ތިނަދޫ ސިޓީގައި އެއާޕޯޓެއް ހެދުމަކީ އެ ސިޓީގެ ތަރައްގީއަށް އެޅޭނެ ހުރަހެއް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ތިނަދޫގައި މިރޭ ކުރިއަށްދިޔަ "އާބާދީ 60" ޖަލްސާގައި ނަޝީދު ވިދާޅުވީ، ތިނަދޫގައި އެއާޕޯޓެއް ހެދުން އެ މަނިކުފާނަށް "އޯކޭ" އެއް ނޫން ކަމަށާއި އެއީ އެ ސިޓީގެ ތަރައްގީއަށް އެޅޭނެ ބޮޑު ހުރަހެއް ކަމަށެވެ.

"މި ތަނުގައި އެއާޕޯޓެއް ހައްދަވައިފިނަމަ މި ތަނުގެ ތަރައްގީއަށް އެ އެޅެނީ ބޮޑު ހުރަހެއް. މި ތަނާ ހަތް މިނެޓު ހަ މިނެޓު ދުރުގައި އެ އެއޮތީ އެއާޕޯޓެއް. އެތަން އަވަހަށް ތަރައްގީކޮށް އަވަހަށް ނިންމަވައިދެއްވާ" ކާޑެއްދޫ އެެއާޕޯޓަށް އިޝާރާތްކުރައްވައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، އެކަމާ ތިނަދޫ ރައްޔިތުން ވިސްނާނެކަމާ މެދު ޝައްކު ނުކުރައްވާ ކަމަށާއި ތިނަދޫ ރައްޔިތުންގެ ތޫނުފިލިކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެ ރައްޔިތުން އަބަދުވެސް ވިސްނާނީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަށް ކަމަށް ވިދާޅުވިއެވެ.

"އެހެންނަމަވެސް އަޅުގަނޑުމެންގެ ހިތްތަކަށް ވައްދާފައި އެ އޮންނަނީ ތަރައްގީއަކީ މާލެއޭ. ނަމަނަމަ މާލެ ހައްދަވަން ނޫޅުއްވާތި މި ރަށުގައި. މިއީ މާލެއަކަށް ހައްދަވައިފިނަމަ ރާއްޖެ އަޅުގަނޑުމެންނަށް ސަލާމަތްކުރަން އުނދަގޫވާނެ. ގަސްތައް ބަހައްޓަވާތި، ގޮނޑުދޮށްތައް ބަހައްޓަވާތި، ފަރުތައް ހަލާކުކޮށްނުލައްވާތި. މި ގުދުރަތީ ރޭވުންތެރިކަމާއެކީގައި ތަރައްގީ ހޯދޭނެ. އެ ތަރައްގީއަށް އަޅުގަނޑުމެން މިސްރާބު ޖަހަންވީ" ރައީސް ނަޝީދު ވިދާޅުވިއެވެ.

ތިނަދޫގައި އެއާޕޯޓު ނުހަދައި ކާޑެއްދޫ އެއާޕޯޓު ތަރައްގީކުރަން ނަޝީދު ގޮވާލެއްވި އިރު، ވިލާ ކުންފުންޏާ ހަވާލުކޮށްފައި އޮތް ގދ. ކާޑެއްދޫ އެއާޕޯޓް، ސަރުކާރަށް މިހާރު ވަނީ ދޫކޮށްލައިފައެވެ. އަދި އެކަމުގެ ބަދަލުގެ ގޮތުގައި 18 މިލިއަން ޑޮލަރު ނުވަތަ އެ ކުންފުންޏަށް ޓެކްސް އިން ލުޔެއް ދޭން އިކޮނޮމިކް ކައުންސިލުން ވަނީ ނިންމައިފައެވެ.

ކާޑެއްދޫ އެއާޕޯޓް ވިލާ އެއާއާ އެންމެ ފުރަތަމަ ހަވާލުކުރީ 2013 ވަނަ އަހަރު 50 އަހަރު ދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް ޖެނުއަރީ 2017 ގައި އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަނީ އެ ތަނުގެ އެއްބަސްވުން ބާތިލުކޮށް، އެއާޕޯޓް އަތުލައިފައެވެ. ނަމަވެސް އެ އެއާޕޯޓް ވިލާއަށް އަނބުރާ ދޭން ސިވިލް ކޯޓުން 2018 ގައި ހުކުމްކުރިއެވެ. އެ ހުކުމް ހައި ކޯޓާއި ސުޕްރީމް ކޯޓުންވެސް ދެމެހެއްޓުމުން، އެއާޕޯޓު ވިލާ އެއާއާ އަލުން ހަވާލުކުރީ މާޗު 2022 ގައެވެ.

ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓު ހެދުމަށް އެކަމުގެ އެމްއޯޔޫގައި ތައިލެންޑުގެ ކުންފުންޏާއެކު ދިވެހި ސަރުކާރުން ވަނީ ސޮއިކޮށްފައެވެ. ޖުމްލަ 600 މިލިއަން ޑޮލަރުގެ އެ މަޝްރޫއަށް ފައިނޭންސް ކުރާނީ އެ މަސައްކަތް ހަވާލުކޮށްފައިވާ ތައިލެންޑުގެ ޕްލޭން ޕެސިފިކް ކުންފުނިން ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި ޕޭން ޕެސިފިކް ކުންފުނިން ޕްރޮޕޯސަލް ހުށަހަޅާފައިވަނީ ހަތަރު ކިލޯމީޓަރުގެ ރަންވޭއަކާއި އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ޕަސެންޖާ އަދި ސީޕްލޭން ޓާމިނަލެއްގެ އިތުރުން އިންޓަނޭޝަނަލް އެއާޕޯޓެއްގައި ހިމެނޭ ހުރިހާ ވަސީލަތެއް ގާއިމުކުރުމަށް ކަމަށެވެ. އަދި މަތީ ފަންތީގެ ރިސޯޓާއި ޔޮޓް މެރީނާއަކާއި ފްލައިން ސްކޫލެއް ތަރައްގީ ކުރުމަށް ވެސް ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަނީ އެންމެ ބޮޑެތި މަތިންދާބޯޓު ޖެއްސޭ ފެންވަރަށެވެ. އެ އެއާޕޯޓުގައި ފިއުލް ފާމަކާއި ސީ ޕްލޭން ޓާމިނަލެއްވެސް ތަރައްގީކުރާނެއެވެ.