ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 840 އަށް ވުރެ ގިނަ ފަރާތަކަށް ގޯތީގެ ރަޖިސްޓްރީ ދޫކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ހައުސިން މިނިސްޓްރީން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 843 އަށް ވުރެ ގިނަ ގޯތީގެ ރަޖިސްޓްރީ ދޫކޮށްފައިވާ ކަމަށެވެ.

ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް މި އަހަރުގެ ޖޫން ދެވަނަ ދުވަހު ގެނައި ބަދަލާ ގުޅިގެން ގުރުއަތު ނެގުމަށް ފަހު، ގޯތި ލިބިފައިވާ މީހުންނަށް ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ހައުސިން މިނިސްޓްރީ ކުރިން ހިންގި އިމާރާތުގެ ބިމުގައެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހެދި ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭން މި ސަރުކާރުން ބަދަލުކޮށް، ގިރާވަރުފަޅުން ކުރިން ދޭން ނިންމި ބައެއް ގޯތިތައް ގުޅިފަޅުން ދޭގޮތަށް ހަމަޖެއްސިއެވެ. އެހެންވެ، ކުރީގެ ރަޖިސްޓްރީތައް ބާތިލުކޮށް، ގޯތި ލިބޭ ސަރަހައްދުތައް އަލުން ކަނޑައަޅަން ވަނީ ގުރުއަތު ނަގައިފައެވެ.

އަލަށް ހަދާ ރަޖިސްޓަރީ ހޯދުމަށް އެދި ހައުސިން މިނިސްޓްރީއަށް ހުށަހެޅުމަށް އެ މިނިސްޓްރީން ހުޅުވާލީ މިދިޔަ މަހުގެ ފުރަތަމަ ދުވަހެވެ. ނަމަވެސް އަލަށް ހަދާ އެއްބަސްވުމާއި ގޯތި ދިނުމުގެ އުސޫލާ ފުށުއަރާ ގާނޫނީ މައްސަކަތަކެއް ފާހަގަވުމުން މިނިސްޓްރީން ވަނީ އެޓާނީ ޖެނެރަލްގެ ލަފާ ހޯދުމަށް ނިންމައިފައެވެ.

ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް މިހާރު ގެނެސްފައިވާ އެންމެ ބޮޑު ބަދަލަކީ ހިއްކަން ހަމަޖެހިފައިވާ ފުންތަނުން ދޭން ނިންމާފައިވާ ގޯގިތައް މިހާރު ހިއްކައި ނިމިފައިވާ ސަރަހައްދުން ދޭން ނިންމައި ގެނައި ބަދަލެވެ.

އެ މައްސަލާގައި ހައުސިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި މީގެ ކުރިން ބުނެފައިވަނީ ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރު ފަޅުން ގޯތި ލިބިފައިވާ މީހުންނަށް ކުރީގެ ސަރުކާރުން ގޯތީގެ ރަޖިސްޓްރީ ހަވާލުކުރި ނަމަވެސް، އެކި ސަބަބުތަކާ ހުރެ ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ފަހުން ގެނައި ބަދަލާއެކު، އެތަނުން ގޯތި ލިބުނު މީހުންގެ ޕްލޮޓް ނުވަތަ ބިމުގެ ސަރަހައްދު ބަދަލުވެފައިވާ ކަމަށެވެ.