ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އެކްސްޕަވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، އެއް މިލިޔަން ރުފިޔާއިން ޖޫރިމަނާކުރި މައްސަލަ ބެލޭނެކަމަށް ސިވިލްކޯޓުން ނިންމައިފިއެވެ.
އެކްސްޕަވާއިން ބްރޯޑްކޮމްގެ މައްޗަށް ސިވިލްކޯޓަށް ދައުވާ ހުށަހެޅީ، މީގެ ފަސް އަހަރުކުރިން 11 ރިސޯޓެއްގައި ރީބްރޯޑްކާސްޓް ކުރި މައްސަލައެއްގައި އެ ފަރާތް އެއް މިލިޔަން ރުފިޔާއިން ޖޫރިމަނާކޮށް އެ ފަރާތާމެދު ކޮމިޝަނުން ފިޔަަވަޅު އަޅާފައިވާތީ، އެ މައްސަލަ ބަލައިދިނުމަށް އެދިއެވެ.
ނަމަވެސް ބްރޯޑްކޮމް އިން ވަނީ ކޯޓުގެ އިހުތިސާސާ މެދު އިއުތިރާޒު އުފައްދާ ހުށަހެޅުންތަކެއް ހުށަހަޅައިފައެވެ.
ބްރޯޑްކޮމް އިން ހުށަހެޅި އިއުތިރާޒްތަކާއި، އެކްސްޕަވާއިން ދިން ޖަވާބުތައް ބެލުމަށްފަހު ކޯޓުން ވަނީ ނިންމުމެއް ނިންމައިފައެވެ.
އެ ނިންމުމުގައި ޝަރީއަތުން ފާހަގަކޮށްފައިވަނީ ބްރޯޑްކޮމް އިން ހުށަހަޅާފައިވާ މައިގަނޑު އިއުތިރާޒަކީ އެ މައްސަލައިގައި ދައުވާކުރާ ފަރާތުން ދައުވާކުރުމުގެ ހައްގު އުފަންވި ވަގުތާބެހޭގޮތުން ކަމަށެވެ.
މި ދައުވާގައި ހިމެނޭ ހައްގު އުފަންވި ތާރީހާއި މުއްދަތާމެދު ގޮތެއް ކަނޑައަޅާފައިވާ ކަމަށާއި، އެހެންކަމުން މި މަރުހަލާގައި އެކަށީގެންވާ ގާނޫނީ ސަބަބެއްނެތި އެ މުއްދަތު ގުނި ގޮތާމެދު އިތުރު ގޮތެއް ނިންމިދާނެ ތަނެއް އޮތްކަމަށް ނުދެކޭކަމަށް ސިވިލްކޯޓުން ވަނީ ބުނެފައެވެ.
އެހެންކަމުން މި މައްސަލައަކީ ސިވިލްކޯޓަށް ބެލުމުގެ އިހުތިސާސް ލިބިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، ގާނޫނުގައިވާ ގޮތުގެމަތިން ބްރޯޑްކޮމް އިން މި ދައުވާއަށް ރައްދު ދޭންޖެހޭނެ ކަމަށް ކަނޑައަޅައި ދައުވާފޯމާ ހަވާލުވިކަން އަންގައިދޭ ލިޔުން 14 ދުވަހުގެ ތެރޭގައި ހުށަހަޅަން ބްރޯޑްކޮމްއަށް ވަނީ ކޯޓުން އަންގައިފައެވެ.
އިބްރާހިމް ޒަކީ
ސިވިލް ކޯޓް
ސިވިލް ކޯޓް
ސިވިލް ކޯޓް