ބަޔާން މިއުނިކް ޖާޒީގައި ލުއިސް ޑިއާޒް ކުޅުނު ފުރަތަމަ މެޗުގައި އޭނާގެ ގޯލާއެކު އެޓީމުން ޖަރުމަނު ސުޕަ ކަޕް ކާމިޔާބު ކޮށްފިއެވެ.

ރޭ އެމްއެޗްޕީ އެރީނާގައި ކުޅުނު ސުޕަ ކަޕު މެޗުގައި ބަޔާނުން ސްޓަޓްގާޓް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗަކީ ލިވަޕޫލުން ބަޔާނާ ގުޅުނު ކޮލަމްބިއާ ފޯވަޑް، ޑިއާޒްގެ ފުރަތަމަ މެޗެވެ. 65.5 މިލިއަން ޕައުންޑަށް އެ ކްލަބާ ގުޅުނު ޑިއާޒް ވަނީ މެޗުގައި ގޯލު ޖަހައި، އޭނާގެ އުފާފާޅުކުރުން ޑިއޭގޯ ޖޮޓާއަށް ހާއްސަ ކޮށްފައެވެ.

ޑިއާޒް ދެވަނަ ހާފުގައި ގޯލު ޖެހި އިރު، ފުރަތަމަ ހާފުގައި ބަޔާނަށް ލީޑު ނަގައިދިނީ އިންގްލެންޑް ފޯވަޑް، ހެރީ ކޭންއެވެ. އިންގްލެންޑް ކެޕްޓަން ކޭން އެ ގޯލު ޖެހީ، ސްޓަޓްގާޓް ފަހަތުން ސާފުކޮށްލަން ޖައްސާލި ބޯޅައެއް ހޯދައި، ފައިދާ ނަގައިގެންނެވެ.

ޖަރުމަނުގެ ސީޒަން ހުޅުވަން ކުޅުނު މެޗުގެ ދެވަނަ ހާފުގައި ޑިއާޒް އިތުރު ގޯލެއް ޖެހި އިރު، އެ ގޯލަކީ ސާޖް ނަބްރީގެ ހުރަހެއް، ބޮލުން ގޯލަށް ވައްދާލައިގެން އޭނާ ޖެހި ގޯލެކެވެ.

މެޗު ނިމިނިމި އޮއްވާ ސްޓަޓްގާޓްގެ ޖޭމީ ލެވެލިން ވަނީ އެޓީމަށް ގޯލެއް ޖަހައިދީފައެވެ. އެ ގޯލާއެކު ސްޓަޓްގާޓަށް ކޮންމެވެސް ވަރެއްގެ އުންމީދެއް ލިބުނު ނަމަވެސް، އިތުރު ހާސްކަމެއް ނެތި ބަޔާނުން ރެކޯޑު 11 ވަނަ ފަހަރަށް ސުޕަ ކަޕް ހޯދިއެވެ.