މިއަދަކީ ދިވެހި ސިފައިންގެ ފަހުރާއި ޝަރަފު އިސްއުފުލައި ދުނިޔެއަށް ދައްކާލަންވީ ދުވަސް ކަމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ގައްސާން ވިދާޅުވީ ގައުމީ ދިފާއީ ބާރުގެ އަސްކަރީ ގާބިލިއްޔަތު އިތުރުކޮށްދެއްވަން ކެނޑިނޭޅި ރެއާއި ދުވާލު ވަރަށް ގާތުން ބައްލަވައިގެން ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބުރަ މަސައްކަތްޕުޅެއް ކުރައްވަމުންގެންދަވާ ކަމަށާއި އެކަމަށްޓަކައި އެ މަނިކުފާނަށް ޝުކުރު ދަންނަވާ ކަމަށެވެ.
"މިއަދަކީ، މިދިޔަ އަހަރުގެ ނޮވެމްބަރު 3 އިން މިއަހަރުގެ ނޮވެމްބަރު 3 އަށް ސިފައިންގެ އެންމެ މަތީ ވެރިޔާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަޅުގަނޑުމެންނަށް ހޯއްދަވައިދެއްވި ކުރިއެރުންތަކަށް ފަހުރުވެރިވާ ހާލުގައި ލަޝްކަރު އަލުން ރުކުރުވާލަންވީ ދުވަސް. ތިބޭފުޅުންގެ ފަހުރާއި ޝަރަފު އިސްއުފުލައި ދުނިޔެއަށް ދައްކާލަންވީ ދުވަސް. ނަފްސަށްވުރެ ގައުމު އިސްކުރުމުގެ އަޒުމު އާކުރަންވީ ދުވަސް،" މިނިސްޓަރު ވިދާޅުވިއެވެ.
ގައްސާން ވިދާޅުވީ ފާއިތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މި ސަރުކާރުން ގިނަ ލަނޑުދަނޑިތަކެއް ހާސިލުކޮށްފައިވާ ކަމަށާއި އެގޮތުން އެއް މަސައްކަތަކީ ދާދި ފަހުން ފެށުނު ދިވެހި ވަތަނީ ހިދުމަތުގެ މަސައްކަތް ކަމަށެވެ. އަދި ދިފާއީ ސިޔާސަތެއްގެ އެންމެ އަސާސީ އެއް ތަނބަކީ ގައުމަށް ވަފާތެރި އިހުލާސްތެރި ޖީލެއް ބިނާކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ގައުމު ދެމިއޮތްހާ ހިނދަކު، ސިފައިންގެ ހުވާގައިވާ ގޮތުގެ މަތިން، އެންމެ ފަހު ލޭތިކި އޮހޮރާލައިގެން ވެސް ފުރާނަ ގުރުބާންކޮށްގެން މި ގައުމުގެ މިނިވަންކަން ހިމާޔަތްކުރާނެކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް މިނިސްޓަރު ގައްސާން ވިދާޅުވިއެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން