ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެމުންދިޔަ ސްރީ ލަންކާ ގައުމީ ޓީމުގެ ކެޕްޓަން އަދި ގޯލްކީޕަރު ސުޖަން ޕެރޭރާ، ބަންގްލަދޭޝް ލީގުގެ ފޯޓިސް އެފްސީއަށް ބަދަލުވާން އެއްބަސްވެއްޖެއެވެ.
ސުޖަން ކްލަބާ ދުރަށް ޖެހިލިކަން އެ ކްލަބުން އިއްޔެ ޔަގީންކޮށްދީފައިވާ އިރު، އޭނާއަކީ އެ ކްލަބަށް ގިނަ މެޗުތަކެއް ކުޅެދީފައިވާ ކުޅުންތެރިއެކެވެ. އެންމެފަހުން އެފްއޭއެމްއިން ބޭއްވި، އެފްއޭއެމް ލީގު ކަޕުގައިވެސް ޓީސީގެ ގޯލު ބެލެހެއްޓީ ސުޖަންއެވެ. އެ މުބާރާތުގެ އެންމެ މޮޅު ކީޕަރުގެ މަގާމުވެސް އޭނާ ހޯދިއެވެ.
ސުޖަން އެންމެ ފުރަތަމަ 2015 ވަނަ އަހަރު ރާއްޖޭގެ ކްލަބު އީގަލްސްއަށް ކުޅެފައިވާ އިރު، އޭނާ ވަނީ އެ ކްލަބަށް ފަސް ވަރަކަށް ސީޒަނުގައި ކުޅެފައެވެ. އޭގެފަހުން 2022 ވަނަ އަހަރުން ފެށިގެން ޓީސީއަށް ކުޅެމުން ގޮސްފައިވާ އިރު، ސުޖަންއަކީ ކެރިއަރުގެ ބޮޑު ބައެއް ރާއްޖޭ ލީގުގައި ހޭދަކުރި ކީޕަރެކެވެ.
ކެރިއަރުގެ ކުރީކޮޅު ރާއްޖެެއަށް އައިސް، ރާއްޖޭ ލީގުގައި ހޯދި ތަޖުރިބާއާ އެކު ގައުމީ ޓީމުގެ އެއް ނަމްބަރު ކީޕަރުގެ މަގާމު ހޯދައި، މިހާރު އޭނާއަކީ ގައުމީ ޓީމުގެ ކެޕްޓަނެވެ. ސުޖަންވެފައި ވަނީ މި ފަހަކަށް އައިސް ސްރީ ލަންކާ ފުޓުބޯޅައިން ފެނުނު އެންމެ ނުފޫޒުގަދަ އެއް ލީޑަރަށެވެ.
ރާއްޖޭގެ ލީގު އަންނަ ސެޕްޓެމްބަރު މަހު ފަށަން ތައްޔާރުވަމުންދާ އިރު، ޓީސީންވެސް އާ ސީޒަނަށް ކީޕަރެއް ގެންނާނެ ކަމަށް ބެލެވެއެވެ.
ޓީސީ ސްޕޯޓްސް ކްލަބު
ޓީސީ ސްޕޯޓްސް ކްލަބު
ޓީސީ ސްޕޯޓްސް ކްލަބު