ތުރުކީވިލާތުން، ރާއްޖެއަށް ހަދިޔާކުރި އަސްކަރީ މަނަވަރަކީ ރާއްޖޭގެ މިނިވަންކަމުގެ މަތިވެރިކަން ދައްކުވައިދޭ ފަދަ އުޅަނދެއް ކަމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ތުރުކީ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި، މިސައިލް ފޮނުވޭ އަސްކަރީ އެ މަނަވަރު ރާއްޖެ ގެނެސްފައިވަނީ މިމަހުގެ ނުވަވަނަ ދުވަހުގައެވެ. އެއީ ޑޯކަން ކްލާހުގެ ފާސްޓް އެޓޭކް ކްރާފްޓެއް ކަމަށްވާ ޓީސީޖީ ވޮލްކަން (ޕީ-343) ގެ މަނަވަރެކެވެ. ސީޖީ ވޮލްކަން (ޕީ-343) އަކީ ޖަރުމަނުގެ ޝިޕްބިލްޑަރު ލޫސަން ވާފްޓް ޑިޒައިންކޮށް ރަސްމީކޮށް ތުރުކީގެ ކަނޑުގެ އަސްކަރިއްޔާގެ ތެރެއަށް 12 މެއި 1981 ގައި ހަވާލުކުރި ޑޯކަން ކްލާހުގެ ފާސްޓް އެޓޭކް ކްރާފްޓެކެވެ.

ތުރުކީން، ރާއްޖެއަށް ހަދިޔާކުރި އަސްކަރީ މަނަވަރު މިރޭ އެމްއެންޑީއެފްއާ ހަވާލުކޮށް، ހިދުމަތަށް ވަނީ ނެރެފައެވެ. ތުރުކީން ހަދިޔާކުރި މަނަވަރު އެމްއެންޑީއެފްއާ ހަވާލުކޮށް، ކޮމިޝަންކޮށްފައިވަނީ "ދަރުމަވަންތަ" ގެ ނަމުންނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގައްސާން ވިދާޅުވީ "ދަރުމަވަންތަ" މަނަވަރަކީ އެމްއެންޑީއެފްގެ ކޯސްޓްގާޑު ފްލީޓުގައި ބޭނުންކުރާނެ އެންމެ ބޮޑު އުޅަނދު ކަމަށެވެ.

"މިރޭ ލިބިގެން މިދިޔައީ ދިވެހި ތާރީހުގައި ދިވެހި އަސްކަރިއްޔާއަށް ލިބިފައި އޮތް އެންމެ ބޮޑު މަނަވަރު. ދުރު ރާސްތާތަކަށް ހަލުވިކަމާއެކު ވާސިލްވެ އެންމެ ޒާމާނީ ޓެކްނޮލޮޖީއާ ވަސީލަތްތަކާއި ބަރު ހަތިޔާރު ބޭނުންކޮށްގެން ރާއްޖޭގެ މިނިވަންކަމުގެ ފުރަމާނަ ދޭހަކޮށްދޭ ވަރުގެ އުޅަނދެއް. މަސައްކަތް ފެށުމުން ނިމުމާ ހަމައަށް ގާތުން މަސައްކަތް ދުށް މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ދަންނަވަން އޮތީ މިރޭ ހަގީގަތަކަށް ވެގެންދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަސައްކަތްޕުޅުންނޭ،" ގައްސާން ވިދާޅުވިއެވެ.

15 އޮގަސްޓް 2025، ތުރުކީ ވިލާތުން ދިވެހިރާއްޖެއަށް ހަދިޔާކުރާ މަނަވަރު ދިވެހިރާއްޖޭގެ ދިފާއީބާރާއި ހަވާލުކުރުމުގެ ރަސްމިއްޔާތު --- ވަން ފޮޓޯ: ހަމްދާން އަހުމަދު

ގައްސާން ވިދާޅުވީ ދިވެހިންނަކީ އަބަދުވެސް ގައުމުގެ ކަނޑުފަޅު ހިމާޔަތް ކުރަމުންދިޔަ ބައެއް ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ކޯސްޓުގާޑުގެ ހިދުމަތް ފަށައިފައިވަނީ ގަދަ ހިތްވަރާއެކު މަދު ވަސީލަތްތަކަކާއެކު ކަމަށެވެ.

ކޯސްޓުގާޑުގެ ހިދުމަތް މިހިސާބަށް ގެނެވުނީ ވަރަށް ގިނަ ބައެއްގެ މަސައްކަތުންކަން ފާހަގަކުރައްވައި ގައްސާން ވަނީ އެ ބޭފުޅުންގެ ނަން ވިދާޅުވެ ދެއްވައި ޝުކުރު އަދާކުރައްވައިފައެވެ.