ރާއްޖޭގެ ފުޓުބޯޅައަށް އަލިމަސް ޔޫބީލް (75 އަހަރު ފުރުން) ކުލަގަދަކޮށް ފާހަގަ ކުރުމަށް ހިންގާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ބައިނަލްއަގުވާމީ ފުޓުބޯޅަ މުބާރާތުގައި ފަސް ޓީމަކަށް ފުރުސަތު ދޭން ވިސްނާފައިވާ ކަމަށް "ޑައިމަންޑް ޖުބިލީ ކޮމިޓީ" ގެ ޗެއާމަން އަލީ ސުޒޭން ވިދާޅުވެއްޖެއެވެ.
ޑައިމަންޑް ޖުބިލީ ފާހަގަކުރުމަށް ހާއްސަ މުބާރާތެއްވެސް ބާއްވަން ހަމަޖައްސާފައިވާ އިރު، އެ މުބާރާތް ފުރަތަމަ ތާވަލުކޮށްފައި ވަނީ އަންނަ އަހަރު ޖޫން މަހަށެވެ. އެއީ އެފްއޭއެމްގެ ކަލަންޑަރުގައި ވާ ތާރީހު ނަމަވެސް، މުބާރާތް ބާއްވާނީ ސީދާ ކޮން ތާރީހެއްގައި ކަމެއް އަދި ޔަގީން ނުވާ ކަމަށް ސުޒޭން ރޭ ފާހަގަކުރިއެވެ.
ސުޒޭން ފާހަގަކުރީ އަންނަ އަހަރަކީ ފީފާ އިންޓަނޭޝަނަލް މެޗުތައް ކުޅޭ އެންމެ ބޮޑު ވިންޑޯއަކީ ވޯލްޑް ކަޕް ބާއްވާ ދުވަސްވަރު ކަމަށްވުމާއެކު، މުބާރާތް ބާއްވާނެ ވަކި ތާރީހެއް އަދި ކަނޑައެއް ނާޅާ ކަމަށެވެ. ސުޒޭން ވިދާޅުވީ މުބާރާތް ބާއްވާނީ ވޯލްޑް ކަޕުގެ ފަހުންތޯ ނޫނީ ކުރިންތޯ ނިންމާނީ އެފްއޭއެމްގެ އެކްސްކޯގެ މަޝްވަރާއާއެކުގައި ކަމަށާއި، އެކަން ކުރާނީ ސީޒަނަށްވެސް އުނދަގޫތައް ކުރިމަތިނުވާނެ ގޮތަކަށް ކަމަށެވެ.
ސުޒޭން ބުނީ މުބާރާތުގައި ޔަގީނުންވެސް ފަސް ގައުމެއް ވާދަކުރާނެ ކަމަށާއި، އެއީ ސީދާ ސަރަހައްދީ ގައުމުތައް ކަމެއް އަދި ބުނަން ނޭނގޭ ކަމަށެވެ.
"ޑައިމަންޑް ޖުބިލީ މުބާރާތަށް އަޅުގަނޑުމެންގެ ވިސްނުން ހުރީ މިހާރު ފަސް ޓީމެއް ލައިގެން ކުޅުމަށް. އެ ވެދާނެ މި ސަރަހައްދުގެ ފަސް ޓީމު ކަމަށްވެސް، ނޫނީ ރާއްޖެ ހިމަނައިގެން މިސަރަހައްދުގެ ތިން ޓީމު ލައިގެން، އެހެން ހިސާބެއްގެ ދެޓީމު ގެނެސްގެން ކުޅުން ކަމަށްވެސް. ޔަގީނުންވެސް އެންމެ މަދުވެގެންވެސް ރާއްޖެއާއެކު ހަތަރު ޓީމު ވާދަކުރާނެ،" ސުޒޭން ފާހަގަކުރިއެވެ.
ޑައިމަންޑް ޖުބިލީގެ ހަރަކާތްތައް މިހާރު ފަށަން ތައްޔާރުވާ އިރު، އެ ކޮމިޓީގެ އެންމެ ފުރަތަމަ މަސައްކަތަކީ ބްރޭންޑިން ތައްޔާރުކުރުން ކަމަށް ރޭ އިއުލާނުކުރިއެވެ. އެކަން ކުރަން މިހާރު މަސައްކަތް ކުރަމުންދާ ކަމަށްވެސް ކޮމިޓީން ފާހަގަކުރިއެވެ.
ޑައިމަންޑް ޖުބިލީ - ފުޓުބޯޅަ
ޑައިމަންޑް ޖުބިލީ - ފުޓުބޯޅަ
ޑައިމަންޑް ޖުބިލީ - ފުޓުބޯޅަ
ޑައިމަންޑް ޖުބިލީ - ފުޓުބޯޅަ