ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލުން، ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގެ އެއާލައިނެއް ކަމަށްވާ އެއާ އަރަބިއާއަށް ހިދުމަތް ދޭން ފަށައިފިއެވެ.

އެއާ އަރަބިއާއަކީ އާ ޓާމިނަލުން ހިދުމަތް ދޭން ފެށި ބޭރުގެ ފުރަތަމަ އެއާލައިނެވެ. އަދި އެ ޓާމިނަލުން ހިދުމަތް ދޭން ފެށި ދެވަނަ އެއާލައިނެވެ. އާ ޓާމިނަލުން އެންމެ ފުރަތަމަ ހިދުމަތް ދޭން ފަށާފައިވަނީ ގައުމީ އެއާލައިން ކަމަށްވާ މޯލްޑިވިއަންއަށެވެ.

ވީއައިއޭ ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ވަނީ އެއާ އަރަބިއާގެ ދަތުރުތައް އާ ޓާމިނަލުން ފެށުމުގެ ގޮތުން ހާއްސަ ހަފުލާއެއް ބާއްވައިފައެވެ.

13 އޮގަސްޓު 2025، ޔުނައިޓެޑް އަރަބި އެމެރިރޭޓްސް (ޔޫއޭއީ)ގެ އެއާލައިނެއް ކަމަށްވާ އެއާ އަރަބިއާއަށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯ (ވީއައިއޭ)ގެ އާ ޓާމިނަލުން ހިދުމަތް ދޭން ފެށުމުގެ ގޮތުން ބޭއްވި ހަފުލާގެ ތެރެއިން ---- ފޮޓޯ: މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)

އެއާ އަރަބިއާއިން މިހާރު ރާއްޖެއަށް ބާއްވަނީ ދުވާލަކު އެއް ދަތުރެވެ. ނަމަވެސް މިއަހަރުގެ އޮކްޓޫބަރު 27 އިން ފެށިގެން ދުވާލަކު ޝެޑިއުލް ދެ ދަތުރު ކުރަން އެ އެއާލައިނުން ވަނީ ނިންމައިފައެވެ.

އެއާ އަރަބިއާގެ އިތުރަށް އާ ޓާމިނަލުން ހިދުމަތް ދިނުމަށް މިހާރު މަޝްވަރާ ކުރަމުން އަންނަ އެއާލައިންތަކަކީ، ޗޮންޖިން އެއާލައިންސް، ބިއޯންޑް، ޒިއަމެން އެއާ، އޮމާން އެއާ، ފިޓްސް އޭވިއޭޝަން އަދި ޔޫއެސް ބަންގްލާ އެއާލައިންސްގެ އިތުރުން ބެންކޮކް އެއާވޭސްއާއި ބަޓިކް އެއާވޭސް އެވެ.

އެމްއޭސީއެލުން ބުނި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ ޓޫރިޒަމްގެ ޕީކް ސީޒަން ފެށުމުގެ ކުރިން، މިއަންނަ މަހުގެ ނިޔަލަށް 34 އެއާލައިންގެ ހިދުމަތްތައް އާ ޓާމިނަލަށް ބަދަލުކުރުމެވެ.