ހޭންޑްބޯޅައަކީ މިހާރު ރާއްޖޭގައި ކުރިއަރަމުން އަންނަ ކުޅިވަރެއް ކަމަށާއި ހޭންޑް ބޯޅަ ކޯޓުތައް ހެދުމުގެ މުޅިން އާ މަޝްރޫއެއް އަންނަ އަހަރު ފަށާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު، އއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން އެ އަތޮޅު ހިމަންދޫއަށް މިއަދު ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ހޭންޑްބޯޅަ ކޯޓު ހެދުމަށް ގިނަ ރަށްރަށުން އެދެމުން އަންނަ ކަމަށެވެ.

"ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބަޖެޓު ނިންމާފަ، ބަޖެޓުގެ މަސައްކަތް އަޅުގަނޑުމެން ހުށަހަޅަން ޖެހޭ މަޖިލީހަށް އޮކްޓޫބަރުގެ ތެރޭގަ. ހުށަހަޅާއިރު އަޅުގަނޑުމެން ހިމަނާ އެއް ޕްރޮގްރާމަކީ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގެ، އެއީ ހުރިހާ ރަށެއް ނޫން، ހޭންޑްބޯލް ކޯޓް ބޭނުންވާ ހުރިހާ ރަށެއް ހިމެނޭ ގޮތަށް ހޭންޑްބޯލް ކޯޓު އަޅައިދިނުމުގެ ޕްރޮގްރާމެއް. ނިއު ޕޮލިސީ އިނިޝިއޭޓިވް ތެރޭގަ ނޫނިއްޔާ އާ މަޝްރޫއުތަކުގެ ތެރޭގަ އެބަ ހިމަނަން. ދެ އަހަރު ދުވަހަށް ބަހާލައިގެން 2026 އާއި 2027 އަށް ބަހާލައިގެން ރާއްޖޭގެ ހޭންޑްބޯލް ކޯޓު އަޅަން ބޭނުންވާ ރަށްރަށުގަ ހޭންޑްބޯލް ކޯޓު އަޅައިދިނުމުގެ މަޝްރޫއެއް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ މަޝްރޫއު ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި އެ ކުޅިވަރުން ރާއްޖެއިން ދަނީ ކުރިއެރުން ހޯދަމުންކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

19 އޮގަސްޓު 2025، ރައީސް ޑރ. މުހައްމަދު މުއިއްޒު، ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ހިމަންދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ ----- ފޮޓޯ: ރައީސް އޮފީސް

ނަމަވެސް ހިމަންދޫގައި ހޭންޑްބޯލް ކޯޓުގެ މަސައްކަތް މި ހަފުތާ ތެރޭގައި ބަޔަކާ ހަވާލުކޮށް ސޮއިކޮށް، މިއަހަރުގެ ތެރޭގައި މަސައްކަތް ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހިމަންދޫއަށް އެންމެ ބޮޑަށް ދިމާވެފައިވާ މައްސަލައަކީ ރަށް ގިރުމުގެ މައްސަލަ ކަމަށެވެ. ރަށް ގިރުމުގެ މައްސަލަ ހައްލުކުރަން ބޭނުންވާ ބޮޑު ހިލަ މިހާރު ލިބިފައިވާ ކަމަށާއި އެ މަސައްތަކާއެކު ރަށުގެ ނެރުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ހިމަންދޫގެ އާ ސިއްހީ މަރުކަޒުގެ އިމާރަތް މިއަދު ހުޅުވައި ބޭނުންކުރަން ފެށިޔަސް އެތަނުގައި ފެންވަރު ރަނގަޅު ލެބޯޓަރީއެއް އަދި ނެތް ކަމަށާއި ރަށު ރައްޔިތުން ޖެހެނީ ކަނޑު ދަތުރުކޮށް ދުރު ހިސާބުތަކުން ޓެސްޓުތައް ހަދަންކަމަށް ރައީސް ވިދާޅުވިއެވެ. އެހެންވެ ހިމަންދޫ ސިއްހީ މަރުކަޒުގެ ލެބޯޓަރީ ތަރައްގީކުރުމަށް އަންނަ އަހަރު ބަޖެޓުގައި ހިމަނައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ލެބޯޓަރީއަށް ބޭނުންވާ މުވައްޒަފުންވެސް ހޯދައިދޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރަށުގެ ސްކޫލު މަޝްރޫއުގެ މަސައްކަތް ކުރާ ކުންފުންޏަށް ސަރުކާރުން ދަނީ ހުރިހާ އެއްބާރުލުމެއް ދެމުން ކަމަށާއި 75 ދުވަސް ތެރޭގައި އެ މަޝްރޫއު ނިންމުމަށް މަސަައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ އާ ދިރާސީ އަހަރަށް އެ އިމާރަތް ބޭނުން ކުރަން ފެށުންކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރަށުގެ މިސްކިތް ހެދުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ނިމި ޑިސެމްބަރަށް ބޭނުން ކުރަން ފެށިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރު އިންޑޯ ޖިމަކާއެކު އަދި ރަށުގައި ވަކީން އައުޓްޑޯ ޖިމެއް ހެދުމުގެ މަސައްކަތާއި ދަނޑުތަކުގައި ލައިޓް ހަރުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.

ހިމަންދޫއަކީ ލޯކަލް ޓޫރިޒަމް ތަރައްގީވަމުން އަންނަ ރަށެއްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ލޯކަލް ޓޫރިޒަމް ތަރައްގީވަމުން އަންނަ ރަށްރަށުގެ މީހުން ބޭނުންވަނީ ހަމައެކަނި ފަސްގަނޑު ރަނގަޅުކޮށް ފެންހިންދާ ނިޒާމެއް ގާއިމުކުރަން ކަމަށެވެ. އެ މަނިކުފާނުވެސް ބޭނުންފުޅުވެވަޑައިގަންނަވަނީ އެގޮތް ކަމަށާއި ސަބަބަކީ އެގޮތަށް މަގު ހެދުމުން ރަށުގެ ގުދުރަތީ ރީތިކަން ދަމަހައްޓައިދޭ ކަމަށެެވެ. ނަމަވެސް ހިމަންދޫގެ ރައްޔިތުން ބޭނުންވާ ކޮންސެޕްޓަކަށް މަގު ތަރައްގީކޮށްދޭން ސަރުކާރު އޮތީ ތައްޔާރަށްކަމަށް ރައީސް ވިދާޅުވިއެވެ.

ރަށުގެ ބިމުގެ ޖާގައިގެ ދަތިކަން ބޮޑުވެފައިކާން މުއައްސަސާތަކުން ވަނީ އެ މަނިކުފާނުގެ ސަމާލުކަމަށް ގެނެސްދީފައި ކަމަށް ރައީސް ވިދާޅުވިއެވެ. އެކަން ވީ އެންމެ އަވަހަކަށް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިއަހަރުގެ ތެރޭގައި ހިމަންދޫގައި ރަނގަޅު ފެންވަރެއްގެ ފުލުހުންގެ މަރުކަޒެއް ހެދުމުގެ މަސައްކަތް ފަށާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ރައްޔިތުންގެ ހުވަފެންތައް ހަގީތަކަށް ހަދައި ކުލަ ޖައްސައިދިނުމަކީ ލިބިވަޑައިގަންނަވާ އުފަލެއް ކަމަށެވެ.