މަތިވެރިން، ރިޗް މޯލްޑިވްސްއަށް ދިން ބިމުގެ އެއްބަސްވުން ބާތިލް ކުރި މައްސަލަ ބެލުމުގެ އިހްތިސާސް ސިވިލް ކޯޓަށް ލިބިގެން ނުވާ ކަމަށް އެ ކޯޓުން ހުކުމްކޮށްފިއެވެ.

މިއީ ރިޗްކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންކަންޓް) ގެ މައްޗަށް ހުށަހަޅަން ހަމަޖެހިފައިވާ މައުލޫއީ ގަޒިއްޔާގައި ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން ރިޗްކްލަބް މޯލްޑިވްސް އާއި ދައުލަތާ ދެމެދު އއ. މަތިވެރިއިން 2180 އަކަފޫޓުގެ ބިން ކުއްޔަށް ދިނުމާ ގުޅޭގޮތުން 29 ސެޕްޓެމްބަރު 2019 ގައި ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލް ކުރުމުގެ ގޮތުން 14 އޯގަސްޓް 2025ގައި ދައުލަތުން ފޮނުވާފައިވާ ނޯޓިސްއަކީ ބާތިލް އަދި އެ މައްޗަށް އަމަލު ކުރަން ނުޖެހޭ ނޯޓިސްއެއް ކަަމަށް ކަނޑައަޅައި ދިނުމަށް އެދި ރިޗްކްލަބް މޯލްޑިވްސް ހުށަހެޅި މައްސަލައެކެވެ.

ސިވިލް ކޯޓުން ބުނެފައިވަނީ، މި މައްސަލައަކީ މަތިވެރީގައި އޮތް ބިމަކާ ގުޅިގެން އުފެދިފައިވާ މައްސަލައެއް ކަމަށެވެ.

ކަމާބެހޭ ގާނޫނީ ބިނާތަކުގެ އަލީގައި މަތިވެރީގައިވާ ބިންބިމާއި ނުއުފުލޭ މުދަލުގެ މައްސަލަތައް ބެލުމުގެ އިހްތިސާސް ސިވިލް ކޯޓަށް ލިބިގެންނުވާ ކަމާއި އެ ފަދަ މައްސަަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކަމާބެހޭ ކޯޓަކީ މަތިވެރި މެޖިސްޓްރޭޓް ކޯޓު ކަމަށް ކޯޓުން ވަނީ ބުނެފައެވެ.

އެފަރާތްތަކުން މީގެކުރިން ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައްވެސް ހުށަހަޅާފައިވަނީ މަތިވެރި ކޯޓަށް ކަން އެނގެން އޮންނަ އިރު، ރިޗްކްލަބް މޯލްޑިވްސްއިން ދިވެހި ދައުލަތުގެ މައްޗަށް ނެރެދިނުމަށް އެދިފައިވާ އަމުރުގެ މައްސަލަ ބެލުމުގެ އިހްތިސާސް ސިވިލްކޯޓަށް ލިބިގެންނުވާ ކަމަށް އެ ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.