ތުރުކީން، ރާއްޖެއަށް ހަދިޔާކުރި އަސްކަރީ މަނަވަރު މިރޭ އެމްއެންޑީއެފްއާ ހަވާލުކޮށްފިއެވެ.

އެމްއެންޑީއެފުން މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން، އެމްއެންޑީއެފް، ކޯސްޓްގާޑުގެ އިސްވެރިން އަދި ތުރުކީގެ އަސްކަރިއްޔާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ތުރުކީން ހަދިޔާކުރި އެމްއެންޑީއެފްއާ ހަވާލުކޮށް، ކޮމިޝަންކޮށްފައިވަނީ "ދަރުމަވަންތަ" ގެ ނަމުންނެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގައްސާން ވިދާޅުވީ "ދަރުމަވަންތަ" މަނަވަރަކީ އެމްއެންޑީއެގްފެ ކޯސްޓްގާޑު ފްލީޓުގައި ބޭނުންކުރާނެ އެންމެ ބޮޑު އުޅަނދު ކަމަށެވެ.

ތުރުކީ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި، މިސައިލް ފޮނުވޭ އަސްކަރީ އެ މަނަވަރު ރާއްޖެ ގެނެސްފައިވަނީ މިމަހުގެ ނުވަވަނަ ދުވަހުގައެވެ.

ޑިފެންސް މިނިސްޓްރީން މި އަހަރުގެ އެޕްރިލް 13 ވަނަ ދުވަހު ނެރުނު ބަޔާނުގައި ބުނީ ތުރުކީން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ހަދިޔާކުރަނީ ޑޯގަން ކްލާސްގެ މަނަވަރެއް ކަމަށެވެ.

އެ ބަޔާނުގައި ބުނީ، ރައީސް މުއިއްޒު އެންމެ ބޮޑު އިސްކަމެއް ދެއްވާ ސިޔާސަތަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލް ހިމާޔަތްކޮށް ރައްކާތެރިކުރުން ކަމަށާއި އެ ސިޔާސަތު ތަންފީޒުކުރުމަށްޓަކައި ރަހުމަތްތެރި ގައުމުތަކާ ގުޅުން ބަދަހިކޮށްގެން އެ އަމާޒަށް ވާސިލުވުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.

15 އޮގަސްޓު 2025، ތުރުކީވިލާތުން ރާއްޖެއަށް ހަދިޔާކުރި މަނަވަރު އެމްއެންޑީއެފްއާ ހަވާލުކޮށް، ކޮމިޝަން ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ވަން ފޮޮޓޯޯ: ހަމްދާން އަހުމަދު ޝަރީފް

ތުރުކީގެ އަސްކަރީ އުޅަނދުތަކުގެ މައުލޫމާތު ޝާއިއުކުރާ ވެބްސައިޓުގައި ބުނެފައިވަނީ ތުރުކީން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ހަދިޔާކުރާ އެ މަނަވަރަކީ ރާއްޖެއާއި ތުރުކީއާ ދިފާއީ ގުޅުން ބަދަހިކުރުމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން ތުރުކީގެ ދިފާއީ ވުޒާރާއި ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

އެއީ ޑޯކަން ކްލާހުގެ ފާސްޓް އެޓޭކް ކްރާފްޓެއް ކަމަށްވާ ޓީސީޖީ ވޮލްކަން (ޕީ-343) ގެ މަނަވަރެކެވެ.

އެ ނޫހުގައި ބުނެފައިވާގޮތުން އެ އުޅަނދު ރާއްޖެ ގެނައުމަށް ހަމަޖެއްސީ ނިމިދިޔަ އެޕްރިލް މަހުގައެވެ. އަދި އެ މަނަވަރު ރާއްޖެ ގެނައުމުގެ ދަތުރު ފެށީ ފާއިތުވި ޖުލައި މަހުގައެވެ.

ތުރުކީގެ ކަނޑުގެ އަސްކަރިއްޔާގެ ޓީމެއް އެ އުޅަނދުގެ ސިސްޓަމްތައް އެކްޓިވޭޓްކޮށް ދިވެހި ސިފައިންނަށް ދެ ހަފުތާގެ ތަމްރީނު ޕްރޮގްރާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް ތުރުކީގެ އަސްކަރިއްޔާގެ ނޫހުން ބުނެއެވެ.

އެ ހަދިޔާއަކީ ތުރުކީއާއި ރާއްޖެއާ ދެމެދު ދިފާއީ ގުޅުން ބަދަހިކުރުމަށް ހަމަޖައްސާފައިވާ އުޅަދެއްކަމަށާއި ޓީސީޖީ ވޮލްކަން (ޕީ-343) އަކީ ޖަރުމަނުގެ ޝިޕްބިލްޑަރު ލޫސަން ވާފްޓް ޑިޒައިންކޮށް ރަސްމީކޮށް ތުރުކީގެ ކަނޑުގެ އަސްކަރިއްޔާގެ ތެރެއަށް 12 މެއި 1981 ގައި ހަވާލުކުރި ޑޯކަން ކްލާހުގެ ފާސްޓް އެޓޭކް ކްރާފްޓެއް ކަމަސްވެސް އެ ނޫހުގައި ވެއެވެ.

15 އޮގަސްޓު 2025، ތުރުކީވިލާތުން ރާއްޖެއަށް ހަދިޔާކުރި މަނަވަރު އެމްއެންޑީއެފްއާ ހަވާލުކޮށް، ކޮމިޝަން ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ވަން ފޮޮޓޯޯ: ހަމްދާން އަހުމަދު ޝަރީފް

އެނޫހުގައި އިތުރަށް ބުނެފައިވަނީ ހާޕޫން އެންޓި-ޝިޕް މިސައިލް ތައް ބޭނުންކޮށްގެން ތުރުކީގައި އެންމެ ފުރަތަމަ ދަތުރުކުރި އެއް އުޅަނދުގެ ހައިސިއްޔަތުން، އެ އުޅަނދުގެ ފުރަތަމަ އަހަރުތަކުގައި ކަނޑުގެ އަސްކަރީ ގާބިލުކަން ވަރަށް ބޮޑަށް އިތުރުވެގެން ދިޔަކަމަށެވެ.

އޭގެ އިތުރުން ޓެސްޓް އަދި ޓްރެއިނިން އުޅަނދެއްގެ ގޮތުގައި 2024 ވަނަ އަހަރު އަލުން ގިންތިކުރި ނަމަވެސް ވޮލްކަން އަކީ މެރިޓައިމް އޮޕަރޭޝަންތަކަށް ހަރުދަނާ ޕްލެޓްފޯމެއް ކަމަށްވެސް އެ ނޫހުގައި ބުނެފައިވެއެވެ.