އުރީދޫ މޯލްޑިވްސް އިން އެޕަލް ވޮޗާއި ސެމްސަންގް ގެލެކްސީ ވޮޗަށް ތައާރަފުކުރި އީސިމް ހިދުމަތާއެކު، ފޯނާއި ނުލައި ރައްކާތެރިކަމާއެކު ކޮންމެ ތަނެއްގައި ހުރެގެން ވެސް ސީދާ ގަޑިން ފޯނުކޮށް މެސެޖުކުރެވޭގޮތަށް މަގުފަހިވެއްޖެއެވެ.

އުރީދޫން މިއަދު ބުނީ އަތުކުރީގައި އޮންނަ ގަޑިއާއެކު ހެނދުނު ދުވުމަށް ނުކުތް ނަމަވެސް، ނުވަތަ ބިޒީ މަސައްކަތުގެ ދުވަހެއްގެ މެދުތެރޭގައި ވިޔަސް، މިހާރު ކޯލްކޮށް، ރިސީވްކޮށް، މެސެޖް ފޮނުވުމާއި، މިއުޒިކް ސްޓްރީމްކޮށް، އެޕްލިކޭޝަންތައް މުޅިން މިނިވަންކަމާއެކު ބޭނުންކުރެވޭނެ ކަމަށެވެ. އަދި އުރީދޫ ނެޓްވޯކާ ކޮންމެ ވަގުތަކު، ކޮންމެ ތަނެއްގައި ވެސް ގުޅިފައިވާކަން ޔަގީންކޮށްދޭނެ ކަމަށް އުރީދޫން ބުންޏެވެ.

ސްމާޓްވޮޗަށް އީސިމް އެކްޓިވޭޓް ކުރުމަކީ އަވަސް އަދި ފަސޭހަ ކަމެއް ކަމަށާއި ފިޒިކަލް ސިމް ކާޑެއް ނުވަތަ އެއްވެސް އިތުުރ އެޕްލިކޭޝަނެއް އެކަމަކަށް ބޭނުމެއް ނުވާނެ ކަމަށް އުރީދޫން ބުންޏެވެ.

އެޕަލް ވޮޗް ނުވަތަ ސެމްސަންގް ގެލެކްސީ ވޮޗް ފޯނާ ގުޅާލައި، ސްކްރީނުގައި ވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކޮށް، އީސިމް ގަޑިއަށް އެކްޓިވޭޓްކޮށްލެވޭނެއެވެ. އެ ހިދުމަތަކީ ހަމައެކަނި އުރީދޫ ނެޓްވޯކްގައި ފޯރުކޮށްދޭ ހިދުމަތެކެވެ.

އުރީދޫގެ ސްމާޓްވޮޗް އީސިމްއާއެކު ދިރިއުޅުމުގެ ވައްޓަފާޅި އިތުރަށް ފަސޭހަވެ، ކޮންމެ ވަގުތަކު ވެސް އަދި ކޮންމެ ތަނެއްގައި ވެސް ގުޅުމުގެ މިނިވަންކަން ތަޖުރިބާކޮށްލެވޭނެ ކަމަށް އުރީދޫން ބުންޏެވެ.