ރަށްރަށުގައި ކުނި މެނޭޖުކުރަން ބޭނުންވާ ފައިސާ ހޯދުމަށް ބައެއް ރަށްރަށުގެ ފަޅާއި ފަޅުރަށްރަށް އިންވެސްޓް ކޮށްދޭނެ ފަރާތްތައް ހޯދަން ވެމްކޯ އިން އިއުލާންކޮށްފިއެވެ.

ވެމްކޯއިން ވަނީ، އެ ގޮތަށް ކުއްޔަށް ދިނުމަށް ކ. ހިންމަފުށި ފަޅުން ބަޔަކާއި ކ. ކުރައިދޫގައި ކައިރީގައި އޮންނަ ޅޮސްފުއްޓަށް ބީލަން ހުށަހަޅަން މި މަހުގެ ތިންވަނަ ދުވަހު އިއުލާނުކޮށްފައެވެ.

އެތަންތަން ކުއްޔަށް ދޫކުރުމުގެ އިއުލާނުގައިވާ ގޮތުން، އެ ތަންތަން ދެނީ ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ތަރައްގީކުރާ ގޮތަށެވެ.

އެ ތަންތަނުގެ ޕްލޭނިން އާއި ޑިޒައިން އަދި ތަރައްގީގެ ކަންކަން ކުރަން ޖެހޭނީ ބީލަން ކާމިޔާބުކުރާ ފަރާތުން އަމިއްލައަށް ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން އިއުލާނުގައި ބުނެފައިވަނީ އެތަންތަން ތަރައްގީކުރަން ވެމްކޯއިން އެއްވެސް ހަރަދެއް ނުކުރާނެ ކަމަށެެވެ.

ހިންމަފުށީ ފަޅާއި ޅޮސްފުށި ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކުން މި މަހު 28 ގެ ކުރިން ބީލަން ހުށަހަޅަން ޖެހެއެވެ.