ނަޕޯލީއަށް ކުޅެމުން އަންނަ ބެލްޖިއަމް ފޯވަޑް ރޮމެލޫ ލުކާކޫގެ ފަލަމަސްގަނޑަށް ސީރިއަސް އަނިޔާއެއް ލިބިފައިވާ ކަމަށާއި، އަނިޔާގެ ސަބަބުން ސާޖަރީއަކަށް ދާން ޖެހިދާނެ ކަމަށް ކްލަބުން ބުނެފިއެވެ.

ކުރިން އިންޓަ މިލާނާއި ޗެލްސީގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑަށްވެސް ކުޅެފައިވާ ލުކާކޫއަށް އަނިޔާވީ ނަޕޯލީން ޕްރި ސީޒަނުގައި ކުޅުނު އެކުވެރިކަމުގެ މެޗެއްގައެވެ. އެއީ އޮލިމްޕިއާކޯސް ޕިރައެސްއާ ދެކޮޅަށް ކުޅެ، 2-1 އިން މޮޅުވި މެޗުގައެވެ.

ނަޕޯލީން ބުނީ އުމުރުން 32 އަހަރުގެ ލުކާކޫގެ ފަލަމަސްގަނޑުގެ ރެކްޓަސް ފެމޮރިސްއަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށެވެ. މިހާރު ސާޖަރީއަކަށް ދާން ތައްޔާރުވަމުން އަންނަ ކަމަށާއި، ބެލެވޭ ގޮތުގައި ގިނަ ދުވަސްތަކެއް ވާންދެން ލުކާކޫއަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށްވެސް ކްލަބުން ބުންޏެވެ.

މިދިޔަ ސީޒަނުގެ އިޓަލީ ލީގު ކާމިޔާބުކުރި ނަޕޯލީއަށް ލުކާކޫއަކީ މުހިއްމު ކުޅުންތެރިއެކެވެ. އެ ސީޒަނުގައި އޭނާ 14 ގޯލު ޖަހާފައިވާ އިރު، ލުކާކޫއަކީ އެޓީމުގެ އެއް ނަންބަރު ފޯވަޑެވެ.

ލޫކާކޫއަށް ބަރޯސާވުން އިތުރު ކުރުމަށް ކްލަބުން ވަނީ މި ސީޒަނުގެ ކުރިން އެ ޓީމުގެ ފޯވަޑް ވިކްޓޯ އޮސީމެން ގަލަޓަސަރާއީއަށް ވިއްކާވެސްލައިފައެވެ.