ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ޕްރެޒިޑެންޓް ކަޕް ކްރިކެޓް މުބާރާތުގެ ތަށި މާލޭ ސްޕޯޓްސް ކްލަބުން އުފުލާލައިފިއެވެ.

ކުޅިވަރު އެކުވެނީގެ ކްރިކެޓް ގްރައުންޑްގައި މިދިޔަ ހުކުރު ދުވަހު ކުޅުނު ފައިނަލް މެޗުގައި މާލޭ ސްޕޯޓްސް ކްލަބުން ތަށި އުުފުލައިލީ، މިދިޔަ އަހަރުގެ ޗެމްޕިއަން ސީބީއެލްއާއި ވާދަކޮށް، ހަތަރު ވިކެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ.

ފައިނަލް މެޗުގެ ގުރު ދިމާވުމުން ސީބީއެލް ގަސްދުކުރީ ކުޅުމަށެވެ.

ކުޅެންއަރާ 20 އޯވަރު ހަމަވި އިރު، ނުވަ ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 127 ލަނޑެވެ. އެޓީމަށް އެންމެ ރަނގަޅަށް ކުޅުނު އަސާން ޔަޕާ 39 ބޯޅައިން 52 ލަނޑު ހެދި އިރު، ސަވިންދަ ވަނީ 13 ބޯޅައިން 17 ލަނޑު ހަދައިފައެވެ. މާލޭ ސްޕޯޓްސް ކުލަބަށް މޮޅަށް އުކި، މުހައްމަދު މަހަފޫޒު ވަނީ ތިން ވިކެޓް ނަގައިފައެވެ. އޭގެ އިތުރުން އިރުފާނާއި ސިޔާމްވެސް ވަނީ ކޮންމެ އުކުންތެރިޔަކު ދެ ވިކެޓް ނަގައިފައެވެ.

ޖަވާބުގައި މާލޭ ސްޕޯޓްސް ކަލްބު ކުޅެން އަރައި، ހަކުޅުންތެރިން ނުބައިވެގެން 18 ވަނަ އޯވަރުގައި 130 ލަނޑު ހަދައިގެން މެޗު ކާމިޔާބުކުރިއެވެ. މާލޭ ސްޕޯޓްސް ކްލަބުގެ މުހައްމަދު ރިސްވާން ވަނީ 46 ބޯޅައިން 61 ލަނޑު ހަދައިފައެވެ. އަދި އަބްދުލް ހަލީގް ވަނީ 21 ބޯޅައިން 29 ލަނޑު ހަދައިފައެވެ.

ސީބީއެލް ސްޕޯޓްސްއަށް އެންމެ ރަނގަޅަށް އުކާފައިވާ ހަރުޝައާއި ޕްރަގީތު ވަނީ ކޮންމެ އުކުންތެރިއަކު، ދެ ވިކެޓް ނަގައިފައެވެ.

މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މަލޭ ސްޕޯޓްސް ކްލަބްގެ މުހަންމަދު ރިސްވާނެވެ.

ޕްރެސިޑެންޓްސް ކަޕުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާލޭ ސްޕޯޓްސް ކްލަބުގެ އިސްމާއިލް އަލީއެވެ. އެންމެ މޮޅު އުކުންތެރިއަކަށް ހޮވުނީ ސީބީއެލްގެ ޕަންޑުކާއެވެ. އަދި އެންމެ މޮޅު ހޮވުންތެރިއަކަށް ހޮވުނީ އެމްއެސް އެކަޑަމީގެ ދިލްޝާނެވެ. އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ މިލާން ކްރިކެޓް އެކަޑަމީގެ މުހަންމަދު ރަޔާން ތޮލާލެވެ. މުބާރާތުގެ ހުރިހާގޮތަކުން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސީބީއެލްގެ ރުވާން ތާރަކައެވެ.