޮށް ބޭނުންކޮށްލަން ލިބުން. އޭނާގެ ކޮލިޓީއާ ހުނަރާ ދޭތެރޭ އަހަންނަށް އެއްވެސް ސުވާލެއް ނެތް. އަދިވެސް އެއީ ދުނިޔޭގެ އެއްވަނަ. ރޮޑްރީއަށް ޖެހިލުމެއް ނެތި މެޗަކަށްފަހު މެޗެއް ކުޅެވޭނީ އަދި ރަނގަޅަށް ތަމްރީނުކޮށް، މެޗުތަކުން ވަގުތު ލިބިގެން،" ގާޑިއޯލާ ބުންޏެވެ.

ފިލް ފޮޑެންވެސް ފިޓްވެ، ސްކޮޑަށް ނުކުންނަ ވަރުވެފައިވާ ކަމަށް ގާޑިއޯލާ ފާހަގަކޮށްފައިވާ އިރު، އެ ދެކުޅުންތެރިން އެނބުރި އައުމާއެކު ސިޓީއަށް ވަނީ ހިތްހަމަ ޖެހުމެއް ލިބިފައި ކަމަށްވެސް ގާޑިއޯލާ ބުންޏެވެ.

މިދިޔަ ހަފުތާ ސިޓީން ކުޅުނު މެޗުގައި ވުލްވްސް ކައިރިން މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ.