ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ) އާއި އެގްރިކަލްޗާ މިނިސްޓްރީ ގުޅިގެން ހުޅުމާލެ ފޭސް 2 ގައި، 60 ރުއް އިންދައިފިއެވެ.

ހުޅުމާލެ ފޭސް 2ގެ ބީޗްގައި މިއަދު ހަވީރު ކުރިއަށްގެންދިޔަ ރުއް އިންދުުގެ ހަރަކާތަކީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެން، ދިވެހި ރުއް ދިރުވައި އާލާކޮށް އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

އެ ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ އިސްވެރިންނާއި ހެރިޓޭޖު މިނިސްޓްރީގެ އިސްވެރިންނާއި އެގްރިކަލްޗާ މިނިސްޓްރީގެ އިސްވެރިނާއި މުވައްޒަފުންގެ އިތުރުން އެޗްޑީސީގެ އިސްވެރިނާއި މުވައްޒަފުން އަދި ސްކޫލްތަކުގެ ދަރިވަރުންނާއި މުދައްރިސުން ބައިވެރިވިއެވެ.

11 އޮގަސްޓު 2025: އެޗްޑީސީ އާއި އެންވަޔަރަމަންޓް މިނިސްޓްރީ ގުޅިގެން ހުޅުމާލެ ފޭސް 2 ގައި، 60 ރުއް އިންދުމުގެ ހަރަކާތުގެ ތެރެއިން --- ފޮޓޯ/ އެޗްޑީސީ

ރުއް އިންދުން ފައްޓަވައިދެއްވުމުގެ ގޮތުން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ ވަނީ ރުކެއް އިންދަވައިފައެވެ. އަދި ރަސްމިއްޔާތުގައި ބައިވެރިވި، ވުޒާރާތަކުގެ ވެރިންނާއި، ސްކޫލު ދަރިވަރުންގެ އިތުރުން ރަސްމިއްޔާތުގެ ބައިވެރީން ވެސް ވަނީ ރުއް އިންދުމުގައި ބައިވެރިވެފައެވެ.

ރާއްޖޭގައި ރުއް އާލާކުރުމުގެ ގައުމީ ހަރަކާތެއް ފެށުމަށް އެގްރިކަލްޗާ މިނިސްޓްރީން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން އެ ހަރަކާތުގެ ތެރެއިން އދ. އަރިޔަދޫގައި ރުއް އާލާކުރުމުގެ ގައުމީ މަރުކަޒު ގާއިމުކުރުން ވެސް ހިމެނެއެވެ.