ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި މަކިޓާގެ ޕާޓްނާޝިޕަށް 25 އަހަރުން ފުރުން ފާހަގަކޮށްފިއެވެ.
އެސްޓީއޯއިން މިއަދު ބުނީ އެ ހަފުލާ ބާއްވާފައިވަނީ ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ކަމަށެވެ. އެސްޓީއޯއިން ބުނީ އެ ހަފުލާ ޝަރަފުވެރިކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ ކަމަށެވެ. އަދި އެސްޓީއޯގެ އެމްޑީ އަދި ސީއީއޯ، ޝިމާދު އިބްރާހިމް، މަކިޓާގެ ފަރާތުން މަކިޓާގެ ޑިރެކްޓާ ކޯޕަރޭޓް އޮފިސާ ބައިނަލްއަގުވާމީ ސޭލްސް ހެޑްކުއާޓާ، އޮމޮޓޭ ޓަކާޝީވެސް ވަނީ އެ ހަފުލާގައި ބައިވެރިވެވަޑައިގެންފައިކަމަށް އެސްޓީއޯއިން ބުންޏެވެ.
އެ ހަފުލާގައި މަކިޓާގެ އާ ޓޫލްސްތައް ތައާރަފުކޮށް، ހާއްސަ އެކްސްޕީރިއަންސް ޒޯނެއްގައި ބައެއް ޓޫލްތައް ބޭނުން ކުރެވޭ ގޮތް ހަފުލާގެ ބައިވެރިންނަށް ދައްކާފައިވާނެކަމަށް އެސްޓީއޯއިން ބުންޏެވެ. އަދި އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލޮއުޝަންސްގެ ޑިރެކްޓާ މުހައްމަދު އީމާން ވަނީ އެސްޓީއޯއާއި މަކިޓާގެ 25 އަހަރުވީ ގާތް ގުޅުމަށް އަލިއަޅުވާލައި، ކަސްޓަމަރުންނަށް ހާއްސަ ޝުކުރެއް ދަންނަވާފައި ކަމަށް އެސްޓީއޯއިން ބުންޏެވެ.
އަދި އެސްޓީއޯ މަކިޓާއިން އެންމެ ގިނައިން ވިޔަފާރި ކުރި ކަސްޓަމަރުންނަށާއި އެސްޓީއޯ މަކިޓާއާ ގާތް ގުޅުމެއް ބާއްވަމުން ގެންދާ ކަސްޓަމަރުންގެ އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލައެއް އެ ހަފުލާގައި އަރުވާފައިވާ ކަމަށް އެސްޓީއޯއިން ބުންޏެވެ.
އޭގެ ތެރޭގައި އެމްއޭސީއެލް، އެޗްޑީސީ، ސްޓެލްކޯ، އެމްޕީއެލް، އެމްޓީސީސީ، އެމްއެންޑީއެފް، ޔުނިވާސަލް ހޯކްސް ޕްރައިވެޓް ލިމިޓެޑް، އަލިއާ ކޮންސްޓްރަކްޝަންސް ޕްރައިވެޓް ލިމިޓެޑް، އެސްޖޭ ކޮންސްޓްރަކްޝަންސް ޕްރައިވެޓް ލިމިޓެޑް ފަދަ ކުންފުނިތައް ހިމެނޭކަމަށް އެސްޓީއޯއިން ބުންޏެވެ.
އެ ހަފުލާ ނިންމާލުމުގެ ގޮތުން، މަކިޓާގެ ޑިރެކްޓާ، ކޯޕަރޭޓް އޮފިސާ، ބައިނަލްއަގުވާމީ ސޭލްސް ހެޑްކުއާޓާ، އޮމޮޓޭ ޓަކާޝީ އަދި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ ވަނީ ވާހަކަ ދައްކވާފައި ކަމަށް އެސްޓީއޯއިން ބުންޏެވެ.
އެބޭފުޅުން ވަނީ މަކިޓާއާއި އެސްޓީއޯއާ ދެމެދު އޮތް ގުޅުން ފާހަގަކޮށް އޭގެ ސަބަބުން ރާއްޖޭގެ އިމާރާތް ކުރުމުގެ ސިނާއަތަށް އަންނަމުންދާ ހެޔޮ ބަދަލުތައް ފާހަގަކޮށް އެކަމަށް މަރުހަބާ ދަންނަވާފައި ކަމަށް އެސްޓީއޯއިން ބުންޏެވެ.
ހަމަ އެއާއެކު މަކިޓާއާއި އެސްޓީއޯގެ ޕާޓްނާޝިޕްގެ ސަބަބުން ޖަޕާނާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމަށް ކޮށްފައިވާ ހެޔޮ ބަދަލުތައް ސަފީރު ފާހަގަކުރެއްވި ކަމަށް އެސްޓީއޯއިން ބުންޏެވެ.
މުހައްމަދު އިޝާން
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯ