ރެއާލް މެޑްރިޑުގައި ކުރަމުން އަންނަ މަސައްކަތް ދައްކަން ބޭނުންވަނީ ދަނޑުމަތިން ކަމަށް ކޯޗު ޒަބީ އެލޯންސޯ ބުނެފިއެވެ.

ބަޔާން ލެވަކޫސަންއާއެެކު ކާމިޔާބީތަކެއް ހޯދުމަށްފަހު، މި ސީޒަނަށް ރެއާލަށް ބަދަލުވި ކޯޗު އެލޯންސޯ، މިހާތަނަށް އެ ކްލަބާއެކު ކްލަބު ވޯލްޑް ކަޕަށް ނުކުމެފައިވެއެވެ. އެ މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް ދަތުރުކޮށް، ރެއާލް ކެޓީ ޕީއެސްޖީ ކައިރިން 4-0 ގެ ނަތީޖާއަކުން ބަލިވެގެންނެވެ.

ރެއާލުން މާދަމާ ރޭ ލީގު ފަށަން ނުކުންނާނީ އޮސަސޫނާއާ ދެކޮޅަށެވެ. އެ މެޗާ ގުޅިގެން ވާހަކަ ދައްކަމުން އެލޯންސޯ ބުނީ އޭނާއަކީ ބަހަށްވުރެ އަމަލު ގިނަކުރާ ކޯޗެއް ކަމަށެވެ.

"އަހަންނަކީ ވާހަކަޔަކަށްވުރެ ބޮޑަށް އަމަލު ގިނަ ކޯޗެއް. މާގިނަ ވައުދުތެކެއް ވެގެން، މާގިނަ ވާހަކަ ދައްކައިގެން އާއްމުކޮށް ފުޓުބޯޅައިގައި އެއީ ކާމިޔާބު ހޯދޭނެ ގޮތެއް ނޫން. އަހަންނެއް ނުބުނާނަން ކަންކަން ޔަގީންކޮށް ވާނެ ކަމަކަށް. އަހަރެމެން ބޭނުންވަނީ ފުރަތަމަ މެޗުންވެސް ރަނގަޅު މިސްރާބުގައި ތިބެން،" އެލޯންސޯ ބުންޏެވެ.

އެލޯންސޯ ބުނީ ފުރަތަމަ މެޗުންވެސް ބޭނުން ވަނީ ސަޕޯޓަރުންގެ ލޯބި ހޯދަން ކަމަށާއި، ސްކޮޑު އޮތީ ވަރަށް ތައްޔާރަށް ކަމަށެވެ. ހާއްސަކޮށް، ކޮންމެ މަގާމަކަށްވެސް ވާދަވެރިކަން އޮތުމަކީ މުހިއްމު ކަމެއް ކަމަށް އެލޯންސޯ ބުންޏެވެ.