ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓާއެކު، ރައްޔިތުންގެ މަޖިލީހުގެ އަންނަ ދައުރުގައި، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށް ބާއްވަން އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އއ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މަތިވެރީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ކުރިން ވެސް ދަންނަވާފައިވާނެ ކަމަށެވެ.

"އެ އިސްލާހު ވެސް ހުށަހަޅާނަން. އެހެންނަމަވެސް އެއީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހޭނެ ކަމެއް. އެހެންވީމާ އެ އިސްލާހު ފާސްކޮށް، ފެންނަ ނުފެންނަ ވޯޓެއް ވެސް ނަގާނެ އިސްލާހެއް އެއީ. ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ފެންނަ ކަމަށްވަންޏާ، ދެ އިންތިހާބު އެކުގައި ދެން އޮންނާނީ. އެގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން އަޅުގަނޑުމެން ހުށަހަޅާނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެފަދަ މުހިންމު އިސްލާހުތައް ހުށަހެޅުމުގެ ބޭނުމަކީ ރާއްޖޭގައި މިހާރު މިއޮތް ބަރުހެލި ނިޒާމަކަށް އިސްލާހުތަކެއް ގެނައުން ކަމަށާއި އިސްލާހުތައް ގެންނަނީ ރައްޔިތުންނަށް ބޭނުންވާ ފެންވަރަށް، ބޭނުންވާ ގޮތަށް ނިޒާމު ބައްޓަންކުރަނީ، ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތުގައި ނަތީޖާ ނެރެވޭގޮތަށް ރައްޔިތުން ބޭނުންވާ ގޮތަށް އިސްލާހު ގެންނަން ވެގެން ކަމަށެވެ.

"އޭރުން އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ވާނީ ފަސޭހަ، ރައްޔިތުންނަށް ލިބޭނީ ކުރިއެރުން. އޭގެ ބަދަލުގައި މިހާރު މި އޮންނަ ގޮތަށް މާ ހަރަދު ބޮޑު ގޮތަކަށް އެއްވެސް މާނައެއް ނެތް ގޮތަށް މި ނިޒާމު ބޭއްވުމުގެ ބޭނުމެއް ނެތް. ރައްޔިތުން ފައިދާވާ އިސްލާހުތަކެއް ގެނައުން އެއަށްވުރެ މާ ރަނގަޅު،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މަޖިލީހުގެ އަންނަ ދައުރުގައި އަތޮޅު ކައުންސިލުތައް އުވާލައި، ރަށު ކައުންސިލުތަކުގެ ސައިޒު ކުޑަކުރުމަށް ވެސް އިސްލާހު ހުށަހަޅުއްވާނެ ކަމަށެވެ.