ޗެނަލް-13ގެ ބްރޮޑްކާސްޓް ވަގުތީ ގޮތުން މެދުކަނޑާލަން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އިން އެންގުމުން އެކަން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)އިން ކުށްވެރިކޮށްފިއެވެ.

ބްރޯޑްކޮމްއިން ވަނީ ރޭ 8 އިން 9 އަށް ޗެނަލް13ގެ ބްރޮޑްކާސްޓް ހުއްޓާލަން އަންގައިފައެވެ. ބްރޯޑްކޮމްއިން އެގޮތަށް އެންގީ މީގެ 10 ދުވަސް ކުރިންނެވެ. ބްރޯޑްކޮމްއިން އެގޮތަށް އަންގާފައިވީ ނަމަވެސް ޗެނަލް13 އިން ވަނީ ރޭ އެ ވަގުތު ޕީއެންއެފްގެ ޖަލްސާއެއް ލައިވްކޮށް ބްރޯޑްކާސްޓުކޮށްފައެވެ. ޗެނަލް13 އިން އެންގުމާ ހިލާފުވުމުން އެ ޗެނަލާ މެދު ފިޔަވަޅު އަޅަން ބްރޯޑްކޮމްއިން ވަނީ ނިންމައިފައެވެ.

އެމްޖޭއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ބްރޯޑްކޮމްއިން، އެންގި އެންގުމާ ގުޅޭ ގޮތުން ކަންބޮޑުވާ ބޮޑެތި ކަންތައްތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"ޖެނުއަރީ މަސް ތެރޭ އެ ކޮމިޝަންގެ އަމިއްލަ އިސްނެގުމަކަށް ބަލަން ފެށި މައްސަލައެއްގެ ތަހުގީގު މި މަހުގެ 11 ވަނަ ދުވަހު، އެ ކޮމިޝަނުން ނިންމައި 21 ވަނަ ދުވަހުގެ ރޭގެ 8-9 އަށް ޗެނަލް-13ގެ ބްރޮޑްކާސްޓް ހުއްޓާލަން އެންގިއިރު، އެ ތާރީހުގައި ބާއްވާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ އެއްވުމެއް އެ ޗެނަލުން ވަގުތުން ދައްކާނޭކަން އޮތީ އިއުލާންކޮށްފައި،" އެމްޖޭއޭއިން ބުންޏެވެ.

އެކަމާ ގުޅިގެން ބްރޯޑްކޮމް އާއި، އެމްޖޭއޭއިން ސުވާލުކުރުމުން ބްރޯޑްކޮމްއިން ބުނެފައިވަނީ އެ މައްސަލަ ނިންމިއިރު އެ ޗެނަލުން ސިޔާސީ ޕާޓީއެއްގެ ޖަލްސާއެއް ދުރަށް ދައްކަން ތާވަލުކޮށްފައި އޮތްކަން ކޮމިޝަނަށް ނޭނގޭ ކަމަށާއި އެ ޖަލްސާ އޮތް ރެއާ އެ ކޮމިޝަންގެ އެންގުމާ ދިމާވީ އިއްތިފާގަކުންކަމަށް ބްރޯޑްކޮމްއިން ބުނިކަމަށް އެމްޖޭއޭގެ ނޫސްބަޔާނުގައި ބުންޏެވެ.

ނަމަވެސް މައްސަލައިގެ ޓައިމްލައިނަށް ބަލާއިރު ސިޔާސީ ޕާޓީއެއްގެ އެއްވުމެއް ވަގުތުން ދުރަށް ދެއްކުމަށް ތާވަލުކޮށްފައިވަނިކޮށް އެ ވަގުތާ ދިމާވާ ގޮތަށް އެ ޗެނަލްގެ ބްރޮޑްކާސްޓް ހުއްޓާލަން ބްރޯޑްކޮމްއިން އެންގި އެންގުމަކީ ވަކި މަގުސަދެއް ހާސިލުކުރުމަށް ނުފޫޒެއްގެ ތެރެއިން ކޮށްފައިވާ ކަމެއް ކަމަށް ބެލުމުގެ ޖާގައޮތް ކަމެއްކަމަށް ގަބޫލުކުރެވޭ ކަމަށް އެމްޖޭއޭއިން ބުންޏެވެ.

"ބްރޯޑްކޮމްއިން މި ޖަމްއިއްޔާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ މިއީ ޗެނަލެއްގެ ބްރޮޑްކާސްޓް ހުއްޓާލުމަށް މިފަހުން އެ ކޮމިޝަނުން އެންގި ފުރަތަމަ ފަހަރު ކަމަށް. އަދި މިފަހުން އެފަދަ ހަރުކަށި ފިޔަވަޅެއް ޗެނަލެއްގެ މައްޗަށް އަޅަން ކޮމިޝަނުން ނިންމިއިރު، އެކަން ކުރީ ވަކި ހަރަކާތެއް ދެއްކުމަށް ޗެނަލުން ތައްޔާރީތައް ވަމުން ދަނިކޮށް ކަމަށްވާއިރު، އަދި އެކަމަކީ އާންމުކޮށް އެނގެން ހުރި މައުލޫމާތަށް ވާއިރު މިއީ ބިރުދެއްކުމަށް ކުރި ކަމެއްގެ ގޮތުގައި ބެލުމުގެ ފުރުސަތު އޮތްކަމަށް ފާހަގަވޭ" އެމްޖޭއޭއިން ބުންޏެވެ.

އެމްޖޭއޭއިން ވަކާލާތު ކުރަނީ މީޑިއާ ރެގިއުލޭޓްކުރާ ކޮމިޝަންތަކުން އަމިއްލައަށް އިސްނަގައިގެން މީޑިއާތަކުގެ މައްސަލަތައް ބެލުމަކީ ރަނގަޅު އުސޫލެއް ނޫން ކަމާއި އެފަދަ އިދާރާތަކުން މައްސަލަތައް ބަލަން ޖެހޭނީ ކޮމިޝަނަށް ލިބޭ ޝަކުވާތަކަށް އެކަނިކަމަށް އެމްޖޭއޭއިން ބުންޏެވެ.

ސޫމޯޓޯ އުސޫލުން މައްސަލަ ބަލާ ނަމަ އިންސާފުގެ ހަމައިން ބޭރުވެވި ނާޖާއިޒު ނުފޫޒަށް ޖާގަލިބިގެންދާ ކަމަށް އެމްޖޭއޭއިން ބުންޏެވެ. އަދި މި މައްސަލަ ބްރޯޑްކޮމްއިން ބެލުމުގައިވެސް އާންމުކޮށް ހުޅުވާލައިގެން ދެފުށް ފެންނަ ގޮތެއްގައި މައްސަލަ ބަލާފައި ނުވާކަން ފާހަގަކުރެވޭތީ ބްރޮޑްކޮމްގެ މި ފިޔަވަޅު ކުށްވެރިކުރާކަމަށް އެމްޖޭއޭއިން ބުންޏެވެ.

ބްރޯޑްކޮމްއަށް ގޮވާލަން ބޭނުންވަނީ ހުޅުވާލައިގެން ބާއްވާ އަޑުއެހުންތަކެއްގައި ދެ ފުށް ފެންނަ އުސޫލަކުން މީޑިއާތަކާ ގުޅޭ ގޮތުން ހުށަހަޅާ ޝަކުވާތައް ބެލުމަށްކަމަށް އެމްޖޭއޭއިން ބުންޏެވެ.

"ބްރޯޑްކޮމްގެ މި އަމަލުގެ ސަބަބުންވެސް އެނގި ހާމަވެގެން މިދަނީ ސެލްފް ރެގިއުލޭޓަރީ އުސޫލުން ބޭރު މެކޭނިޒަމްއަކުން މީޑިއާ ރެގިއުލޭޓްކުރާ ނަމަ، އެކަމުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމާއި މީޑިއާގެ މަސައްކަތަށް ކުރިމަތިވެދާނޭ ހުރަސްތަކާއި ނުރައްކާތަކުގެ އަދި ކުޑަވަރެއްގެ މިސާލެކެވެ" އެމްޖޭއޭއިން ބުންޏެވެ.

އެހެންކަމުން، މިހާރު މަޖިލީހަށް ވައްދާފައިވާ "ސަރުކާރުން މީޑިއާ ކޮންޓްރޯލްކުރާ ބިލް" ފާސްވެއްޖެ ނަމަ މީޑިއާތަކާއި ނޫސްތައް ބަންދުކުރުމާއި ނޫސްތަކުގެ ކޮންޓެންޓް ކޮންޓްރޯލުކުރުމުގެ ނުރައްކާތެރި ސަގާފަތެއް ފެށިގެން ހިނގައިދާނެކަމަށް އެމްޖޭއޭއިން ބުންޏެވެ.

އަދި އެ ބިލު އަނބުރާ ގެންދިޔުމަށް ގޮވާލާކަމަށް އެމްޖޭއޭއިން ބުންޏެވެ.