މީޑިއާތައް 100،000 ރުފިޔާއިން ޖޫރިމަނާކުރެވޭ ގޮތަށް ބަދަލުކޮށް، މީޑިއާ ކޮމިޝަންގެ ބިލު އަލުން ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

އަމިއްލަ ހައިސިއްޔަތުން "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު" މިފަހަރު ވެސް ހުށަހަޅުއްވަނީ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ.

މިދިޔަ އަހަރު ހަންނާން އެ ބިލު ހުށަހެޅުއްވި ނަމަވެސް، ގިނަ ޕްރެޝަރުތަކެއް ކުރިމަތިވުމާއެކު ވަނީ އެ ބިލު އަނބުރާ ގެންދަވައިފައެވެ. މިފަހަރުގެ ބިލުގައި ހަންނާން ވަނީ ބައެއް ބަދަލުތައް ގެންނަވައިފައެވެ.

މިފަހަރު މައިގަނޑު ތިން ބަދަލެއް ފާހަގަވެފައިވާ އިރު، އެއް ބަދަލަކީ މީޑިއާ ކޮމިޝަން އެކުލެވިގެންވާ ގޮތަށް ގެންނަ ބަދަލެވެ. ކުރިން ބިލުގައި ވަނީ، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ހަތަރު މެންބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ ތިން މެންބަރުންނާއެކު ކޮމިޝަން އެކުލެވިގެންވަނީ ހަތް މެންބަރުންގެ މައްޗަށެވެ.

މިފަހަރުގެ ބިލުގައި ވަނީ، ކޮމިޝަންގައި ހިމެނޭނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ތިން މެންބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެންބަރުންނެވެ. ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރުންނަށް މަޖިލީހުން ރުހުން ހޯދަން ޖެހެއެވެ. އަދި މީޑިއާތަކުން ކޮމިޝަންގައި ހިމެނޭ މެންބަރުން އިންތިހާބު ކުރާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތީން އިލެކްޝަންސް ކޮމިޝަނުން ބާއްވާ އިންތިހާބަކުންނެވެ.

ކުރީގެ ބިލުގައި ވެސް އޮތްގޮތަށް ކޮމިޝަންގެ މެންބަރުކަމުގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ. ނަމަވެސް ވިދިވިދިގެން ދެ ދައުރަށްވުރެ ގިނަ ދުވަހު މެންބަރުކަމެއް ނުކުރެވޭނެއެވެ.

ކޮމިޝަންގެ ރައީސާއި ނައިބު ރައީސް އައްޔަންކުރާ ގޮތަށް ވެސް ވަނީ ބަދަލެއް ގެނެސްފައެވެ. ކުރިން އޮންނަ ކޮމިޝަންގެ ރައީސަކާއި ނައިބު ރައީސެއް އައްޔަން ކުރާނީ މަޖިލީސްގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. ނަމަވެސް މިފަހަރުގެ ބިލުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާނީ ހަމައެކަނި ކޮމިޝަންގެ ރައީސެވެ. އަދި ނައިބު ރައީސް ހޮވާނީ ކޮމިޝަންގެ މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން ކަމަށް މިފަހަރުގެ ބިލުގައިވެއެވެ.

މީޑިއާތަކާއި ނޫސްވެރިންގެ ޖަމިއްޔާ އިން ޖޫރިމަނާގެ އަދަދުތައް ބޮޑުކަމަށް ބުނެ، ކަންބޮޑުވުން ފާޅުކުރި ނަމަވެސް، މިފަހަރުގެ ބިލުގައި އެ އަދަދުތައް އިތުރަށް ވަނީ ބޮޑުކޮށްފައެވެ.

ކުރީގެ ބިލުގައި ވަނީ، ކޮމިޝަނުން ކަނޑައަޅާ ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފުވާ ނަމަ، އެ ނޫހެއް ނުވަތަ މަޖައްލާއެއް 5000 ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރުމާއި، މީޑީއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރީން 5،000 ރުފިޔާ އާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

މިފަހަރު ހުށަހަޅާ ބިލުގައި ވަނީ، ކޮމިޝަނުން ކަނޑައަޅާ ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފުވާ ނަމަ، އެ ނޫހެއް ނުވަތަ މަޖައްލާއެއް 5000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރުމާއި، މީޑީއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރީން 5،000 ރުފިޔާ އާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.