އިޓަލީ ގޯލްކީޕަރު ޖިއާން ލުއީޖީ ޑޮނަރޫމާ، ރަސްމީކޮށް ޕީއެސްޖީ ދޫކޮށްލަން އިއުލާނު ކޮށްފިއެވެ.
ޑޮނަރޫމާއަކީ މިދިޔަ ސީޒަނުގައި ޕީއެސްޖީން ހޯދި ކާމިޔާބީތަކުގެ މުހިއްމު ދައުރެއް އަދާކޮށްދިން ކުޅުންތެރިއެކެވެ. ހާއްސަކޮށް އެޓީމުން ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގައި ޑޮނަރޫމާ ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.
އެހެން ނަމަވެސް، އުމުރުން 26 އަހަރުގެ ޑޮނަރޫމާ ޕީއެސްޖީއާ އެކު ހަދާފައިވާ އެއްބަސްވުން ދެން އާ ނުކުރަން އެ ކްލަބުން ވަނީ ނިންމައިފައެވެ. ޑޮނަރޫމާ ޕީއެސްޖީއާއެކު ހަދާފައިވާ އެއްބަސްވުން އަންނަ ސީޒަނުގެ ނިޔަލަށް ހަމަވާން އޮތުމާ އެކު، މިހާރު ކުރިއަށްދާ ޓްރާންސްފާ ވިންޑޯގައި ކްލަބު ދޫކޮށްލަން އޭނާ ވަނީ އިއުލާނު ކޮށްފައެވެ.
ޕީއެސްޖީން އުމުރުން 23 އަހަރުގެ ފްރާންސް ކީޕަރު ލޫކަސް ޝެވަލިއޭވެސް ގެންގޮސްފައިވާ އިރު، ބެލެވިފައިވާ ގޮތުން އެ ޓްރާންސްފާއާއެކު ޑޮނަރޫމާއަށް ފުރަތަމަ 11 ވެސް ގެއްލޭނެއެވެ.
ލިލްއަށް މޮޅަށް ކުޅެމުން އަންނަ ޝެވަލިއޭ އަކީ ޔޫއެންއެފްޕީ ފުޓުބޯލާސް ޔޫނިއަންއިން ހޮވި މިދިޔަ ސީޒަނުގެ އެންމެ މޮޅު ގޯލްކީޕަރުވެސް މެއެވެ.
ޕީއެސްޖީ ދޫކޮށްލިކަން ރަސްމީކޮށް އިއުލާނުކުރަމުން ޑޮނަރޫމާ ކުރި ޕޯސްޓެއްގައި ބުނީ ކްލަބަށް ސޮއިކުރި ހިސާބުން އެ ކްލަބުގެ ގޯލުގެ ދިފާއުގައި ކުރެވުނު ހުރިހާ މަސައްކަތެއް ކުރި ކަމަށާއި، މިހާރު ހާލަތު ހުރި ގޮތުން، އޭނާއަށް އެ ކްލަބުގައި ނުހުރެވޭނެކަން ވަކި މީހަކު ނިންމާފައިވާ ކަމަށެވެ.
ޑޮނަރޫމާއާއި ކޯޗު ލުއިސް އެންރިކޭއާ ދެމެދު މައްސަލަތަކެއް ޖެހިފައި ވަނީ ޕީއެސްޖީން ކުޅެން އޮތް، ޔޫއެފާ ސުޕަ ކަޕް ސްކޮޑަށް ނުނެގުމުން ކަމަށް ނޫސްތައް ބުނެއެވެ.
ޑޮނަރޫމާ އިތުރަށް ބުނީ ކްލަބުން ދިޔުމުގެ ކުރިން، އެ ކްލަބުގެ ސަޕޯޓަރުންނާ އަދި އެއްފަހަރު ބައްދަލުކޮށް، ރަނގަޅު އަލްވަދާއެއް ކިޔަން ބޭނުންވާ ކަމަށާއި، އެ ފުރުސަތު ހޯދައިދޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
ޑޮނަރޫމާ ޕީއެސްޖީ ދޫކޮށްލަން ތައްޔާރުވެފައިވާ އިރު، އޭނާ ހޯދަން ޔޫރަޕްގެ ބައެއް ބޮޑެތި ކްލަބުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި މެންޗެސްޓާ ސިޓީ ފާހަގަކޮށްލެވެއެވެ.
މުޙައްމަދު ޝަމްޢޫން
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ