މިދިޔަ މަހުގެ 12 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އަނިޔާވެރި ގޮތަކަށް އއ. މާޅޮސް، އޯކިޑްމާގެ އަބްދުއްރަހުމާން އާދަމް މަރާލި މައްސަލައިގައި ހައްޔަރުކުރި ތިން މީހުންގެ ތެރެއިން ދެ މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށް، އަނެއް މީހާގެ ބަންދަށް ފަސް ދުވަސް ޖަހައިފިއެވެ.

އަބްދުއްރަހުމާންގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ރޭގެ ވަގުތެއްގައި ތިން މީހަކު ހައްޔަރުކޮށްފައެވެ. އެމީހުން ހައްޔަރު ކުރީ ފުލުހުންގެ ޓީމެއް އެރަަށަށް ގޮހެވެ. އަނެކަކު ހައްޔަރުކުރީ މާލެއިން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ދެ އޮޕަރޭޝަންވެސް ހިންގާފައިވަނީ އެއް ވަގުތެއްގައި ތިން މީހަކު ހައްޔަރު ކުރުމަށެވެ.

އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރީ އއ. މާޅޮސް، ލިލީފެހި، މުހައްމަދު ވިޝާމް (22އ) އާއި އއ. މާޅޮސް، ފިނިވާގެ، އަހުމަދު ފާރިސް (27އ) އަދި އއ. މާޅޮސް، ފިޔަ، އަހުމަދު އާޝިދު (27އ) އެވެ.

މީޑިއާތަކަށް ފުލުހުން މިރޭ ފޮނުވި މެސެޖެއްގައި ބުނީ އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުހައްމަދު ވިޝާމް އަދި އަހުމަދު ފާރިސް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށް، އަހުމަދު އާޝިދު ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

އަނިޔާވެރިކޮށް މަރާލައިފައި އޮއްވައި ފެނުނު އއ. މާޅޮސް، އޯކިޑްމާގެ އަބްދުއްރަހުމާނު އާދަމް (65އ) -----

"ވަން" އެނގިފައިވާ ގޮތުގައި އޭގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރެއިން އަހުމަދު ފާރިސް، ވަނީ އެ ރޭ އަބްދުއްރަހްމާންގެ ދަރިއަކަށް ގުޅައިފައެވެ. އެ ދަރިފުޅު އެ ވަގުތު ހުރީ މާލޭގައެވެ. ފާރިސް ގުޅި ނަމަވެސް އެ ފޯނަށް ޖަވާބު ދެވިފައި ނުވެއެވެ. ފަހުން ދަރިފުޅު ގުޅުމުން، އެ ފަހަރު ގުޅީ އަބްދުއްރަހުމާން ދިރިއުޅޭގެ ކައިރިއަށް މީހުން އެއްވެގެން އުޅޭތީކަމަށް ފާރިސް ބުނި ކަމަށެވެ.

ނަމަވެސް ފާރިސް ފުރަތަމަ ގުޅި އިރު، އަބްދުއްރަހުމާން މަރުވެގެން އުޅޭކަން އެއްވެސް މީހަކަށް ނޭނގޭ ކަމަށްވެއެވެ.

"ވަން" ގެ ޓީމުން ރަށު ކައުންސިލް އަދި އެހެން ބައެއް ފަރާތްތަކާ ވާހަދައްކައިގެން ހޯދި މައުލޫމާތުން އެނގޭ ގޮތުގައި އަބްދުއްރަހުމާނަށް ހަމަލާދީފައިވަނީ މެންދަމު އެކެއްގެ ފަހުންނެވެ. އަބްދުއްރަހުމާން ރޯ އަޑަށް ހޭލެވިގެން އޭނާގެ އަންހެނުން ދިޔައިރު އަބްދުއްރަހުމާން އޮތީ ލެއިން ތަތްތެޅިފައެވެ. ހޭނެތިފައި ފާޑަކަށް އޮތްނަމަވެސް، އުނދަގޫ ގޮތަކަށް ނޭވާލަމުން ދިޔަ އަޑު އިވެމުން ދިޔައެވެ.

ހާދިސާ ހިނގިތާ މާ ގިނައިރުތަކެއް ނުވަނީސް އަބްދުއްރަހުމާން، މާޅޮހު ސިއްހީ މަރުކަޒަށް ގެންދެވުނެވެ. ނަމަވެސް އޭގެ މާގިނަ އިރުތަކެއް ނުވެ، ފަރުވާ ދެމުން އަންނަނިކޮށް އޭނާ މަރުވިއެވެ. އެހެންކަމުން ފާރިސް، އަބްދުއްރަހުމާންގެ ދަރިފުޅަށް ގުޅައިފައިވަނީ މެންދަމު 1:00 ޖެހިތާ އެހާ ގިނައިރު ނުވަނީސް ކަމަށް ބެލެވެއެވެ.

13 ޖުލައި 2025، އއ. މާޅޮސްގެ މާހިޔާ ގެ، އަބްދުއްރަހުމާންގެ ހަށިގަނޑު މާލެ ގެނައުން --- ވަން ފޮޓޯ/ ފާތިމަތު ލިޔުޝާ

އަބްދުއްރަހުމާންގެ މަރުގެ މައްސަލަ ތަހުގީގުކުރާ ފުލުހުންގެ ޓީމުގެ ސަމާލުކަމަށްވެސް އެ ފޯން ކޯލް ވަނީ އައިސްފައެވެ. އެކަމާ ގުޅިގެން ފުލުހުން ވަނީ ފާރިސްއާ ސުވާލުކޮށްފައިކަން އެނގިފައިވެއެވެ.

އެފަހުން ފުލުހުން ވަނީ އަބްދުއްރަހުމާންގެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުން ދިރިއުޅޭ ގެ ބަލައި ފާސްކޮށް، އަންނައުނާއި އެހެނިހެން ބައެއް ތަކެތި ގެންގޮސްފައެވެ. އެކަން މީގެ ކުރިން ފުލުހުންވެސް ވަނީ "ވަން" އަށް ކަށަވަރުކޮށްދީފައެވެ. އެއީ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ކުރިއަށް ގެންދިޔަ ބަލައިފާސްކުރުމުގެ އޮޕަރޭޝަނަކެވެ.

ފުލުހުން އެ ތިން މީހުން ދިރިއުޅޭގެ ބަލައި ފާސްކޮށްފައިވަނީ މިމަހުގެ ނުވަވަނަ ދުވަހުއެވެ. އެ ދުވަހު އެ ރަށުން "ވަން" އަށް މައުލޫމާތު ދިން މީހަކު ބުނެފައިވަނީ އަބްދުއްރަހުމާންގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ވަނީ ބައެއް މީހުންނާ ސުވާލުކޮށް، ބަލައި ފާސްކުރުންތަކެއް ކުރިއަށް ގެންގޮސްފައެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި، ބަލައިފާސްކުރި ތަންތަނާއި، ހިފެހެއްޓި އިލެކްޓްރޯނިކް ސާމާނާ ހައްޔަރު ކުރި މީހުންނާ ގުޅުން އެބަހުއްޓެވެ.

އަބްދުއްރަހުމާން ޒަހަމްތަކަކާއެކު ފެނުނު މީހަކު "ވަން" އަށް ބުނެފައިވަނީ ބޮލަށް އަނިޔާކޮށްފައި ހުރުމުގެ އިތުރުން އޭނާގެ ލޮލަށްވެސް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމަށެވެ. ލޯމަތި ހުރީ ނޫފައިގެންފައިކަމަށް އޭނާ ބުންޏެވެ. އަބްދުއްރަހުމާންގެ ނިތްކުރި މަތީންނާއި ބޮލުގެ އަރިމަތީން ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާ ކަމަށާއި ފުއްކިބައިންވެސް ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާކަމަށް "ވަން"އަށް މައުލޫމާތު ދިން ފަރާތުން ބުނެފައިވެއެވެ.