ތުރުކީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރަން ނިންމައިފައިވާ މިސައިލް ފޮނުވޭ އަސްކަރީ މަނަވަރު ރާއްޖެ ގެނެސްފިއެވެ.

އެނގިފައިވާ ގޮތުގައި ޓީސީޖީ ވޮލްކަން (ޕީ-343) މަނަވަރު މިހާރު އޮތީ މާލެ ސަރަހައްދުގައެވެ. އަދި އަންނަ ހަފުތާގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި އެ މަނަވަރު ހަވާލުކުރާނެއެވެ.

ރާއްޖޭގެ ޑިފެންސް މިނިސްޓްރީން މި އަހަރުގެ އެޕްރިލް 13 ވަނަ ދުވަހު ނެރުނު ބަޔާނުގައި ބުނީ ތުރުކީން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ހަދިޔާކުރަނީ ޑޯގަން ކްލާސްގެ މަނަވަރެއް ކަމަށެވެ.

އެ ބަޔާނުގައި ބުނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ބޮޑު އިސްކަމެއް ދެއްވާ ސިޔާސަތަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލް ހިމާޔަތްކޮށް ރައްކާތެރިކުރުން ކަމަށާއި އެ ސިޔާސަތު ތަންފީޒުކުރުމަށްޓަކައި ރަހުމަތްތެރި ގައުމުތަކާ ގުޅުން ބަދަހިކޮށްގެން އެ އަމާޒަށް ވާސިލުވުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.

ތުރުކީގެ އަސްކަރީ އުޅަނދުތަކުގެ މައުލޫމާތު ޝާއިއުކުރާ ވެބްސައިޓުގައި ބުނެފައިވަނީ ތުރުކީން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ހަދިޔާކުރާ އެ މަނަވަރަކީ ރާއްޖެއާއި ތުރުކީއާ ދިފާއީ ގުޅުން ބަދަހިކުރުމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން ތުރުކީގެ ދިފާއީ ވުޒާރާއި ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

އެއީ ޑޯކަން ކްލާހުގެ ފާސްޓް އެޓޭކް ކްރާފްޓެއް ކަމަށްވާ ޓީސީޖީ ވޮލްކަން (ޕީ-343) ގެ މަނަވަރެކެވެ.

އެ ނޫހުގައި ބުނެފައިވާގޮތުން އެ އުޅަނދު ރާއްޖެ ގެނައުމަށް ހަމަޖެއްސީ ނިމިދިޔަ އެޕްރިލް މަހުގައެވެ. އަދި އެ މަނަވަރު ރާއްޖެ ގެނައުމުގެ ދަތުރު ފެށީ ފާއިތުވި ޖުލައި މަހުގައެވެ.

ތުރުކީގެ ކަނޑުގެ އަސްކަރިއްޔާގެ ޓީމެއް އެ އުޅަނދުގެ ސިސްޓަމްތައް އެކްޓިވޭޓްކޮށް ދިވެހި ސިފައިންނަށް ދެ ހަފުތާގެ ތަމްރީނު ޕްރޮގްރާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް ތުރުކީގެ އަސްކަރިއްޔާގެ ނޫހުން ބުނެއެވެ.

އެ ހަދިޔާއަކީ ތުރުކީއާއި ރާއްޖެއާ ދެމެދު ދިފާއީ ގުޅުން ބަދަހިކުރުމަށް ހަމަޖައްސާފައިވާ އުޅަދެއްކަމަށާއި ޓީސީޖީ ވޮލްކަން (ޕީ-343) އަކީ ޖަރުމަނުގެ ޝިޕްބިލްޑަރު ލޫސަން ވާފްޓް ޑިޒައިންކޮށް ރަސްމީކޮށް ތުރުކީގެ ކަނޑުގެ އަސްކަރިއްޔާގެ ތެރެއަށް 12 މެއި 1981 ގައި ހަވާލުކުރި ޑޯކަން ކްލާހުގެ ފާސްޓް އެޓޭކް ކްރާފްޓެއް ކަމަސްވެސް އެ ނޫހުގައި ވެއެވެ.

އެނޫހުގައި އިތުރަށް ބުނެފައިވަނީ ހާޕޫން އެންޓި-ޝިޕް މިސައިލް ތައް ބޭނުންކޮށްގެން ތުރުކީގައި އެންމެ ފުރަތަމަ ދަތުރުކުރި އެއް އުޅަނދުގެ ހައިސިއްޔަތުން، އެ އުޅަނދުގެ ފުރަތަމަ އަހަރުތަކުގައި ކަނޑުގެ އަސްކަރީ ގާބިލުކަން ވަރަށް ބޮޑަށް އިތުރުވެގެން ދިޔަކަމަށެވެ.

އޭގެ އިތުރުން ޓެސްޓް އަދި ޓްރެއިނިން އުޅަނދެއްގެ ގޮތުގައި 2024 ވަނަ އަހަރު އަލުން ގިންތިކުރި ނަމަވެސް ވޮލްކަން އަކީ މެރިޓައިމް އޮޕަރޭޝަންތަކަށް ހަރުދަނާ ޕްލެޓްފޯމެއް ކަމަށްވެސް އެ ނޫހުގައި ބުނެފައިވެއެވެ.

މިކަމުގެ އިތުރު މައުލޫމާތު ހޯދުމަށް އެމްއެންޑީއެފްއަށް "ވަން" އިން ގުޅާލުމުން ބުނީ މީޑިޔާތަކަށް އެކަމާ ގުޅުންހުރި އިތުރު މައުލޫމާތު މާދަމާގެ ވަގުތެއްގައި ހިއްސާކުރާނެ ކަމަށެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެންމެ ފުރަތަމަ ދަތުރުފުޅު ކުރެއްވީ ތުރުކީއަށެވެ. އެ ދަތުރުފުޅުގައި އަސްކަރީ ގިނަ މަޝްވަރާތަކެއް ކުރައްވާފައިވާ އިރު، ތުރުކީގެ އަސްކަރީ ޑްރޯންތަކެއް ވެސް ރާއްޖޭން ގަނެ މިހާރު އަންނަނީ ބޭނުން ކުރަމުންނެވެ.