ކޮންމެހެން ބޭނުންވާ ބޭހެއްގެ ގޮތުގައި ލިސްޓުކޮށްފައިވާ ފަސް ބޭހެއް ފިޔަވައި، އެ ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް އެސްޓީއޯ މެދުވެރިކޮށް މިއަހަރު ރާއްޖެ އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ސީނިއާ ފާމަސިސްޓް އައިޝަތު ޖަލީލާ ވިދާޅުވެއްޖެއެވެ.
ޖަލީލާ މިހެން ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ނަފުސާނީ އެކިއެކި ކަންކަމަށް ބޭނުންވާ ބައެއް ބޭސްތައް ލިބުމުގެ ދަތިތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅިގެން އެމްއެފްޑީއޭގެ ބޭފުޅުން މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހާޒިރު ކުރުމުން، މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ޖަލީލާ ވިދާޅުވީ، ނަފުސާނީ ފަރުވާއަށް ބޭނުންވާ ބޭސް ލިބުމުގައި ހުރި މައްސަލަތައް ހައްލުކޮށް، އެސްޓީއޯ މެދުވެރިކޮށް އެފަދަ ބޭސް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ނަފުސާނީ ބަލި ހުންނަ ފަރާތްތަކަށް ދޭ ބޭހަކީ ނެޝަނަލް އެސެންޝަލް މެޑިސިން ނުވަތަ ކޮންމެހެން ބޭނުންވާ ބޭހެއްގެ ގޮތުގައި ލިސްޓުކުރެވިފައިވާ ބޭސްތަކެއް ކަމަށާއި، އެ ލިސްޓުގައި ހިމަނާފައިވާ ބޭސްތައް ސިއްހީ ހިދުމަތްދޭން ކަނޑައަޅާ ތަންތަނުގައި ނުވަތަ ބޭސްފިހާރަތަކުން ލިބޭގޮތަށް ހުރުން ލާޒިމުކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެގޮތުން މިއަހަރުގެ މިހާތަނަށް، ލިސްޓުގައި ހިމެނޭ ފަސް ބޭސް ފިޔަވައި ހުރިހާ ބޭހެއް އެތެެރެކޮށްފައިވާ އިރު، އެ ފަސް ބޭހަކީ ބޭރުގެ އެހެން ގައުމުތަކުންވެސް ލިބުމުގައި ދަތިތަކެއް ހުރި ބޭސްތަކެއް ކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް އެ ބޭސް ގެނައުމުގެ މަސައްކަތް އެސްޓީއޯއިން ކުރަމުންދާ ކަަމަށްވެސް ވިދާޅުވިއެވެ.
ރާއްޖެއަކީ 100 ޕަސެންޓް އިމްޕޯޓަށް ބަރޯސާވާ ގައުމަކަށްވުމުން ބޭސް ހުސްވާ ވަގުތުން އެ ބޭސް އެތެރެ ނުކުރެވުމަކީ ކުރިމަތިވާ ގޮންޖެހުމެއް ކަމަށާއި، ގިނަ ފަހަރު ދިމާވާ ގޮންޖެހުމަކީ ކާގޯއިން ބޭނުންވާ ޕްލޮޓް ނުލިބިގެން ކަމަށް ޖަލީލާ ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ