ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، (އެޗްއާރުސީއެމް)އަށް މެންބަރަކު އައްޔަނުކުރަން އިތުރު 3 ނަމެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

އެޗްއާރްސީއެމްގެ ދެ މެންބަރެއްގެ މުއްދަތު އަންނަ މަހު 8 އަށް ހަމަވާތީ އެ ކޮމިޝަނަށް މެންބަރުން އައްޔަނުކުރުމަށް އެކަމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް އިއުލާނުކުރުމުން އެކަމަށް ޖަވާބުދިން ފަރާތްތަކުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފެނިވަޑައިގަތް ދެ ނަމެއް މިދިޔަ ހަފުތާއިގައިވެސް މަޖިލީހަށް ފޮނުއްވައިފަ އެވެ.

އޭގެ ތެރެއިން އެއް ނަމަށް މަޖިލީހުން ރުހުން ދިނުމަށްފަހު ދެން ރައީސް ފޮނުއްވި މުހައްމަދު ފާރިސް ތޯހާ، ހ. ސޯސަން އަށް ގެވެށި އަނިޔާގެ ތުހުމަތު އޮތުމުން އެޗްއާރުސީއެމްގެ މެންބަރުކަމަށް އޭނާގެ ނަން ފާސްކުރަން ބޭނުންވާ މިންވަރަށް ކޮމެޓީން މާކުހެއް ނުލިބުނެވެ.

އެހެންވެ އިތުރު ތިން ނަމެއް ރައީސް ވަނީ މިއަދުގެ ޖަލްސާއަށް ފޮނުއްވައިފަ އެވެ. އެ ތިން ނަމަކީ:

  1. އަހްމަދު މަގްސޫމް، ސީބްރީޒް / ސ. ހުޅުދޫ
  2. އަމީރާ ނައީމް، ހ. ބުރުޒް
  3. ފާތިމަތު ނަފްއަތު އަބްދުލްވައްހާބް، ދަފްތަރު ނަމްބަރު ދރ 712

މި މަގާމަށް މީހުން އައްޔަންކުރަން އެ ބޭފުޅުންނާ އިންޓަވިއުކުރުމުގެ މަސައްކަތް ކުރަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީންނެވެ.

މިހާރު އެޗްއާރްސީއެމްގައި ތިއްބަވާ މެންބަރުންނަކީ:

  • ރައީސް މަރިޔަމް މުނާ
  • ނައިބު ރައީސް މޫމިނާ ވަހީދު
  • ސަމާއު އަހްމަދު ނަޖީބް
  • އާމިނަތު ޝިފާތު އަބްދުއްރައްޒާގު
  • އިސްމާއިލް ހަބީބް އަބްދުއްރަހްމާން

އެޗްއާރުސީއެމްއަށް އައްޔަނު ކުރުމަށް އިއްޔެ މަޖިލީހުން ރުހުން ދީފައިވަނީ މުހައްމަދު ޝަފީގު މަހުމޫދު، މ. ކޮޕީ އަށެވެ.