ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބ. އަތޮޅުގައި ގާއިމުކޮށްފައިވާ ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރުޓީއެލް) ފެރީގެ ހިދުމަތް އެމަނިކުފާނު މިއަދު އިފްތިތާހުކޮށްދެއްވައިފިއެވެ.
ބ. އަތޮޅު އާރްޓީއެލް ފެރީގެ ހިދުމަތް ރައީސް އިފްތިތާހުކޮށްދެއްވީ ބ. އަތޮޅަށް އެ މަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު އޭދަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ޒޯން ދޭއްގައި ހިމެނޭ ބ. އަތޮޅުގައި އިންޓަގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް (އައިއެންޕީއެފްއެން)ގެ ދަށުން އާރުޓީއެލް ފެރީގެ ހިދުމަތުން ނިމިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހުން ފެށިގެން މިމަހުގެ ތިންވަނަ ދުުވަހުގެ ނިޔަލަށް ހިލޭ ދަތުރުތައް ކުރިއަށްގެންދިޔައެވެ.
އޭގެފަހުން މިމަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން އާރުޓީއެލްގެ ފެރީގެ ހިދުމަތް ކުރިއަށްގެންދިޔައީ ޓިކެޓު ނަގައިގެންނެވެ.
ޒޯން ދޭއްގައި ހިމެނޭ ޅ. އަތޮޅާއި ނ. އަތޮޅު އަދި ރ. އަތޮޅުގައި ވެސް މިހާރު ފެރީގެ ހިދުމަތް ފަށާފައިވާ އިރު، ކުރިއަށް އޮތްތަނުގައި ޒޯން ހަތަރެއްގައި ހިމެނޭ ހަތަރު އަތޮޅު އާރުޓީއެލް ފެރީގެ ނިޒާމުން ގުޅައިލުމުގެ މަސައްކަތް ވެސް ކުރިއަށްގެންދެއެވެ.
ބ. އަތޮޅުގައި ފެރީގެ ހިދުމަތް ފެށުމާއެކު ރާއްޖޭގެ 11 އަތޮޅެއްގައި އާރުޓީއެލްގެ ފެރީގެ ހިދުމަތް ކުރިއަށްދާނެއެވެ. މިއީ ރާއްޖޭގެ އަތޮޅުތައް ފެރީގެ ނިޒާމުން ގުޅުވާލުމަށް ފަށާފައިވާ މުހިންމު މަޝްރޫއެކެވެ.
އާރުޓީއެލް ފެރީގެ ހިދުމަތް ހިންގަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. އާރުޓީއެލް ފެރީ މަޝްރޫއަކީ މުޅި ރާއްޖޭގައި ތިން ފިޔަވައްސަކަށް ބަހާލައިގެން ހަ ޒޯނަކަށް ރާއްޖޭގެ އަތޮޅުތައް ބަހާލައިގެން ކުރިއަށްގެންދާ ގައުމީ ދަތުރުފަތުރުގެ މަޝްރޫއެކެވެ.
އެ މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ކުޑައަގެއްގައި ކަނޑުމަގުން ދަތުރުފަތުރު ކުރެވޭނެ މަގު ފަހިކުރުމާއި އިޖުތިމާއީ އަދި އިގުތިސާދީ ގޮތުން ފައިދާ ހުރި ނިޒާމެއް ގާއިމުކުރުމެވެ.
ފާތިމަތު ލިއުޝާ
އާރުޓީއެލް ފެރީ
އާރުޓީއެލް ފެރީ
އާރުޓީއެލް ފެރީ
އާރުޓީއެލް ފެރީ