އަންނަ ސެޕްޓެމްބަރު މަހު ކުޅުދުއްފުށީ ސިޓީގައި ބާއްވަން ތައްޔާރުވަމުން އަންނަ ކޮމަންވެލްތު ބީޗް ހޭންޑްބޯލް މުބާރާތުގައި ހަ ގައުމަކުން ވާދަކުރަން ހަމަޖެހިފައިވާ ކަމަށް ހޭންޑްބޯލް މޯލްޑިވްސްއިން ބުނެފިއެވެ.

ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ޝަރަފުވެރި އެއް މުބާރާތް، ކޮމަންވެލްތު ބީޗް ހޭންޑްބޯލް މުބާރާތް ކުޅުދުއްފުށީގައި އޮންނާނީ އަންނަ މަހުގެ 18 އިން 22 އަށެވެ.

"ވަން ސްޕޯޓްސް" އާ ވާހަކަ ދައްކަވަމުން ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް، އަހުމަދު މުޖުތަބާ (މުޖޭ) ވިދާޅުވީ މުއްދަތުހަމަވި އިރު، މުބާރާތުގައި ބައިވެރިވުމުގެ ކަންކަން ފުރިހަމަ ކޮށްފައި ވަނީ ހަ ގައުމަކުން ކަމަށެވެ. އެއީ ބަންގްލަދޭޝް، ޕާކިސްތާން، އިންޑިއާ، ސްރީ ލަންކާ އަދި ދެކުނު އެފްރިކާގެ އިތުރުން ރާއްޖެއެވެ.

މުޖޭ މިއަދު ވިދާޅުވީ މުބާރާތުގައި ބައިވެރިވުމަށް އިތުރު ބައެއް ގައުމުތަކުން މަސައްކަތް ކުރި ނަމަވެސް، އެ ގައުމުތަކުން ބޭނުންވި ގޮތަށް ބައިވެރިވުމުގެ މުއްދަތު އިތުރު ނުކުރީ ކަމަށެވެ. މުޖޭ ވިދާޅުވީ ޓާގެޓް ކުރީ 8 ގައުމަށް ކަމަށާއި، މުއްދަތު ހަމަވިފަހުން އިތުރު ފުރުސަތުތަކަށް ބައެއް ގައުމުތައް އެދުނު ކަމަށެވެ. އެގޮތުން، ނައިޖީރިއާ އާއި ކެނެޑާގެ އިތުރުން ކެންޔާ އަދި މޮރިޝަސްއިންވެސް ބައިވެރިވާން މަސައްކަތް ކޮށްފައިވާ ކަމަށް މުޖޭ ފާހަގަކުރެއްވިއެވެ.

"ކުރިއާލައި މުބާރާތަށް އިއުލާނުކޮށް، އެކަމަށް ތައްޔާރުވީވެސް ބައިނަލްއަގުވާމީ މުބާރާތަކަށްވީމަ ވަރަށް ބައިވަރު ކަންކަން އިންތިޒާމުކުރަން ޖެހޭތީ. މުއްދަތު ހަމަވިފަހުން ނައިޖީރިއާއާއި ކެނެޑާގެ އިތުރުން ކެންޔާ އަދި މޮރިޝަސްއިންވެސް އެދުނު،. އެހެން ނަމަވެސް، އެ ފުރުސަތު ނުދިނީ ކޮމަންވެލްތާވެސް މަޝްވަރާ ކޮށްފަ. އަޅުގަނޑުމެންނަށްވެސް ދިމާވާ ވަރަށް ގިނަ ކަންކަން ހުރޭ. އޭގެ ތެރެއިން އެއް ކަމެއް އެއީ ޑޮމެސްޓިކް ފްލައިޓްތަކަށް ސެޓުކޮށް، ޓިކެޓް ކަންކަން ހަމަޖެއްސުން. އެހެންވީމަ އެކަންކަމަށް ބަލައި އިތުރު ގައުމުތަކަށް ފުރުސަތު ނުދިނީ،" މުޖޭ ފާހަގަކުރެއްވިއެވެ.

މުޖޭ ވިދާޅުވީ މުބާރާތަށް މިހާރުވެސް އަންނަނީ ފުރިހަމައަށް ތައްޔާރުވަމުން ކަމަށާއި، މުބާރާތް ކުރިއަށް ގެންދަން ރާވަނީ ވަރަށް ފުރިހަމައަށް ކުލަ ގަދަކޮށް ކަމަށެވެ.

މިފަހަރު ކޮމަންވެލްތު މުބާރާތަށް ރާއްޖޭގެ ގައުމީ ބީޗް ހޭންޑްބޯޅަ ޓީމުގެ ސްކޮޑު އެކުލަވައިލުމަށް ސެލެކްޝަން ޓްރަޔަލްތަކެއް، މާލެއާއި ކުޅުދުއްފުށީ ސިޓީގައިވެސް ކުރިއަށް ގެންގޮސްފައިވާ އިރު، އަދި ސްކޮޑު އިއުލާނު ކޮށްފައެއް ނުވެއެވެ.