އޮކްސިޖަން ކެފޭއިން ހިދުމަތް ހޯދާ ކަސްޓަމަރުން ދެއްކި ފައިސާ ވަތްގަނޑަށް ލުމުގެ ބަދަލުގައި، ޖީބަށްލައި ވައްކަންކުރި ދެ ބިދޭސީއެއްގެ ބަންދަށް ކުރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.

އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރީ އުދަޔަކުމާރު ޖޭކުމާރު ރަޖާ ކިޔާ އިންޑިއާ ފިރިހެނަކާއި، ޕަޑްމާ ކިޔާ ނޭޕާލް އަންހެނެކެވެ.

އެމީހުން ހައްޔަރުކުރީ ވައްކަން ކުރުމާއި ހިޔާނާތުގެ ކުށުގައި ކަމަށްވެސް ބުނެފައިވެއެވެ.

އެމީހުން ބުނެފައިވަނީ، ކަސްޓަމަރުން ފައިސާ ދިނުމުން ބިލު ފޮރުވުމަށްފަހު، ވެރިފަރާތުގެ ހުއްދަނެތި އެ ފައިސާ އަމިއްލަ ޖީބަށްލާ ކަމަށެވެ. އެގޮތަށް ދެ ދުވަސްމަތިން 200 ރުފިޔާ ނަގާފައިވާނެ ކަމަށް އެމީހުން ވަނީ ބުނެފައެވެ.

ނަމަވެސް އެއްބަސްވިގޮތަށް ވެރިފަރާތުން އެމީހުންގެ މުސާރަ އައި ޕޮކެޓްމަނީ އާއި ސާވިސްޗާޖު ނުދޭ ކަަމަށާއި، ބަލިވުމުން ފަރުވާވެސް ނުކޮށްދޭ ކަމަށް އެމީހުން ވަނީ ބުނެފައެވެ.