ހުސްވެފަައިވާ ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް ފެމިލީ ކޯޓުގެ އިސްގާޒީ އިބްރާހިމް މާހިރު ކުރިމަތިލައްވައިފިއެވެ.
ހައި ކޯޓަކީ 11 ފަނޑިޔާރުންގެ މައްޗަށް އެކުލެވިގެންވާ ކޯޓެއް ނަމަވެސް މިހާރު އެ ކޯޓުގައި ތިއްބެވީ 10 ފަނޑިޔާރުންނެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން އެންމެ ފުރަތަމަ ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގެ ތެރޭގައި ކުރިމަތިލެއްވި ދެ ބޭފުޅަކު ފަނޑިޔާރުގެ މަގާމަށް އައްޔަންކުރައްވަން ނިންމިއެވެ. އެއީ ލ. މާވަށް ނަލަމަލަ، އަބްދުﷲ ޖަމީލް މޫސާ އާއި ޏ. ފުވައްމުލައް ދޫނޑިގަން، ގޯލްޑަންގޭޓް، މުހައްމަދު ޝަހީދު އެވެ. އޭގެ ތެރެއިން ޝަހީދު މީގެކުރިން ސިޔާސީ މަސައްކަތްތަކެއްގައި އަދި ހޯމްލޭންޑް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު އަދާކުރައްވާފައިވާތީ ގިނަބައެއްގެ ފާޑު ކިޔުން އަމާޒުވުމުން އޭނާ ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.
އެހެންވެ ހައިކޯޓަށް ފަނޑިޔާރެއް ހޯދުމަށް ޖޭއެސްސީން އަލުން ހުޅުވާލީ މިމަހުގެ ފަސްވަނަ ދުވަހު، މާދަމާއަަށް މުއްދަތު ހަމަވާ ގޮތަށެވެ.
އެނގިފައިވާ ގޮތުގައި ޖޭއެސްސީގެ އެ އިއުލާނާ ގުޅިގެން ކުރިމަތިލި މީހުންގެ ތެރޭގައި އިސްގާޒީ މާހިރު ހިމެނިވަޑައިގަންނަވައެވެ. އަދި ކުރީގެ އިއުލާނުގެ ދަށުން ކުރިމަތިލެއްވި ބައެއް ބޭފުޅުންވެސް އަލުން ވަނީ ކުރިމަތިލައްވައިފައެވެ.
ޖޭއެސްސީން، ފެމިލީ ކޯޓުގެ އިސްގާޒީގެ މަގާމަށް މާހިރު އައްޔަން ކުރައްވާފައިވަނީ 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހުގައެވެ. އޭގެ ކުރިން އޭނާ ވަނީ ސިވިލް ކޯޓުގައި ގާޒީގެ މަގާމު އަދާކުރައްވައިފައެވެ. އެއީ 2005 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނުވަވަނަ ދުވަހުން ފެށިގެންނެވެ. މާހިރު، ފެމިލީ ކޯޓުގެ ގާޒީގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ 2010 ވަނަ އަހަރުގެ މޭ މަހުގެ 23 ވަނަ ދުވަހުގައެވެ.
މުހައްމަދު އިޝާން
އާއިލާއާއި ބެހޭ ކޯޓު