އޭއެފްސީ ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖުގެ ޖާގައެއް ހޯދަން ކުޅޭ ޕްލޭއޮފް މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް މިއަދު ނުކުންނާނީ މަރުގެ މެޗަކަށް ކަމަށާއި، ބަހަނާއެއް ދައްކަން ބޭނުން ނުވާ ކަމަށް ކުވައިތުގެ އަލް އަރަބީގެ ކޯޗު މާކޯ އަލްވޭސް ބުނެފިއެވެ.

އަލްވޭސް އަރަބީއާ ހަވާލުވީ މިދިޔަ ޖުލައި މަހުގައެވެ. އޭގެ ކުރިން މިދިޔަ ސީޒަނުގެ އޭއެފްސީ ޗެލެންޖް ލީގުގައި މާޒިޔާއާއި އަރަބީ، ކުވައިތުގައި ވާދަކޮށްފައިވާ އިރު، އެމެޗުން މާޒިޔާ ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ.

މިފަހަރު ކޮލިފިކޭޝަންގައި އެންމެ މެޗެއް ކުޅެން ޖެހޭ އިރު، މިއަދުގެ މެޗުގެ ކުރިން އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަމުން އަލްވޭސް ބުނީ، މީގެ ކުރިން މާޒިޔާއިން ޗެލެންޖް ލީގުގައި ކުޅުނު މެޗުތަކަށް ބަލައި، މެޗު ފަސޭހަ ނުކޮށްލެވޭނެ ކަމަށެވެ.

"މިދިޔަ އަހަރު މާޒިޔާއާއި އަލް އަރާބީ، އޭއެފްސީ ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗު ބަލައިފިން. އަދި މާޒިޔާއިން ކުޅުނު އަނެއް މެޗުވެސް ބަލައިފިން. މާޒިޔާ އެދެމެޗުގައިވެސް މޮޅަށް ކުޅުނު. ހަގީގަތުގައި ބަލިވުން ހައްގެއްވެސް ނޫން. އެއީ ވަރަށް ތަފާތު މާހައުލެއްގައި ތަފާތު ދަނޑެއްގައި ކުޅުނު މެޗެއް. އެހެންވީމަ މާދަމާ ގަލޮޅު ދަނޑުގެ ވިނައިގައި މެޗު ކުޅުން އެއީ ތަފާތު ފެންނާނެ ކަމެއް. މާޒިޔާއިން މި ކުޅެނީ ހޯމްގައި،" އިއްޔެ އަލްވޭސް ބުންޏެވެ.

ކޯޗު އަލްވޭސް ބުނީ މާޒިޔާއިން ހަމައެކަނި މި ތައްޔާރުވީ އަލް އަރަބީގެ މެޗަށް އެކަނި ކަމަށްވުމުން، އެއީ ފައިދާއެއް ކަމަށާއި، އެ ކްލަބަށް އެކަމުން ފޯކަސް ރަނގަޅު ކުރެވޭނެ ކަމަށެވެ. އެއީ މާޒިޔާއަށް ގެއްލުމަކަށް ވެދާނެތޯ ނޫސްވެރިން ސުވާލުކުރުމުން ޕޯޗުގަލްގެ ކޯޗު، އަލްވޭސް ބުނީ އެކަމުގައި ގެއްލުމާ އެއްވަރަށް ހަމަ ފައިދާވެސް ހުންނާނެ ކަމަށެވެ.

އެގޮތުން މާޒިޔާއިން ވާދަވެރި މެޗެއް ނުކުޅު ނަމަވެސް، ސީދާ ވަކި މެޗަކަށް ތައްޔާރުވަމަކީ މޮޅެއް ހޯދަން ބޮޑަށް މަސައްކަތް ކުރެވޭނެ ސަބަބެއް ކަމަށެވެ.

އަރަބީގެ ކޯޗު ބުނީ ފުރަތަމަ މަރުހަލާއިން ސަލާމަތްވެ، ގްރޫޕް ސްޓޭޖަށް ދާން އަރަބީ ތައްޔާރުކަމަށާއި، ޓާގެޓަކީވެސް ގްރޫޕް ސްޓޭޖުވެސް ފަހަނައަޅައި ދިޔުމަށް ކަމަށެވެ. އޭގެ އިތުރުން އޭނާ ބުނީ އަރަބީއަށް މިފަހަރު ކޮލިފިކޭޝަނަށް ހާއްސަކޮށް، ބިދޭސީ ތިން ކުޅުންތެރިއެއް ތަންކޮޅެއް ލަހުން ޓީމާ ގުޅުނު ކަމަށާއި، އެއީ މާޒިޔާއަށް ފައިދާއަކަށްވެދާނެ ކަމަށެވެ. އެހެން ނަމަވެސް، އެއީ އެއްވެސް ހާލެއްގައި "އެކްސްކިއުސް"އެއް ނޫން ކަމަށް އޭނާ ބުންޏެވެ.

"އަހަރެމެންގެ ޓީމާ ވަރަށްފަހުން ގުޅުނު ތިން ކުޅުންތެރިޔަކު ތިބުމަކީ މާޒިޔާއަށް ފައިދާއަކަށް ވެދާނެ. އެހެން ނަމަވެސް އެއީ އަހަރެން ދައްކާ ބަހަނާއަކަށް ނަހަދާނަން. އަހަރެމެންނަށް އެނގޭ މެޗުގެ ވަރުގަދަކަން. ހާއްސަކޮށް މަރުގެ މެޗެއް މިއީ. އެކަމަށް ތައްޔާރުވެގެން ނުކުންނާނީ. އެންމެތަންކޮޅެއްވެސް ފަހަތަކަށް ނުޖެހޭނަން،" އަލްވޭސް ބުންޏެވެ.

އިއްޔެގެ ޕްރެސްގައި އަލްވޭސް އިތުރަށް ބުނީ ރާއްޖޭގެ ދަނޑަށާއި މޫސުމަށް ހޭނެން ވަގުތު ނަގާނެ ނަމަވެސް، އެއީ ބަހަނާއަކަށް ނަހަަދަނޭ ކަމަށެވެ. ބޭނުންވަނީ އެކަންކަމާއެކުވެސް މޮޅުވާން ކަމަށެވެ.

މާޒިޔާއާއި އަލް އަރަބީ ވާދަކުރާ މެޗު އޮންނާނީ މިއަދު މެންދުރުފަހު 3:00 ގައެވެ.