ވިކްޓަރީ ސްޕޯޓްސް ކްލަބަކީ، އަހަރުތަކެއް ކުރިން ދިވެހި ކުޅިވަރުގައި ވަރުގަދަ ނަމެކެވެ. ހާއްސަކޮށް ދިވެހި ފުޓުބޯޅައިގައި ވިދުން ގަދަ ކްލަބެކެވެ. އެތަކެއް ލެޖެންޑަރީ ކުޅުންތެރިންތަކެއްގެ އިތުރުން ތާރީހީ އެތައް ކޯޗުންނެއް ދިވެހި ފުޓުބޯޅައަށް ދޫކުރި ޓީމަކަށް ވިކްޓްރީ ވާނެއެވެ. އެ ކާމިޔާބީތަކުން ޖަރީވެގެން އައި ކްލަބު، 2000 ގެ ކުރީކޮޅުގައިވެސް ކުރިއަށްދިޔަ އިރު، ދަރަނީގައި ޖެހި ވަޅު ޖެހުނީ 2019 ވަނަ އަހަރުއެވެ.

ރާއްޖޭގެ ޓްރޮފީ ކެބިނެޓް އެންމެ ބޮޑު އެއް ކްލަބު، ވިކްޓަރީ ގެއްލިގެން ދިޔަ ދިޔުމަކީ ފުޓުބޯޅައިން ގުނަވަނެއް މަދުވުން ކަހަލަ ކަމެކެވެ. ކްލަބުގައި މުސާރައިގެ މައްސަލަތައް ބޮޑުވެ، އިދާރީ ގޮތުން ފެއިލްވެ، އެފްއޭއެމްއިން ވިކްޓަރީ ސަސްޕެންޑްވެސް ކުރިއެވެ. އެއީ "ޒާތީ ސަސްޕެންޝަނެއް" ކަމަށް ދެކެވުނު ވާހަކަތަކެއް އޮތްވެސް މެއެވެ.

ވިކްޓަރީއަށް އަލަށް އިންތިހާބުވި ބޯޑު --- ފޮޓޯ/ ވިކްޓަރީ

އެފްއޭއެމްގެ ނުފޫޒާއި ކޮރަޕްޝަނުގެ ވާހަކަ އެންމެ ގަދައަށް ދެއްކި އެ ކްލަބަކީވެސް ވިކްޓަރީ ކަމަށްވީ އިރު، އެ ކްލަބު އަލުން ވުޖޫދުވާން ދެން ފުރުސަތެއް ލިބުނީ 2022 ވަނަ އަހަރު ސަސްޕެންޝަން އުވާލުމުންނެވެ. އެއީ ދަރަނި އަދާކޮށް، އާ އިންތިހާބަކާއެކު ފުޓުބޯޅައަށް ނުކުންނަން ލިބުނު ފުރުސަތެވެ.

އޭރު ވިކްޓަރީ އެނބުރި އައީ އާ ބޯޑަކާއެކުގައެވެ. ބޯޑުގެ ރައީސަކަށް އިންތިހާބުވީ ހުސެއިން އާދަމް (އާދަމްބެ)އެވެ. އޭރު އާދަމްބެއަކީ މުލިއާގޭ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އިންތިހާބުވި ވިކްޓަރީގެ ބޯޑު މެމްބަރުންގެ ތެރޭގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒުގެ އިތުރުން ފާތިމަތު ޝެރިން، ވިކްޓްރީއަށް ކުރިން ކުޅުނު މިޑްފީލްޑަރު މުހައްމަދު ޝައްފާޒު (ސައްޕޭ)، އިބްރާހިމް މުހައްމަދު، އަހުމަދު ފައިސަލް، އިބްރާހިމް އިޒްހާން، އިސްމާއިލް ޝަރީފް، އަހުމަދު އަރީސް (ޕަޓޭ)ގެ އިތުރުން ވިކްޓަރީއަށް ގިނަ ދުވަހު ހިދުމަތްތަކެއް ކޮށްދެއްވައިފައިވާ، މަޝްހޫރު ގޯލްކީޕަރު ޓްރެއިނަރު އަހުމަދު ރިޔާޒް (ގާނާ) އެވެ.

ވިކްޓަރީގެ އެނބުރި އައުމާއި، މިއަދުގެ ހާލަތު

ވިކްޓަރީގެ އާ ބޯޑު ހަވާލުވި އިރު، އެ ކްލަބު އޮތީ ސަސްޕެންޝަނުގެ ތެރޭގައެވެ. ވިކްޓަރީން، 2019/2020 ލީގު މެޗުތަކަށް ހާޒިރުނުވާ މައްސަލައާއި ކުޅުންތެރިންނާއި ކޯޗުންނަށް ދޭން ޖެހޭ މުސާރަ ނުލިބިގެން އެ ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލަތަކުގެ ސަބަބުން އޮތީ ދަރަނީގެ ބޮޑު ދަންތުރައެއްގައި ޖެހިފައެވެ.

އާ ބޯޑުން ފުރަތަމަ ކުރިކަމަކީ އެ ދަރަނި ދެއްކުމެވެ. ދަރަނި ދެއްކުމަށް އަވަސްކޮށް ފައިސާ ހަމަކުރިވެސް މެއެވެ. ވިކްޓަރީން އޭރު ބުނެފައިވަނީ އެ ކްލަބުން މުސާރަ ނުދެވި ތިބި ދިވެހި 22 ކުޅުންތެރިންނާއި ބިދޭސީ ހަތަރު ކުޅުންތެރިޔަކު ތިބި ކަމަށެވެ. ވިކްޓަރީން އެފަހަރު ބުނީ ބިދޭސީ ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާ ޖޫރިމަނާއާއެކު ދައްކަން ޖެހޭ ޖުމުލަ އަދަދެއް ދެނެގަތުމުގެ މަސައްކަތް ފީފާ އާއި އެފްއޭއެމާ ގުޅިގެން މުއާމަލާތް ކުރަމުން އަންނަ ކަމަށެވެ.

އެ ދަރަނި ދައްކައި، ވިކްޓަރީން ދެވަނަ ޑިވިޝަނަށް ނުކުމެ، ފުރަތަމަ ކުރި މަސައްކަތުން ފުރަތަމަ ޑިވިޝަނަށް ނުދެވުނު ނަމަވެސް، މިހާރު އޮތީ އެނބުރި ފުރަތަމަ ޑިވިޝަނުގައެވެ. ހަގީގަތުގައި ބޯޑުގެ ޓާގެޓް ރަނގަޅަށް ހާސިލުވިއެވެ.

ވިކްޓަރީން މިދިޔަ ސީޒަނުގެ ދެވަނަ ޑިވިޝަނުގައި ކުޅުނު މެޗެއްގެ ތެރެއިން --- ފޮޓޯ/ ވިކްޓަރީ

އެ ހިސާބުން ކްލަބު ހަރުދަނާވެ، ކްލަބަށް ހިންދެމިލެވުނު ކަމަށް ބެލެވުނު ނަމަވެސް، ދިވެހި ފުޓުބޯޅައިގައި އޮތް ޗެލެންޖުގައި ވިކްޓަރީއަށްވެސް އުނދަގޫތަކާ ކުރިމަތިވިއެވެ.

"ވިކްޓަރީއަށްވެސް ދިމާވީ އުނދަގޫ ހާލަތެއް. އެއީ މި ކްލަބުންވެސް ސީޒަން ފަށަން ވެގެން ފުރަތަމަ ޑިވިޝަނަށް ތައްޔާރުވާން ވަރަށް ގިނަ ކުޅުންތެރިންވެސް ގެނައިން. އެއީ ހަމަ ކްލަބަށް އިންވެސްޓް ކުރާ ފަރާތުން އެކަމަށް ބޭނުންވެގެން. ދެން މިއަދާ ހަމައަށްވެސް އައީ އެ ކުޅުންތެރިންނަށް ބަރާބަރަށް މުސާރަ ދެމުން. ދެން އެހެން އައިސް އެފްއޭއެމް ލީގު ކަޕްގައިވެސް ކުޅެން މަސައްކަތް ކުރިން. އެކަމަކު އެކަން ނުވި،" ވިކްޓަރީގެ ބޯޑުގައި މުހިންމު މަސައްކަތްތަކެއް ކުރުމަށްފަހު މިހާރު ދުރުގައި ހުރި މެމްބަރަކު "ވަން ސްޕޯޓްސް"އަށް ބުންޏެވެ.

ވިކްޓަރީން ލީގު ކަޕްގައި ބައިވެރިވާން މަސައްކަތް ކުރި ނަމަވެސް، ފަހުވަގުތު އެކަން ނުކުރެވުނީއެވެ. އޭގެ ފަހަތުގައި ވަނީ ކޮން ކަންތައްތަކެއްތޯ ސުވާލު އުފެދެއެވެ. ހާއްސަކޮށް ވަރުގަދަ ބޯޑެއްގެ ދަށުން ފުރަތަމަ ޑިވިޝަނަށް އައިސް، އެ ކްލަބަށް ދިމާވީ ކޮން ހާލަތެއްތޯ ސުވާލު އުފެދުނެވެ.

ހިންގުމުގައި ބޯޑު މެމްބަރުންގެ ބައިވެރިވުން ކުޑަ؟

"ހަގީގަތުގައި ވިކްޓަރީގައި އޮތް ބޯޑު ފެނުނީ އެހާ އެކްޓިވްކޮށެއް ނޫން. ސައިލެންޓް ބޯޑެއްގެ ގޮތުގައި އޮތީ. އެހެން އޮތީ ވަގުތު ނުދެވިގެން ކަމަށްވެސް ވެދާނެ. އެކަމަކު ވަގުތު ހޯދައިގެން، މިކަން ކުރުމުގެ ނިޔަތުގައި މަސައްކަތް ކުރަން މި މަގާމަށް އައީ. އެހެންވީމަ އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ފުރަތަމަ ކަމަކަށް. ދެން އެހެން ދިމާވުމުގައިވެސް ހުރި ބައެއް މައްސަލަތައް،" ކުރީގެ ބޯޑުގައި ހަރަކާތްތެރިވި މެމްބަރު ބުންޏެވެ.

ވިކްޓަރީގައި އޮތީ ސިޔާސީ ބޯޑެއް ކަމަށް ބައެއް ފަރާތްތަކުން އޭރުވެސް ސިފަކޮށްފައިވެއެވެ. އެއީ އޭރުގައި އޮތް ސަރުކާރުގެ ބައެއް އިސް ފަރާތްތަކުން ބޯޑުގައި ހިމެނޭތީވެސް މެއެވެ. އެހެން އެކަން އޮތް އިރު، ވަކި ހިސާބަކުން ކްލަބަށް އިންވެސްޓް ކުރި ފަރާތްތަކަށްވެސް އޭރު އޮތް ބޯޑަށް އިންވެސްޓް ކުރަން ބޭނުން ނުވި ކަމަށް ކުރީގެ މެމްބަރު ބުންޏެވެ.

"ރައީސް އިސްތިއުފާ ދިނުމަށް ބޯޑުން ޑިމާންޑް ކުރި. އެކަމަކު އެކަމެއް ނުވި. އެހެން ޑިމާންޑް ކުރީ ޕްރެޝަރުވެސް އޮތުމުން. އެއީ އިވެންޓް ކުރި ފަރާތުން އެކަން އެގޮތަށް ބޭނުންވާތީ. އެހެން ނުވީމަ އާ ބޯޑަކަށް ފުރުސަތު ދޭން މި އިސްތިއުފާ ދިނީ،" ނަން ހާމަނުކޮށް "ވަން ސްޕޯޓްސް"އާ ވާހަކަދެއްކި ފަރާތުން ބުންޏެވެ.

ވިކްޓަރީއަކީ ރާއްޖޭގެ ފުޓުބޯޅައިގައި އެންމެ ކާމިޔާބު އެއް ކުލަބެވެ. 1971 ވަނަ އަހަރު އުފެއްދި އެ ކްލަބުން ވަނީ ރާއްޖޭގެ ފުޓުބޯޅައިގައި ހުރިހާ ތައްޓެއްވެސް ނަގައިފައެވެ. ގައުމީ ފުޓުބޯޅަ މުބާރާތް 21 ފަހަރު ހޯދި ވިކްޓަރީން ވަނީ އެ މުބާރާތް ދެ ފަހަރަށް މިލްކުވެސް ކޮށްފައެވެ. އޭގެ އިތުރުން 2000 ވަނަ އަހަރުން ފެށިގެން ތައާރަފުވެގެން އައި ދިވެހި ލީގުވެސް ވިކްޓަރީން ވަނީ ދެ ފަހަރަށް ކާމިޔާބުކޮށްފައެވެ.

ވިކްޓަރީގެ ކާމިޔާބީއެއް ފާހަގަކުރުމުގެ ތެރެއިން ---

ވިކްޓަރީއަކީ އޭއެފްސީ ކަޕުގައިވެސް ގިނަ ފަހަރުތަކެއްގެ މަތިން ރާއްޖެ ތަމްސީލުކުރި ކްލަބެކެވެ. މީގެ ކުރިން އެންމެފަހުން އެ ކްލަބަށް އޭއެފްސީ ކަޕުން ފުރުސަތު ލިބުނީ 2012 ވަނަ އަހަރުއެވެ.

ކްލަބު އަލުން ފުރަތަމަ ޑިވިޝަނުގައި އޮތް އިރު، ކްލަބަށް އާ ބޯޑެއް އަވަހަށް އައުން މުހިންމެވެ. އޭގެ އިތުރުން ދެން ފާހަގަވި އަނެއް "ޕެޓާން"އަކީ ސިޔާސީ ބޯޑެއްގެ ކާމިޔާބީ ދެމިގެން ނުދިއުން ތަކުރާރުވުމެވެ. މިއީ ވަރަށް އާންމު ކަމެއް ކަމަށްވުމާއެކު ހިތްހަމަ ނުޖެހޭނެ ވާހަކައަކަށް ވެދާނެވެސް މެއެވެ. އެހެން ނަމަވެސް، އެފަދަ ހިޔާލެއް ކްލަބަކަށް ގެނެސް ކުރެވޭ މަސައްކަތް އާންމުކޮށް ފެންނަނީ ވަކި ހިސާބަކުން ހުއްޓޭތަނެވެ.