ރާއްޖޭގައި ބާއްވާ ފުރަތަމަ އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަން (އައިޓީއެފް) އިވެންޓް ކަމުގައިވާ އައިޓީއެފް މޯލްޑިވްސް ޖޫނިއާ އޯޕަން 2025 - ޖޭ30 ގެ މެއިން ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފިއެވެ.
ދިރާގުން މިއަދު ބުނީ ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީއޭއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ 18 އަހަރުން ދަށުގެ އެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެން މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. މުބާރަތް ކުރިއަށްދާނީ ގައުމީ ޓެނިސް ސެންޓަރުގައި ކަމަށް ދިރާގުން ބުންޏެވެ.
އެ މުބާރާތުގައި 24 ގައުމަކުން 100 އަށް ވުރެ ގިނަ އެތުލީޓުން ބައިވެރިވުމަށް ހަމަޖެހިފައިވާ އިރު އޭގެ ތެރޭގައި ރާއްޖޭގެ 22 ކުޅުންތެރިން ހިމެނޭ ކަމަށް ދިރާގުން ބުންޏެވެ.
މުބާރާތުގެ ޒަރިއްޔާއިން ޒުވާން އެތުލީޓުންގެ ހުނަރުތައް ދައްކައިލައި، ބައިނަލްއަގުވާމީ ފެންވަރުގެ މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ. އަދި މި މުބާރާތް ރާއްޖޭގައި ބޭއްވުމަކީ ރާއްޖޭގެ ކުޅިވަރު ކަލަންޑަރުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ކަމަށް ދިރާގުން ބުންޏެވެ.
"ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ އައިޓީއެފް މުބާރާތުގެ ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވެ ރާއްޖޭގައި ޓެނިސް ކުރިއަރުވައި ޒުވާން ކުޅުންތެރިންނަށް ބައިނަލްއަގުވާމީ މައިދާނުގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުމުގައި ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަދި، މިއީ ރާއްޖޭގައި ކުޅިވަރު ތަރައްގީކޮށް ކުޅިވަރު އިވެންޓްތަކުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމަށް ދިރާގުން ދޭ އިސްކަން ދައްކުވައިދޭ ކަމެއް" ދިރާގުގެ ޑިރެކްޓާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މިރްޝާން ހަސަން ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މަގުސަދަކީ ރާއްޖޭގައި ޓެނިސް ކުރިއަރުވައި، ޒުވާން އެތުލީޓުންނަށް ބައިނަލްއަގްވާމީ ފެންވަރުގައި ވާދަކުރުމުގެ ފުރުސަތު ފަހިކޮށްދީ، އެ ކުދިން އިތުރު ހަރުފަތްތަކަށް ގެންގޮސްދިނުން. އަދި، މި މުބާރާތް ކާމިޔާބުކަމާއެކީ ގެންދިއުމަށް މުބާރާތުގެ މެއިން ޕާޓްނަރުގެ ގޮތުން ދިރާގުން ދެމުން އަންނަ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކުރުން" ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީއޭއެމް) ގެ ނައިބު ރައީސް އިގްނާޒް މަންސޫރު ވިދާޅުވިއެވެ.
ދިރާގުން ދަނީ މުޖުތަމައުގެ ތެރޭގައި ހިންގާ ހަރަކާތްތަކަށް އެއްބާރުލުންދީ ކުޅިވަރު ތަރައްގީކުރުމަށް ކުރިއަށްގެންދާ މި ފަދަ މުހިންމު ހަރަކާތްތަކުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ ބައިނަލްއަގުވާމީ ކުޅިވަރު ހަރަކާތްތައް ބާއްވާ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމަށް ހިންގާ ހަރަކާތްތަކަށް ފުރިހަމަ އެއްބާރުލުން ދެމުންނެވެ.
މުހައްމަދު އިޝާން
ދިރާގު
ދިރާގު
ދިރާގު
ދިރާގު