ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މާމގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނިން ހިންގާ ކާޑެއްދޫ އެއާޕޯޓުގެ އެއްބަސްވުން ބާތިލުކޮށް، ވިލާ ކުންފުންޏަށް 18 މިލިއަން ޑޮލަރު ގެއްލުމުގެ ބަދަލުގެ ގޮތުގައި ދިނުމަށް ނިންމައިފިއެވެ.

ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ކޯޕަރޭޓް ޑިވެލޮޕްމެންޓް މުހައްމަދު ޝާހިދު ސޮއިކުރައްވައި މިމަހުގެ 19 ވަނަ ދުވަހު ވިލާ އެއާ ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރު އިބްރާހިމް ސިޔާދު ގާސިމަށް ފޮނުއްވި ސިޓީއެއްގައި ބަޔާންކޮށްފައިވަނީ ވައިގެ ދަތުރުފަތުރު އިތުރަށް ފުޅާކޮށް، ވައިގެ މަގުން ރަށްތައް ގުޅާލުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ގދ. ކާޑެއްދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެހެންވެ ސަރުކާރުން ވިލާ އެއާއެކު ވެފައިވާ ލީސް އެއްބަސްވުން ބާތިލުކޮށް، އެ އެއާޕޯޓު ދައުލަތަށް ނެގުމަށް ނިންމާފައިވާ ކަމަށެވެ.

ސިޓީގައި ބަޔާންކޮށްފައިވަނީ ކާޑެއްދޫ އެއާޕޯޓް އަދި އެއާޕޯޓާ ގުޅިގެން ތަރައްގީކުރާ މަޝްރޫއުތަކަށް 100 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް އޮޑިޓް ފާމެއް ކަމަށްވާ އާންސްޓް އެންޑް ޔަންގްއިން ލަފާކޮށްފައިވާ ކަމަށެވެ.

ނަމަވެސް އޭގެ ބަދަލުގެ ގޮތުގައި ދައުލަތުން 21 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ވިލާ އެއާއިން އެދުނު މައްސަލައާ ގުޅިގެން ރައީސް އޮފީހުން ބެލިބެލުމުން، ކާޑެއްދޫ އެއާޕޯޓުގެ އަގަކީ އާންސްޓް އެންޑް ޔަންގުގެ އިވެލުއޭޝަން ރިޕޯޓުގައި ބަޔާންކޮށްފައިވާ 18.5 މިލިއަން ޑޮލަރުކަމަށް ސިޓީގައި ބަޔާންކޮށްފައިވެއެވެ.

އެ ސިޓީގައި އިތުރަށް ބަޔާންކޮށްފައިވަނީ އެއާޕޯޓް ތަރައްގީކުރުމަށް ޖާމިނުކޮށް، ދައުލަތުގެ ފަރާތުން ވިލާ އެއާއަށް ދޫކޮށްފައިވާ ދެ ފަޅުގެ އަގުކަމުގައިވާ 15 މިލިއަން ޑޮލަރު ހިމަނައިގެން ޖުމްލަ 33.5 މިލިއަން ޑޮލަރުކަމަށް، މި މައްސަލައާ ގުޅިގެން މިމަހުގެ 14 ވަނަ ދުވަހު ބޭއްވި އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުމުގައި މަޝްވަރާކޮށް ގޮތެއް ނިންމާފައިވާ ކަމަށެވެ.

އެގޮތުން "ގދ. ކާޑެއްދޫ އެއާޕޯޓް އަނބުރާ ސަރުކާރާ ހަވާލުކުރެއްވުމަށްޓަަކައި، އެ އެއާޕޯޓާއި ގުޅިގެން ތިޔަ ކުންފުނިން ކުރައްވާފައިވާ ހަރަދުތަކުގެ ބަދަލެއްގެ ގޮތުގައި 18 މިލިއަން އެމެރިކާ ޑޮލަރު، ދައުލަތަށް މާލީ ބުރައަކަށްނުވާ ގޮތަށް، 18 މަސް ދުވަހަށް ބަހާލައިގެން ދައުލަތުން ތިޔަ ކުންފުންޏަށް ދެއްކުން ނުވަތަ ވިލާ ގްރޫޕުގައި ހިމެނޭ ކުންފުނިތަކުން ދައުލަތަށް ދައްކަންޖެހޭ ޓެކްސް ފައިސާއިން 18 މަސް ދުވަހަށް ބަހާލައިގެން އެޖަސްމެންޓު ހެދުން" ރައީސް އޮފީހުގެ ސިޓީގައިވެއެވެ.

އެހެންކަމުން އެކަންކަމަށް އެގޮތަށް ވިލާ އެއާއިން އެއްބަސްވާނަމަ، ވިލާ އެއާއެކު ހަދާފައިވާ އެއްބަސްވުމާއި، އެއްބަސްވުމާ ގުޅުންހުރި ހުރިހާ ބައިތަކެއް، ކަމާބެހޭ ސަރުކާރު މިނިސްޓްރީންތަކުން ބާތިލުކޮށް، ވިލާ އެއާއިން އެއްބަސްވާ ގޮތަކަށް ބަދަލު ދިނުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް އިކޮނޮމިކް ކައުންސިލުން ނިންމާފައިވާކަމަށް ސިޓީގައި ބުންޏެވެ.