ރަށުގެ ރައްޔިތުންނަށް ހަރަދުކުރުމަށް ދައުލަތުގެ ބަޖެޓުން ކައުންސިލުތަކަށް ދޫކުރާ ބްލޮކް ގްރާންޓު ފައިސާއިން ބައެއް ކައުންސިލުތަކުން ބޭރުގެ ގައުމުތަކަށް ކުރާ ތަޖުރިބާގެ ދަތުރުތަކުން އެއްވެސް ފައިދާއެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބ. އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އޭދަފުށީގައި މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ މިދިޔަ އަހަރު ކައުންސިލުތަކަށް ބަޖެޓުން 2.2 ބިލިއަން ރުފިޔާ ބްލޮކް ގްރާންޓުގެ ގޮތުގައި ދޫކުރި ކަމަށާއި ނަމަވެސް އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ވެސް ހޭދަނުކުރާ ކަމަށެވެ.

"ދެން މީގެން މި ފެންނަނީ ބައެއް ރަށްރަށުގެ ކައުންސިލުތައް އޮތްގޮތަށް ތަޖުރިބާގެ ދަތުރު ކިޔާފައި މިދަނީ ރާއްޖެއިން ބޭރުގެ އެހެން ގައުމަކަށް، ރާއްޖޭގެ މި ކައުންސިލު މާހައުލަށް ރައްޔިތުންނަށް ފައިދާވާ ކަހަލަ އެއްވެސް ކަމެއް ތަޖުރިބާ ނުކުރެވޭނެ ކަހަލަ ގައުމަކަށް ތަޖުރިބާ ދަތުރުތަކުގައި އެއްކަލަ ފައިސާ ހަރަދުކޮށްފައި. ނޫނީ އެކަހަލަ ބޭކާރު ހަރަދު،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުންނަށް ހަރަދުކުރުމަށް ދޫކުރާ އެ ފައިސާ ޒިންމާދާރުކަމާއެކު ހޭދަކުރަން ޖެހޭ ކަމަށާއި އެ ފައިސާއަކީ ގާނޫނީގޮތުން ކައުންސިލުތަކަށް ދޫކުރާ އެއްޗެއް ކަމަށެވެ. އަދި އެ ފައިސާ ބާކީކޮށްގެން ވާނެ ފައިދާއެއް ވެސް ނޯންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އަހަރު ނިމުނު އިރުގައި ހޭދަނުކޮށް ރާއްޖޭގެ ހުރިހާ ކައުންސިލުތަކެއްގެ އެކައުންޓުތަކުގައި ބާކީ އެބަހުރި 1.4 ބިލިއަން ރުފިޔާ ބަހައްޓާފައި. 2.2 ބިލިއަން ދިނީ، އަހަރު ނިމުނު އިރުގައި، ހަރަދުނުކޮށް ބާކީ އެބަހުރި ހުރިހާ ކައުންސިލެއްގެ އެކައުންޓުތައް އެއްކޮށްލީމަ 1.4 ބިލިއަން. ބްލޮކް ގްރާންޓް، މި ފައިސާ ކައުންސިލުތަކަށް މި ދެނީ ހިދުމަތްތައް ފޯރުކޮށްދޭން، މުނިސިޕަލް ހިދުމަތްކުރަން މި ދެނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެ ފައިސާ ދިނުމުން ރައްޔިތުންނަށް ކަންކަން ކޮށްދިނުމަށް ހަރަދުކުރުމަކީ ކައުންސިލުތަކަށް ލާޒިމުކަމެއް ކަމަށާއި އެއީ ގާނޫނުގައި ބުނާ މުނިސިޕަލް ހުރިހާ ކަމެއް އެންމެ ފެންވަރު ރަނގަޅުކޮށް ކުރުމަށް ދޫކުރާ ފައިސާއެއް ކަމަށެވެ.