ލާމަރުކަޒީ ނިޒާމަށް އިސްލާހުތަކެއް ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުމުން، ބައެއް ފަރާތްތަކަށް ވެގެންދިޔައީ ވަރަށް ބޮޑު ކަންބޮޑުވުމަކަށެވެ. ލާމަރުޒަކީ ނިޒާމު ނައްތާލުމަށް ސަރުކާރުން މަސައްކަތްކުރާ ކަމަށްބުނެ، ވާހަކަތައް ދައްކަމުންދިޔައެވެ. އިދިކޮޅު އެމްޑީޕީ އިސްވެ އޮވެ، ބައެއް ކައުންސިލުތަކުގެ މެންބަރުން ސޮއިކޮށް ބަޔާންތައް ނެރެމުންދިޔައެވެ.
ގިނަ ޕްރެޝަރުތަކެއް ކުރިމަތިކުރުވި ނަމަވެސް، ރައްޔިތުންގެ މަޖިލީހުން ވަނީ މިމަހުގެ ހަވަނަ ދުވަހު އެ ބިލު ފާސްކޮށްފައެވެ. ނަމަވެސް އެ ބިލު ތަސްދީގުކުރެއްވުމުގެ ކުރިން، ބ. އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ދަތުރުފުޅުގެ ތެރެއިން ދަރަވަންދޫގައި މިރޭ ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވަނީ ވަރަށް ދިގުކޮށް، ވަރަށް ތަފްސީލުކޮށް އެ އިސްލާހުތަކުގެ ވާހަކަތައް ދައްކަވައިފައެވެ.
ރައީސް ވަނީ ލާމަރުކަޒީ ގާނޫނަށް ގެނައި އެއިން ކޮންމެ އިސްލާހެއް ފާހަގަކުރައްވައި، އެ އިސްލާހުތައް ގެންނަން ޖެހުނު ސަބަބު ވިދާޅުވެދެއްވައިފައެވެ. ރައީސް ވިދާޅުވެފައިވާ ގޮތުގައި، އެއީ ރައްޔިތުން ބާރުވެރިކުރުވުމުގެ އިސްލާހެކެވެ. ރައްޔިތުންނަށް އެ އިސްލާހުން މުއްސަނދިކަން ގެނުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ކައުންސިލުތަކުގެ ލޯކަލް ގަވަމަންޓް ކުންފުންޏަށް ކުރެވޭނެ ވިޔަފާރިތަކަށް ގެނައި އިސްލާހު!
ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން އާންމު ރައްޔިތުން ހިންގާ ކަންމަތީ ފިހާރަ ފަދަ ވިޔަފާރިތަކުގެ ތެރެއަށް ވަންނަ ކަމަށާއި އެހެން ހެދީމާ، ރަށުގެ އާންމު ރައްޔިތުންގެ މުއްސަނދިކަމަށް އޮތް މަގުތަކަށް ހުރަސް އެޅޭ ކަމަށެވެ.
"އެހެންވީމާ އެއް އިސްލާހަކަށް މި ގެނައި އިސްލާހަކީ ރަށްރަށުގެ ރައްޔިތުން ހިންގާ ކުދި ވިޔަފާރިތައް ނުހިންގޭނެއޭ، ލޯކަލް އޮތޯރިޓީ ކޮމްޕެނީތަކަށް ކުރެވޭނީ މަދުވެގެން ދިހަ މިލިއަން ރުފިޔާއަށްވުރެ ބޮޑު އިންވެސްޓްމަންޓުތަކޭ. ދިހަ މިލިއަން ރުފިޔާއަށްވުރެ ބޮޑިއްޔާ، ހަމަ ކޮންމެ ދާއިރާއަކުން ވެސް ލޯކަލް އޮތޯރިޓީ ކޮމްޕެނީން އިންވެސްޓުކޮށް ވިޔަފާރިކުރަންވީ، ކޮށްގެން ހޯދާ ފައިދާއިން ރައްޔިތުންނަށް ކައުންސިލަށް ކަންކަން ކޮށްދެވޭނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ އިސްލާހު ގެނެސްފައިވާނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހިމާޔަތްކޮށްދިނުމަށްޓަކައި ކަމަށާއި އެހެންވީމާ އެ އިސްލާހުން ރައްޔިތުން ބާރުވެރިކުރުވޭނެ ކަމަށެވެ. އަދި ރައްޔިތުން ބާރުވެރިކުރުމަކީ ކައުންސިލުތަކަށް ވެސް އޭގެ ފައިދާވާނެ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އާންމު ހިދުމަތްތައް ދިނުމަށް ދޫކުރާ ބިންތަކުން ކައުންސިލުތަކުން ބޮޑު ކުލި ނެގުން!
ރައީސް ވިދާޅުވީ ވަރަށް ގިނަ ކައުންސިލުތަކުން ރައްޔިތުންނަށް އާންމު ހިދުމަތްދިނުމަށްޓަކައި ބޭނުންކުރާ ބިންތަކުން ކުލި ނަގާ ކަމަށާއި ފެން، ކަރަންޓު، ނަރުދަމާ ފަދަ ކަންކަމަށް ދޭ ބިންތަކުން ވަރަށް ބޮޑު ކުލި ނަގާ ކަމަށެވެ. އެކަން އެހެން ކުރަމުންދާ އިރު، އާންމު ހިދުމަތްތައް ދިނުމަކީ ކައުންސިލުން ވެސް ކުރަންޖެހޭނެ ކަމެއް ކަމަށްބުނެ ގާނޫނުގައި ވަކި ޗެޕްޓަރެއް ހިމަނާފައި އޮންނަކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
"ކައުންސިލުގެ މައްޗަށް ލާޒިމުކަމެއް އެހެން ކުންފުންޏަކުން ކުރަންޏާ، ކައުންސިލުން ތާޑްޕާޓީ އެގްރިމަންޓެއް ވެސް ހަދަންޖެހޭ ކަމެއް. އެހެން އޮތް އިރުގައިވެސް، ބައެއް ކައުންސިލުތަކުން ކުލި ނަގާ. އަދި ބޮޑު ކުލި ނަގަނީ ކަރަންޓު، ފެން، ނަރުދަމާ ފަދަ އާންމު ހިދުމަތްދޭ ތަންތަނުން. އެހެންވީމާ މި ގެނައި އިސްލާހަކީ ރައްޔިތުންނަށް މިހާ މުހިންމު އާންމު ހިދުމަތްދޭ ބިންތަކުން ކުއްޔެއް ނުނެގޭނެއޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އާންމު ހިދުމަތްތައް ދިނުމަށް ދޫކުރާ ބިންތަކުން ކުލި ނެގުމުން، ރައްޔިތުންނަށް ދޭ ހިދުމަތް އަގުބޮޑުވެގެންދާ ކަމަށާއި އެ އިސްލާހަކީ ވެސް ރައްޔިތުން ބާރުވެރިކުރުމަށާއި ރައްޔިތުންނަށް ހެޔޮގޮތް ހޯދައިދިނުމަށް ގެނެވޭ އިސްލާހެއް ކަމަށެވެ.
ކައުންސިލުތަކުން އާމްދަނީން ޓެކްސް ދެއްކުން!
ރައީސް ވިދާޅުވީ ގާނޫނުގެ ދަށުން ކައުންސިލުތަކަށް އާމްދަނީ ހޯދުމުގެ ޖާގަ ވަރަށް ފުޅާކޮށް އޮންނަ ކަމަށާއި އެ އާމްދަނީ ހޯދަން ޖެހެނީ ރައްޔިތުންނަށް ކަންކަން ކޮށްދިނުމަށް ކަމަށެވެ. އަދި ވިޔަފާރިއެއް ކޮށްފިއްޔާ، އެ ވިޔަފާރިން ލިބޭ ފައިސާއިން ޓެކްސް ދައްކަން ޖެހޭ ކަމަށް ގާނޫނުގައި ވަރަށް ސާފުކޮށް އޮތް ނަމަވެސް، ކައުންސިލުތަކުން އާމްދަނީން ޓެކްސް ނުދައްކާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އެ ޓެކްސް ހޯދަނީ ކީއްކުރަންތޯ، އެ ޓެކްސްއިން ލިބޭ ފައިސާއިން ރައްޔިތުންނަށް ސަރުކާރުން ކަންކަން ކޮށްދޭންވެގެން. އެހެންވީމާ ޓެކްސް ދައްކަން މަޖުބޫރުވާ ގޮތަށް، އާމްދަނީން ޓެކްސް ދައްކަން މަޖުބޫރުވާ ގޮތަށް މި ގެންނަނީ އިސްލާހެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ އިސްލާހު ގެނައުމުގެ ބޭނުމަކީ ރައްޔިތުންނަށް އެ ޓެކްސް ނަގައިގެން ކަންކަން ކޮށްދިނުން ކަމަށާއި އެ އިސްލާހަކީ ވެސް ރައްޔިތުން ބާރުވެރިކުރުވަން، ރައްޔިތުންނަށް މުއްސަނދިކަން ގެނެސްދޭ އިސްލާހެއް ކަމަށެވެ.
ކައުންސިލުތަކުގެ އެކައުންޓަށް ޖަމާކުރާ ފައިސާގެ ތަފްސީލު ހާމަކުރުން!
ރައީސް ވިދާޅުވީ ކައުންސިލުތަކުގެ އެކައުންޓުތަކުގައި ހުންނަ ފައިސާއިން އެ ހޯދާ އާމްދަނީއެއް ގިނަ ކައުންސިލުތަކުން ހާމަ ނުކުރާ ކަމަށާއި ރައްޔިތުންނަށް އަދި އަމުދުން އެލްޖީއޭއަށް ވެސް އެ ތަފްސީލުތައް ހާމަނުކުރާ ކަމަށެވެ. އެއީ ޒިންމާދާރުކަމެއް ނެތް، ދެފުށް ފެންނަ ގޮތެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އެހެންވީމާ ރައްޔިތުން ހޮވާފައި ތިބޭ ކައުންސިލަރުން ރައްޔިތުންގެ ކައުންސިލުތައް ހިންގާ އިރު، ހޯދާ އާމްދަނީ އެ ފައިސާ ޖަމާކޮށްފައި، އެ އެކައުންޓަށް ޖަމާކުރާ ފައިސާގެ މައުލޫމާތު ލޯކަލް ގަވަމަންޓް އޮތޯރިޓީއާ ހިއްސާކުރަން ޖެހޭނެ ކަމަށް،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއީ ކޮންމެހެން ގާނޫނެއްގައި ލިޔަން ޖެހޭނެ ކަމެއް ނޫނަސް، ގާނޫނުގައި ލިޔަން ޖެހުނީ ކައުންސިލުތަކުން އެކަންކަން ނުކުރާތީ ކަމަށާއި ކައުންސިލުތަކުގެ ބާރު ހަނިނުކޮށް، އެ އިސްލާހުން ވެސް ރައްޔިތުންނަށް ލިބޭނީ ބާރުވެރިކަން ކަމަށެވެ.
އިންތިހާބާ ކައިރިކޮށްފައި މަޝްރޫއުތައް ހިންގުމާއި ގިނަ ވަޒީފާތަކެއް ދިނުން ހުއްޓުވުން!
ރައީސް ވިދާޅުވީ ބައެއް ކައުންސިލުތަކުން އިންތިހާބާ ކައިރިކޮށްފައި ޒިންމާދާރުކަން ކުޑަކޮށް، ދެފުށް ނުފެންނަ ގޮތަށް، ސިޔާސީ މަގުސަދު ހާސިލުކުރުމަށްޓަކައި ބަރިބަރިއަށް ރަށްރަށުގައި ހުންނަ ބިންތައް އެބަ ކުއްޔަށްދޭ ކަމަށާއި އެތައް ބަޔަކު ކުއްލިއަކަށް ކޮންޓްރެކްޓަށް ވަޒީފާއަށް ނަގާ ކަމަށެވެ.
ރަށުގެ ތަރައްގީގެ ޕްލޭނަކީ ރައްޔިތުންގެ ބައްދަލުވުމެއް ބާއްވައިގެން ފާސްކުރަން ޖެހޭ އެއްޗެއް ކަމަށްވީ ނަމަވެސް، އެ ތަރައްގީގެ ޕްލޭންގައި ނެތް ކަންތައްތަކެއް ކުއްލިއަކަށް އެބަ ފަށައި ފައިސާތަކެއް ހަރަދުކުރާ ކަމަށާއި އިންތިހާބާ ދިމާކޮށް ކުރާ އެ ކަންތައްތަކަކީ ގާނޫނު ހުއްދަކުރާ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންވީމާ މިކަންކަން ކުރަންޏާ، ލޯކަލް ގަވަމަންޓް އޮތޯރިޓީއަށް ހުށަހަޅައިގެން ހުއްދަ ނަގާށޭ، އެއީ ގާނޫނުގައި ހުރި މެންޑޭޓުގެ ތެރޭގައި ހުރި ޒިންމާތައް އަދާކުރަންތޯ މި ބިންތައް މި ކުއްޔަށް ދެނީ، އެ ޒިންމާތައް އަދާކުރަންތޯ ކުއްލިއަކަށް ބައިވަރު މީހުން ކޮންޓްރެކްޓަށް މި ނަގަނީ، ނޫނީ އެ ޒިންމާ އަދާކުރަންތޯ ތަރައްގީގެ ޕްލޭންގައި ނެތް މަޝްރޫއެއް ކުއްލިއަކަށް ފަށަން މި ޖެހުނީ. އެކަން ޗެކްކޮށްލަން، ޗެކް އެންޑް ބެލެންސް ނިޒާމެއް ގާއިމުކުރުމުގެ ގޮތުން އެލްޖީއޭގެ ހުއްދަ، ފިނޭންސް މިނިސްޓްރީގެ ހުއްދައަށް ހުށަހަޅާށޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެކަހަލަ ކަމެއް ކުރަންޏާ، އެކަމެއް ހުށަހެޅުމުން، އެއީ ހަމަ ގާނޫނުން ރައްޔިތުންނަށްޓަކައި ކައުންސިލުން ކުރަންޖެހޭ ކަމެއް ކަމަށް ވަރަށް ސާފުކޮށް އެ ހުށަހަޅާ ހުށަހެޅުމަކުން ސާބިތުވަންޏާ ހުއްދަ ލިބޭނެ ކަމަށާއި މަނާ ނުވާނެ ގޮތަށް ގެންނަނީ ޗެކް އެންޑް ބެލެންސް ނިޒާމެއް ކަމަށެވެ. އަދި އެ ހުއްދަ ނަގަން ޖެހޭނީ ވެސް އިންތިހާބު ފެށުމަށް އެއް އަހަރަށްވީމަ، އެ އެއް އަހަރުތެރޭ އެކަނި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ލާމަރުކަޒީ ނިޒާމު ޗެމްޕިއަންކުރުމަށް ގެންނަންޖެހޭ އިސްލާހުތަކެއް!
ރައީސް ތަކުރާރުކޮށް ވިދާޅުވީ އެ އިސްލާހުތަކުގައި ރައްޔިތުން ބާރުވެރިކުރުން ނޫން ކަމެއް ނޯންނާނެ ކަމަށާއި ޗެކް އެންޑް ބެލެންސް ނިޒާމު ގެނައުން ނޫން ކަމެއް، ގުޑް ގަވަނަންސް ނޫން ކަމެއް، އަމިއްލަ ކުދިކުދި ވިޔަފާރިތައް ހިންގާ ފަރާތްތަކުގެ ވިޔަފާރި ހިމާޔަތްކުރުން ނޫން ކަމެއް ގެނެސްފައިވާ ނުވާނެ ކަމަށެވެ.
"އެހެންވީމާ މިއީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމާއި، ޗެމްޕިއަންކުރުމަށް ގެންނަން ޖެހޭ އިސްލާހުތަކެއް. މި ނިޒާމަކީ އަޅުގަނޑުމެން ބަލައިގަންނަ، އަޅުގަނޑުމެން ވަރަށް ބޮޑަށް ހިންގަން ބޭނުންވާ ނިޒާމެއް. އެހެންވީމާ މި ނިޒާމު އިތުރަށް ތަރައްގީކުރަން ގެންނަ އިސްލާހުތަކެއް މިއީ. އެހެންވީމާ މި އިސްލާހުތައް މި ގެނައީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް ހިދުމަތްދެނީ ވަރަށް ސީރިއަސް ވިސްނުމެއްގައި ކަމަށާއި އެ މަނިކުފާނާ ރައްޔިތުން ހަވާލުކޮށްފައިވާ ޒިންމާ އަދާކުރުމުގައި ހޭދަވާ ކޮންމެ ސިކުންތެއް ވެސް ވަރަށް މުހިންމު ކަމަށެވެ. އަދި އެ މަނިކުފާނު ބޭނުންފުޅުވަނީ ކުރެއްވި ހުވަޔާ އެއްގޮތަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމުގައި ރެޔާއި ދުވާލު ހޭދަކުރަން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު