އޮޑި ސްޕޯޓްސް ކްލަބުގެ ވިސްނުމަކީ ކާމިޔާބު ހޯދުން ކަމަށާއި، ފަށަން ތައްޔާރުވެފައިވާ ސީޒަނަށްވެސް ނުކުންނަނީ ތަށި ހޯދަން ވިސްނައިގެން ކަމަށް އަލަށް ހަވާލުވި ކޯޗު ސްޕެއިންގެ އަންދްރޭސް ގާސިއާ ބުނެފިއެވެ.

އޮޑިއަށް ހަމަޖެއްސި ގާސިއާއަކީ ޔޫއެފާ ޕްރޯ ލައިސަންސްގެ ކޯޗެކެވެ. އުމުރުން 41 އަހަރު ގާސިއާއަކީ ސްޕެއިންގެ މެޑްރިޑަށް އުފަން ޒުވާން ކޯޗެކެވެ. މިއަދު ރަސްމީކޮށް ތައާރަފުވެ، ނޫސްވެރިންނާ ވާހަކަ ދައްކަމުން އޭނާ ބުނީ، އޮޑިއަކީ ކާމިޔާބު ހޯދުމުގެ ވިސްނުމުގައި އޮތް ކްލަބެއް ކަމަށާއި، އެ ޗެލެންޖަށް އޭނާ ގަޔާވާ ކަމަށެވެ.

"ފުރަތަމަވެސް ބޭނުންވަނީ ކްލަބުން ކުރި އިތުބާރަށް ޝުކުރު އަދާކުރަން. އަހަންނަށް މި އޮފާ ލިބުނު ހިސާބުންވެސް އެނގުނު މިއީ އުންމީދުތަކެއް ދެކިގެން، ހުވަފެންތަކެއް އޮވެގެން، ވަކި ކަމެއް ހާސިލުކުރުމަށް މަސައްކަތް ކުރާ ކްލަބެއްކަން. އަހަންނަކީ ކޯޗެއްގެ ގޮތުގައި މޮޅުވާން، ކާމިޔާބު ހޯދަން ވިސްނާ، ޗެލެންޖްތަކަށް ގަޔާވާ ކޯޗެއް،" ގާސިއާ ބުންޏެވެ.

ރާއްޖެއަކީ ގާސިއާ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވާނެ 10 ވަނަ ގައުމެވެ. މީގެ ކުރިން ޗައިނީސް ސުޕަ ލީގުގެ ބެއިޖިން ގުއޯންއާއި ޝަންހާއީ އެސްއައިޕީޖީގެ އިތުރުން ސައުދީ އަރަބިއާގެ އަލް އަހްލީގެ އެސިސްޓެންޓް ކޯޗަކަށްވެސް އޭނާ މަސައްކަތް ކޮށްފައިވާ އިރު، ސްޕެއިންގެ އެއްވަނަ ޑިވިޝަނުގެ ކްލަބު ގެޓާފޭގެ ޒުވާން ޓީމުތަކުގައިވެސް ގާސިއާ މަސައްކަތް ކޮށްފައިވެއެވެ. އޭގެ އިތުރުން އިރާގާއި ޗައިނާ ގައުމީ ޓީމުގެ އެސިސްޓެންޓެއްގެ މަސައްކަތުގައިވެސް އޭނާ ޝާމިލުވިއެވެ.

21 އޮގަސްޓް 2025، މާލެ، އޮޑިން މިއަދު ބޭއްވި ޕްރެސްގައި އާ ކޯޗު އަންދްރޭސް ގާސިއާ ނޫސްވެރިންނާ ވާހަކަ ދައްކަނީ --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ގާސިއާ ބުނީ ކްލަބުން އޭނާއަށްވެސް ކުރިއެރުން ލިބޭނެކަމަށް ގަބޫލުކުރާ ކަމަށާއި، ކްލަބުގެ ވަސީލަތްތަކާމެދުވެސް ހިތްހަމަ ޖެހޭ ކަމަށެވެ. ހާއްސަކޮށް ކުޅުންތެރިންގެ ހުރި "ޕެޝަން" އާމެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ. އަދި ކްލަބުގެ ވިސްނުމަށް އޭނާ ތައުރީފް ކުރިއެވެ.

"އަހަރެމެންނަށް ދެން މިއޮތީ ޕްރިމިއާ ލީގު. ޖެހިޖެހިގެން ދެ ފަހަރަށް ޕްރޮމޯޓްވެގެން ފުރަތަމަ ޑިވިޝަނަށް ނުކުންނަނީވެސް ހުރިހާ ތަށްޓަކަށް ވާދަކުރަން. އެއީ ކްލަބުން ގެންގުޅޭ ވިސްނުމަކީވެސް. އެއީ އަހަރެން ފުރަތަމަ ދުވަހުން ފެށިގެންވެސް މިކުރާ މަސައްކަތަކީ،" ގާސިއާ ފާހަގަކުރިއެވެ.

މީގެ ކުރިން އޭޝިއާގައި ކުރި މަސައްކަތްތަކަކީ ރާއްޖެއަށް ބޭނުންތެރި މަސައްކަތަކަށް ވާނެކަމަށް ގާސިއާ ބުނެފައިވާ އިރު، އޭނާ ބުނީ އަބަދުވެސް މުހިއްމީ ޗެމްޕިއަނެއްގެ ވިސްނުން ގެންގުޅުން ކަމަށެވެ.

އާ ކޯޗާއެކު ކުރިއަރުންތައް އަންނާނެ: ފައްރަ

21 އޮގަސްޓް 2025، މާލެ، އޮޑިން މިއަދު ބޭއްވި ޕްރެސްގައި އެސިސްޓެންޓް ކޯޗު އަހުމަދު ފައްރާހް (ފައްރަ) ވާހަކަ ދައްކަނީ --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

އޮޑިއިން ޕްރިމިއާ ލީގަށް ނުކުންނައިރުވެސް، އެފްއޭއެމް ލީގު ކަޕުގައި ބޭނުންކުރި ކޯޗިން ޓީމު ބޭނުންކުރާނެ ކަމަށް މިއަދުގެ ޕްރެސްގައި ހާމަކޮށްފައިވެއެވެ. އެގޮތުން އެންމެ ސީނިއާ އެސިސްޓެންޓް ކޯޗަކަށް މަސައްކަތް ކުރާނީ ކުޅުންތެރިއެއްގެ ގޮތުގައި ގިނަ ތަޖުރިބާތަކެއް ކުރުމަށްފަހު ކޯޗިންގައި މަސައްކަތް ކުރާ އަހުމަދު ފައްރާހު (ފައްރަ)އެވެ.

ފައްރަ މިއަދު ބުނީ އާ ކޯޗުގެ ސަބަބުން ޓެކްނިކަލީ ޓީމަށް ކުރިއެރުންތައް އަންނާނެ ކަމަށެވެ.

"އާ ކޯޗަކީ ހައި ޕްރޮފައިލް ކޯޗެއް. އޭނާ ކްލަބާ ހަވާލުވުމަކީ އެކަމުގެ ފައިދާ އަޅުގަނޑުމެން ޓެކްނިކަލް ސްޓާފުންނަށް ކުރާނެ ކަމެއް. ކޯޗު އަޅުގަނޑުމެންނާ ގުޅުނު ހިސާބުން މިއަދާ ހަމައަށްވެސް ކުރިއެރުންތަކެއްވެސް އައިސްފި. ދެން ސްކޮޑު ޑެޕްތަށް ބަލާއިރު، ލީގު ކަޕް ނިމުނުފަހުންވެސް ސްކޮޑު އިތުރަށް ވަރުގަދަވެއްޖެ.

ފައްރަ ފާހަގަކުރީ ޗެލެންޖެއް ނަގައިގެން ޓާގެޓަށް ވާސިލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އޮޑިއަށް އެފްއޭއެމް ލީގު ކަޕުގައި މުހިއްމު ދައުރެއް އަދާކުރި އަހުމަދު ނޫމާން (ހެލްމެޓް) އާއި ހައިޝަމް ރަޝީދު (ހައި) މިވަގުތު އަނިޔާގައި ތިބި އިރު، އެ ދެކުޅުންތެރިންވެސް ސާޖަރީއަށް ދާން ޖެހިފައިވާ ކަމަށް ކްލަބުން ބުނެފައިވެއެވެ.

އެ ދެކުޅުންތެރިންނަށް އަނިޔާވުމާއެކު ޓީމު އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތް ކުރާ އިރު، މިހާރު ދަނީ ބިދޭސީ ކުޅުންތެރިން ގެނައުމަށް ކަމަށްވެސް މިއަދުގެ ޕްރެސްގައި ފާހަގަކުރިއެވެ.