ލިއޯ ސްޓޯސް އެންޑް ސަޕްލައި ޕްރައިވެޓް ލިިމިޓެޑަށް 3.4 މިލިއަން ދައްކަން، ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
މިއީ ލިއޯ އާއި ވެމްކޯއާ ދެމެދު ކޮށްފައިވާ ވިޔަފާރީގެ މުއާމަލާތަކާ ގުޅިގެން ވެމްކޯއިން ލިއޯއަށް ދައްކަންޖެހި ނުދައްކާ އޮތް 3.4 މިލިއަން ރުފިޔާ އާއި މި ފައިސާ ދެއްކުން ލަސްވުމުގެ ސަބަބުން އިންޓްރެސްޓްގެ ގޮތުގައި ދޭންޖެހޭ 279،071 ރުފިޔާއާއެކު ޖުމްލަ 3.7 މިލިޔަން ރުފިޔާ ވެމްކޯއިން ހޯދުމަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ.
މި މައްސަލައިގައި ހިމެނޭ 3.4 މިލިޔަން ރުފިޔާއަކީ ވެމްކޯއިން، ލިއޯއަށް ދައްކަންޖެހޭ ފައިސާއެއް ކަމަށް އެއްބަސްވެ، އެފައިސާ ދެއްކުމަށް 12 މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ވެމްކޯއިން އެދިފައިވާ ރުފިޔާއެވެ. އަދި އިންޓްރެސްޓްގެ ގޮތުގައި ދޭންޖެހޭ ކަމަށް ބުނާ 279،071 ރުފިޔާއަކީ ނަގައިދެވޭނެ އެއްޗެއް ނޫން ކަމަށް ދެކޭ ކަމަށް ބުނެ ދައުވާގެ އެބަޔަށް ވެމްކޯއިން ވަނީ އިންކާރު ކޮށްފައެވެ.
މި ދައުވާއަށް ވެމްކޯއިން ހުށަހެޅި ދިފާއީ ރައްދު ފޯމުގައި އިންޓްރެސްޓް ފައިސާގެ ވާހަކަ ހިމެނުނު ނަމަވެސް މިމަހު ހަ ވަނަ ދުވަހު ބޭއްވި މި މައްސަލައިގެ އަޑު އެހުމުގައި ވަނީ އެ ނުކުތާއާ ގުޅިގެން އިތުރަށް ޝަރީއަތް ހިންގުމަކާ ނުލައި މައްސަލައަށް ކޯޓުން ގޮތެއް ކަނޑައަޅައިދިނުމަށް ދެފަރާތުން އެދިފައެވެ.
އެހެންކަމުން މައްސަލަ ބެލުމަށްފަހު ބުރާސްފަތި ދުވަހު ކޯޓުން ކުރި ހުކުމްގައި ވަނީ އިންޓްރެސްޓްގެ ގޮތުގައި ދައުވާގައި ހިމަނާފައިވާ 279،071 ރުފިޔާ ނަގައިދެވޭނެ ގާނޫނީ އަސާސެއް ލިއޯ އަށް ދެއްކިފައި ނުވާތީ މި ފައިސާ ނަގައިދޭންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
އަދި މިފައިސާ ދައްކަން ވެމްކޯއިން އެދުނު 12 މަސް ދުވަހުގެ މުއްދަތު ދެވެން ނެތް ކަމަށާއި އެކަމަށް ދެެވޭނީ ތިން މަސް ދުވަސް ކަމަށް ލިއޯ އިން ބުނެފައިވާތީ، ތިން މަސް ދުވަހުގެ ތެރޭގައި ލިއޯއަށް 3.4 މިލިޔަން ރުފިޔާ ދައްކައި ހަލާސްކުރުމަށް ވެމްކޯގެ މައްޗަށް ވަނީ ސިވިލް ކޯޓުން ހުކުމް ކޮށްފައެވެ.
އިބްރާހިމް ޒަކީ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު