ބ. ތުޅާދޫ އެއާޕޯޓުގެ ބިން ހިއްކުމުގެ އެއްބަސްވުން އުވާލައި އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ތުޅާދޫގައި އެއާޕޯޓެއް އެޅުމަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދުފުޅެކެވެ.

ރައީސް ސޯލިހުގެ ސަރުކާރުގައި އެއާޕޯޓުގެ ބައެއް މަސައްކަތްތައް ފެށި ނަމަވެސް، ދައުރު ނިމިގެންދިޔަ އިރު، އެއާޕޯޓުގެ މަޝްރޫއު ނިންމިފައެއް ނުވެއެވެ. އެކަމާ ގުޅިގެން ތުޅާދޫގެ ގިނަ ރައްޔިތުންތަކެއްގެ ފާޑުކިޔުން ވެސް އަމާޒުވިއެވެ.

މިދިޔަ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ތުޅާދޫ ބިން ހިއްކުމުގެ މަސައްކަތް ކެޕިޓަލް މެރިން އެންޑް ކޮންސްޓްރަކްޝަން (ސީއެމްސީ) ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ 2023 ޖުލައި 12 ގައެވެ. އަދި ތުޅާދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ 2023 އޮގަސްޓު 29 ގައެވެ.

ނަމަވެސް ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބުނީ 2023ގައި ސީއެމްސީއާ ހަވާލުކުރި އެއްބަސްވުން އުވާލުމަށްފަހު އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ.

ތުޅާދޫގައި ޑޮމެސްޓިކް އެއާޕޯޓެއް ގާއިމުކުރުމުގެ މަޝްރޫއަކީ "ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކާއި ރިސޯޓެއް އަދި ސިނާއީ ސަރަހައްދަކުންވިޔަސް އެންމެ ގިނައިރު ވެގެން 30 މިނެޓުން ފޯރާނެ ދުރުމިނެއްގައި ޑޮމެސްޓިކް އެއާޕޯޓެއް ގާއިމުކޮށް، ގައުމީ ޑޮމެސްޓިކް އެއާޕޯޓް ވިއުގަ ފުޅާކުރުން" މި ސިޔާސަތުގެ ދަށުން ކުރިއަށްގެންދެވޭ މަޝްރޫއެކެވެ.

އެ މަޝްރޫއުގެ މަސައްކަތުގެ އަގަކީ 570,260,350.80 މިލިއަން ރުފިޔާއެވެ. އެމްޓީސީސީއަށް މަސައްކަތް ނިންމަން ދީފައިވަނީ 660 ދުވަހެެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ތެރެއިން ތުޅާދޫގައި ގާއިމުކުރަން ނިންމާފައިވާ އެއާޕޯޓަކީ 1800 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭ އަކާއެކު ކޯޑް 3C އަށް ގާއިމުކުރެވޭ އެއާޕޯޓެކެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ތުޅާދޫ އެއާޕޯޓު ގާއިމުކުރުމަށްޓަކައި 55.4 ހެކްޓަރުގެ (2،231،740.00 ކޮޑި މީޓަރުގެ ވެލި) ބިން ހިއްކައި، 2804 މީޓަރުގެ ރޮކް ރިވެޓްމެންޓް އަދި 1677 މީޓަރުގެ ޖިއޯ ބޭގް ރެވެޓްމެންޓް ޖެހިގެން ދާނެއެވެ.