ރާއްޖޭގެ ރަށްރަށުގެ ހިއްކި ބިންތަކުގައި ޔުޓިލިޓީ ހިދުމަތްތައް ގާއިމުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ބޮޑު މަޝްރޫއެއް ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބ. އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އޭދަފުށީގައި މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ގިނަ ރަށްތަކުގައި ހުރީ ހިއްކި ބިންތަކުގައި އެއްވެސް ކަމެއް ނުކުރެވި ކަމަށާއި ގޯއްޗެއް ދިނަސް، ވިޔަފާރިއެއް ފަށަން އުޅުނަސް، ކަރަންޓާއި ފެނާއި ނަރުދަމާ އަދި އެހެންވެސް ހިދުމަތެއް ގާއިމުކުރެވިފައި ނުވާ ކަމަށެވެ. އެއީ އެތައް އަހަރެއް ވެފައި އޮތް މައްސަލައެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

"ހިއްކި ބިންތައް ހަމަ ނަމެއްގައި، ބޭނުމެއް ނެތް ގޮތެއްގައި މިއޮތީ. އަޅުގަނޑުމެން މި އަންނަ އަހަރަށް ބަޖެޓު މި ހަދަނީ މިކަމަށް ހާއްސަ ޕްރޮގްރާމެއް ހިމަނައިގެން. މި އަންނަ އަހަރުގެ ބަޖެޓު ހަދާ އިރުގައި، ހާއްސަ ނިއު އިނީޝިއޭޓިވް ޕްރޮގްރާމެއް އެބަ ހިމަނަން، ހިއްކާފައި ހުރި ބިންތަކަށް ބޭނުންވާ ޔުޓިލިޓީސް ގާއިމުކޮށްދިނުމާއި، އިންފްރާސްޓްރަކްޗާ ގާއިމުކޮށްދިނުމުގެ މަޝްރޫއެއް ހިމަނާފައި،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ މަޝްރޫއުގެ ތެރެއިން އެންމެ އިސްކަންދޭނީ އާބާދީ އާއި ތަރައްގީ އެއްފަސްކުރެވޭނެ ރަށްތަކާއި އާބާދީ ބޮޑެތި ރަށްތަކަށް ކަމަށާއި އެގޮތަށް ގޮސް ތަރުތީބުކުރެވިގެންދާނެ އެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އަދި މިއަހަރު ވެސް އޭގެ ތެރެއިން ފޭސްއެއް ފެށެން އޮތްތޯ ބަލައި ފަށަން މަސައްކަތްކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ހަމަ ޔަގީނުން ވެސް މި އަންނަ އަހަރަށް މި ކަނޑައަޅާ ބެޖެޓުގެ ތެރޭގައި ހިމެނޭނެ ހިއްކި ބިންތަކަށް ބޭނުންވާ ފެން، ކަރަންޓު، ނަރުދަމާ، މަގު ހިމެނޭގޮތަށް ވަރަށް ބިޔަ ބޮޑު ޕްރޮގްރާމެއް، މި ދެންނެވިގޮތަށް ހިންގުމަށްޓަކައި. އޭގެ ތެރޭގައި ވަރަށް ގިނަ ރަށްތަކެއް ކަވަރުކުރެވިގެންދާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.