ދައުލަތުގެ ބަޖެޓުން ކައުންސިލުތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި މިދިޔަ އަހަރު ދޫކުރި 2.2 ބިލިއަން ރުފިޔާގެ ތެރެއިން ކައުންސިލުތަކުން ދެބައިކުޅަ އެއްބައި ވެސް ހަރަދުކޮށްފައިނުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބ. އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އޭދަފުށީގައި މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ސަރުކާރުން ބަޖެޓު ފާސްކޮށްފައި، ބަޖެޓު ދިނީމަ އެ ބަޖެޓު ހަރަދުކުރަން ޖެހޭނެ ކަމަށާއި ޒިންމާދާރުކޮށް އެ ފައިސާ ރައްޔިތުންނަށް ހަރަދުކުރަން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑަށް މިއަދު ފިނޭންސް މިނިސްޓަރު ދެއްވި ހިސާބަކީ ގާތްގަނޑަކަށް 2.2 ބިލިއަން ރުފިޔާ ބްލޮކް ގްރާންޓުގެ ގޮތުގައި މިދިޔަ އަހަރު ރާއްޖޭގެ ހުރިހާ ކައުންސިލަކަށް ދޫކުރި ފިނޭންސް މިނިސްޓްރީން. އަހަރު ނިމުނު އިރުގައި، އުސޫލެއްގެ މަތިން ކޮންމެ ކައުންސިލެއް ވެސް އެ ކައުންސިލަކަށް ދީފައިވާ ބްލޮކް ގްރާންޓު ހޭދަކުރަން ޖެހޭނެ ރައްޔިތުންނަށް ހިދުމަތްކުރުމަށް، މުނިސިޕަލް ހިދުމަތްދޭން. އަހަރު ނިމުނު އިރުގައި ހޭދަނުކޮށް ރާއްޖޭގެ ހުރިހާ ކައުންސިލުތަކެއްގެ އެކައުންޓުތަކުގައި ބާކީ އެބަހުރި 1.4 ބިލިއަން ރުފިޔާ ބަހައްޓާފައި،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހުރިހާ ކައުންސިލެއްގެ އެކައުންޓުތައް އެއްކޮށްލީމަ ހަރަދުނުކޮށް 1.4 ބިލިއަން ރުފިޔާ ބާކީ އެބަހުރި ކަމަށާއި އެ ފައިސާ ކައުންސިލުތަކަށް ދެނީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި އެ ފައިސާ ދިނީމާ ރައްޔިތުންނަށް ކަންކަން ކޮށްދޭން ހަރަދުކުރުމަކީ ކައުންސިލަށް ލާޒިމު ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ޖުމުލަކޮށް ގާނޫނުގައި ބުނާ މުނިސިޕަލް ހުރިހާ ކަމެއް ކުރަން، އެންމެ ފެންވަރު ރަނގަޅުކޮށް އެ ރަށަކަށް ދޫކުރާ ބަޖެޓުން ކުރެވެން ހުރި އެންމެ ރަނގަޅަކަށް ކުރުމަށް ފައިސާ ދޫކުރަނީ. އެކަމަކު އަހަރު ނިމުނު އިރު، މި ހުރީ މީގެ ދެބައިކުޅަ އެއްބައި ހޭދަނުކޮށް،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެ ބްލޮކް ގްރާންޓުގެ ފައިސާއިން ބައެއް ރަށްރަށުގެ ކައުންސިލުތައް އޮތްގޮތަށް ތަޖުރިބާގެ ދަތުރު ކިޔާފައި ރާއްޖެއިން ބޭރުގެ ގައުމުތަކަށް ދަތުރުކުރާ ކަމަށާއި އެ ދަތުރުތަކުގައި ދަނީ ރާއްޖޭގެ ކައުންސިލު މާހައުލަށް، ރައްޔިތުންނަށް ފައިދާވާ ކަހަލަ އެއްވެސް ކަމެއް ތަޖުރިބާ ނުކުރެވޭނެ ކަހަލަ ގައުމަކަށް ކަމަށެވެ. އަދި އެގޮތަށް އެކަން ނުރައްވައި، ރައްޔިތުންނަށް އެ ފައިސާ ހަރަދުކުރުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު