ނިއުކާސަލްއިން ވައުދާ ހިލާފުވެފައިވާ ކަމަށް އެލެކްސެންޑާ އިސާކް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަށް، ނިއުކާސަލްއިން ޖަވާބުދާރީ ވެއްޖެއެވެ.

އުމުރުން 25 އަހަރުގެ އިސާކް، ނިއުކާސަލް ދޫކޮށްލާން ބޭނުންވެ، އެ ކްލަބަށް އެކަން ރަސްމީކޮށް އަންގާފައިވެސް ވެއެވެ. އެ ނިންމުމާއެކު ލިވަޕޫލުން 110 މިލިއަން ޕައުންޑްގެ ބިޑެއް އިސާކް ހޯދަން ހުށަހެޅި ކަމަށް ނޫސްތައް ބުނެފައިވާ އިރު، އެ ބިޑާއެކުވެސް ނިއުކާސަލްއިން އޭނާ ދޫނުކޮށްލި ކަމަށްވެސް ހަބަރުތައް ބުނެއެވެ.

"ވައުދުތަކާ ހިލާފުވާ ކަމަށްވާނަމަ، އިތުބާރު ގެއްލޭނެ. އެއީ އެކަން ވާނެ ގޮތް. އެއީ ގުޅުމަށްވެސް އަސަރުކުރާނެ ކަމެއް. މިހާރު މިއޮތް ހާލަތުން ދެފަރާތަށްވެސް އެންމެ ފައިދާވާނެ ގޮތަކީ ބަދަލެއް ގެނައުން،" އިސާކް ބުންޏެވެ.

އިސާކަކީ މިދިޔަ އަހަރު ޕްރިމިއާ ލީގުގެ އެންމެ މޮޅު ޓީމުގެ ކުޅުންތެރިއެކެވެ. ޕީއެފްއޭއިން ހޮވި އެ ޓީމުގައި އިސާކް ހިމެނުނު ނަމަވެސް، މިހާރު ހާލަތު ހުރިގޮތުން އެކަން ފާހަގަކުރުމަށް ބޭއްވި އިވެންޓްގައި އިސާކް ބައިވެރިވެފައެއް ނުވެއެވެ.

އިސާކް އިތުރަށް ސޯޝަލް މީޑިއާގައި ބުނީ އެއްޗެކޭ ނުބުނެ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ހުރެފިން ކަމަށާއި، އެހެން ހުރުމާއެކު ނިއުކާސަލްއިން އަމިއްލަ ވިސްނުމުގައި ކަންތައްތަކެއް ކޮށްފައިވާ ކަމަށެވެ. އޭގެ ސަބަބުން ގެއްލުންތަކެއް ވިކަމަށްވެސް އިސާކް ބުންޏެވެ.

އެކަމަށް ޖަވާބު ދެމުން ނިއުކާސަލްއިން ބުނީ އިސާކާއެކު ހަދާފައިވާ އެއްބަސްވުން އަދި ހަމަވެފައި ނުވާ ކަމަށާއި، އޭނާއަށް ކްލަބު ދޫކޮށްލެވޭނެ ކަމަށް އެއްވެސް އިރެއްގައި ބުނެފައި ނުވާނެ ކަމަށެވެ.

އޭގެ އިތުރުން ކްލަބުން ބުނީ ނިއުކާސަލްއިންވެސް ބޭނުންވާނީ ކްލަބުގެ އެންމެ ވަރުގަދަ ކުޅުންތެރިން މަޑުކުރުވަން ކަމަށާއި، ކުޅުންތެރިންގެ ވާހަކަތައް އަޑު އެހުމުގެ އިތުރުން ކްލަބަށް ފައިދާވެ ގޮތަށްވެސް ނިންމުން ނިންމަން ޖެހޭ ކަމަށެވެ.

އޭގެ އިތުރުން އެ ކްލަބުން ބުނީ ޓްރާންސްފާތަކުގައި އަބަދުވެސް ގެންގުޅޭނީ އެއް އުސޫލެއް ކަމަށާއި، ނިންމުންތައް ނިންމާނީ ކްލަބުގެ އުސޫލުން ކަމަށެވެ.