އަތޮޅު ކައުންސިލުތައް އުވާލުމަށް ރައްޔިތުންގެ މަޖިލީހުގެ އަންނަ ދައުރުގައި ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އއ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މަތިވެރީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ކުރިއަށްއޮތް ދުވަސްތަކުގައި ވެސް ލާމަރުކަޒީ ނިޒާމު އިތުރަށް ވަރުގަދަކުރުމަށް އިސްލާހުތައް ގެންނާނެ ކަމަށާއި އެގޮތުން އަތޮޅު ކައުންސިލުތަކަކީ އެއްވެސް ބޭނުމެއް ނެތް ކައުންސިލުތަކެއް ކަމަށެވެ.
"އެހެންވީމާ ކުރިއަށްއޮތްތަނުގައި ގާނޫނުއަސާސީ މި އިސްލާހުކުރަނީ އަތޮޅު ކައުންސިލުތައް އުވާލާގޮތަށް. އަދި އޭގެ އިތުރަށް ވެސް ބައެއް އިސްލާހުތައް ގެންނަން އިރާދަކުރެއްވިއްޔާ، ގާނޫނަށް ގެންނަ އިސްލާހު އެއީ، ކައުންސިލު އިންތިހާބުގެ ކުރިއަށް. މަޖިލިސް ދެން ހުޅުވޭ ދައުރަށް އަޅުގަނޑުމެން ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި ކުރިން ދެންނެވި ގާނޫނުއަސާސީގެ އިސްލާހު ހުށަހަޅާނަން އަތޮޅު ކައުންސިލު އުވާލަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކައުންސިލުތަކުގެ ސައިޒު ކުޑަކުރުމުގެ އިސްލާހު ވެސް ސަރުކާރުން ހުށަހަޅާނެ ކަމަށާއި އެ އިސްލާހަކީ ވެސް ރައްޔިތުން ބާރުވެރިކުރުމަށް ގެންނަ އިސްލާހެއް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ އަންނަ ދައުރަށް އެ އިސްލާހު ވެސް ހުށަހަޅުއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"މިހާރު އަޅުގަނޑުމެން މި ހުށަހަޅާ އިސްލާހަކީ 2000 މީހުންނަށްވުރެ އާބާދީ ކުޑަ ރަށްތަކުގައި ދެން އޮންނާނީ ތިން މީހުންގެ މައްޗަށް އެކުލެވޭ ކައުންސިލުތަކުގެ ގޮތުގައި. 2000 މީހުންނަށްވުރެ ބޮޑެތި ރަށްރަށުގައި ފަސް ކައުންސިލަރުން ތިބޭނެ. ނަމަވެސް ސިޓީ ކައުންސިލުތަކަށް މިއެއް އެޕްލައިއެއް ނުވާނެ. ސިޓީ ކައުންސިލުތަކަށް ގާތްގަނޑަކަށް މިހާރު އޮތް ނިޒާމު އޮންނާނީ، ބައެއް ސިޓީތަކަށް ކުދިކުދި ބަދަލު އަތުވެދާނެ." އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ކައުންސިލުތަކުގައި މިހާރު ވެސް އޮންނަ ގޮތަށް އަންހެން ކައުންސިލަރުންނަށް ހާއްސަ ގޮނޑި ހިމެނޭނެ ކަމަށާއި އޭގެ އިތުރަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް، އިންތިހާބުގައި ޑަބްލިޔުޑީސީގެ ރައީސާ ވަކިން ހޮވާގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށެވެ. އަދި ޑަބްލިޔުޑީސީގެ ރައީސާ ވެގެންދާނީ ފުލްޓައިމް މަގާމަކަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު